Roadha Mihaaru
މައުމޫނާއި ނަޝީދު، މެމްބަރުންގެ ހައްގުގައި

މައުމޫނާއި ނަޝީދު، ގޮނޑި ގެއްލިދާނެ މެމްބަރުންގެ ހައްގުގައި

13 ޖުލައި 2017

ސުޕްރީމް ކޯޓުން މިރޭ އިއްވި ހުކުމުގެ ސަބަބުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިދާނެ މެމްބަރުންނަށް ހިތްވަރު ދެއްވައި، އެ ބޭފުޅުންގެ ފަހަތްޕުޅުގައި ކުރީގެ ދެ ރައީސުން ތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސުޕްރީމް ކޯޓުން މިރޭ އިއްވި ހުކުމުގެ ސަބަބުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިދާނެ މެމްބަރުންނަށް ހިތްވަރު ދެއްވައި، އެ ބޭފުޅުންގެ ފަހަތްޕުޅުގައި ކުރީގެ ދެ ރައީސުން ތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިވަކިން ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވުމުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ގޮނޑި ކާމިޔާބުކޮށްދޭން މަސައްކަތްކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ގޮނޑި ގެއްލިދާނެތީ އެ މެމްބަރުން ކަންބޮޑުވެވަޑައިނުގަތުމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގޮނޑި ގެއްލުވާލިއަސް "ﷲގެ އިރާދަފުޅާ އެކު، ތި ގޮނޑި ނަގައިދޭނެ" އެވެ.

ނަޝީދުގެ މި ޓްވީޓް އައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ބިނާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމާ އެކު، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެއްދެވި ދުސްތޫރީ މައްސަލައަށެވެ.

މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރެއްވުމުން ގޮނޑި ގެއްލިއްޖެ ކޮންމެ މެމްބަރަކު އަލުން ހޮވައިދޭން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މައުމޫން އޭގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި "މިއީ ޑިމޮކްރަސީގެ ކަޅު ދުވަހެކެ"ވެ. އެކަމަކު އަބަދުވެސް ކާމިޔާބު ލިބޭނީ ރައްޔިތުންނަށް ކަމަށް، އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ކުރެއްވި ޓްވީޓް

ބަންޑާރަ ނައިބު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނާ ގޮތުން ގޮނޑި ގެއްލޭނީ މިއަދުން ފެށިގެން ޕާޓީތަކުން ވަކިވާ، ވަކިކުރާ އަދި އެހެން ޕާޓީއަކާ ގުޅޭ މެމްބަރުންނެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެތައް މެމްބަރުންނެއް އެކި ޕާޓީތަކަށް ބަދަލުވެފައި ވިޔަސް، އެ މެމްބަރުންގެ ގޮނޑިއަށް އަސަރެއް ނުކުރެ އެވެ.

މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ދާއިރާއެއްގެ ބައިއިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ހުސްވާ ގޮނޑިތަކުގެ ބައިއިލެކްޝަން ބާއްވަން ޖެހެނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.