Roadha Mihaaru
ޔާމީންގެ ހުކުމާ އެކު ސިޔާސީ މަސްރަހު ބަދަލުވަނީ؟

ޔާމީންގެ ހުކުމާ އެކު ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް؟

29 ނޮވެމްބަރ 2021

"ސުޕްރީމް ކޯޓު ނުފޫޒަކަށް ނުގުޑާނެ އެވެ. ހުކުމް އިންސާފުވެރިވާނެ،" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

"ސުޕްރީމް ކޯޓު ނުފޫޒަކަށް ނުގުޑާނެ އެވެ. ހުކުމް އިންސާފުވެރިވާނެ،" އެވެ.

މި އުއްމީދުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ގިނަ ބަޔަކު ތިބީ ހިމޭންކަމާ އެކު އިންތިޒާރުގަ އެވެ. އެ މީހުން ޔަގީންކޮށްގެން ތިބީ ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުން ޔާމީނަށް މާދަމާ އިންސާފު ލިބޭނެ ކަމަށެވެ.

އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ހުކުމް ކުރަން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް އުފަންކުރުވައި ސިޔާސީ ދައުވާއަކުން އިއްވި ހުކުމް ނުފޫޒާ އެކު ހައި ކޯޓުން ދަމަހައްޓާފައިވާ ކަމުގެ ފާޑުކިއުން އަމާޒުކުރިއަސް ސުޕްރީމް ކޯޓުގެ ހުކުމް އަތުވެދާނެ ގޮތަކާ މެދު ސުވާލެއް ނުއުފައްދަ އެވެ. އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ނިންމެވުންތަކުން ކޯޓާ މެދު އުފައްދާފައި އޮތް އިތުބާރު ބޮޑު ކަމުން ކަމަށް ވެސް ވެދާނެ އެވެ.

މި އިތުބާރުގެ މައްޗަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ވަރަށް ޔަގީންކަމާ އެކު ވިދާޅުވަމުން ގެންދަވަނީ "ނުހައްގު ޖަލު ހުކުމުން" އަންގާރަ ދުވަހު ޔާމީން މިނިވަންވާނެ ކަމަށެވެ.

މިއީ, ޔާމީންގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ އުއްމީދަށް ވިޔަސް މި ނޫން ގޮތަކަށް ވެސް ހުކުމް އަތުވެދާނެ އެވެ. ރާއްޖޭގައި މި ފަހުން ސިޔާސީ ލީޑަރަކަށް ހުކުމް އިއްވާއިރު އެ ހުކުމް ނެރޭނީ މިވެނި ގޮތަކަށް ކަމަށް ބުނެ ދައްކާ ސިޔާސީ ވާހަކަތަކުގެ އަޑު މަޑުވެފައި އޮތް ހުކުމެއް މި ނޫނީ ނުދެ އެވެ. ޔާމީންގެ ވަކީލުންނާއި ޕާޓީގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން، ލަފާކުރުންތަކުގެ މައްޗަށް ވާހަކަ ދައްކައި ފާޑުކިޔައި ނުހެދުމެވެ.

"އިދިކޮޅު ލީޑަރާ އެކު ޕާޓީ ވަރުގަދަވާނެ"

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަން ވިޔަސް ނުވަތަ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ވެސް ގުޅިފައި އޮތީ ޕީޕީއެމްގެ ސިޔާސީ ކުރި މަގާ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީން މިނިވަންވުމާ އެކު ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް އެއްކޮށް ބަދަލުވާނެ އެވެ. އެ ދުވަހާއި ވަގުތުން ފެށިގެން އިދިކޮޅުގެ ހަރަކާތްތައް ވެސް ވަރުގަދަވާނެ އެވެ.

ޕީޕީއެމްގެ އެއްވުމެއްގެ ބައިވެރިން ދޫވެހި ކައިރިއަށް އެއްވި އިރު ރައީސް ޔާމީން ކުޑަދޮރުން ބޯދިއްކުރައްވައި ސަޕޯޓަރުންނަށް އިޝާރާތުން ގޮވާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ އެއްވުމެއްގެ ބައިވެރިން ދޫވެހި ކައިރިއަށް އެއްވި އިރު ރައީސް ޔާމީން ކުޑަދޮރުން ބޯދިއްކުރައްވައި ސަޕޯޓަރުންނަށް އިޝާރާތުން ގޮވާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އަމާޒެއް, މިސްރާބެއް ނެތި ބަލިކަށިވެފައި އޮތް ޕާޓީ އަލުން ދިރޭނެ އެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ޒިންމާ އަދާނުކުރެއްވި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕީޕީއެމްގެ މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވި މުޅި ޕާޓީގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ އެމަނިކުފާނު މިނިވަންކުރުމަށެވެ.

ސަރުކާރަށް ޕްރެޝަރު ބޮޑުކޮށްފި ނަމަ އެކަމުގެ އަގު، ޔާމީން އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމުގެ ބިރު ޕާޓީއަށް އޮތެވެ. އެއާއެކު އެމަނިކުފާނު ޖަލުން މިނިވަންކުރަން ޕާޓީގެ ލީޑަޝިޕްގެ ޕްލޭނުން އެކަށިީގެންވާ ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތުތައް ކުރި އެވެ. މިކަމުގެ ފަހަތުގައި އޮތް ސަބަބަކަށް ދައްކަނީ ރިޔާސީ ކެންޑިޑޭޓު ކަމަށް ޝައުގުވެރިވާ ގިނަ ބަޔަކު ޕާޓީގައި ތިބުމެވެ.

"ސިޔާސީ ބޮޑު ޕާޓީއެއްވީމަ ޕޮލިޓިކަލް އެސްޕިރޭޝަންތައް މީހަކު ހުރުމަކީ އެކަށީގެންވާ ކަމެއް. އެއީކީ މައްސަލައެއް ނޫން. ކުރިން ވެސް އަދި ފަހުން ވެސް ރައީސް ޔާމީން ހުންނަވަނިކޮށް އެމަނިކުފާނަށް ޗެލެންޖްކޮށްފައި ވެރިކަމަށް އަންނާކަށް މަސައްކަތެއް ނުކުރޭ," އިދިކޮޅުގެ ބޭފުޅަކު ވިދާޅުވި އެވެ.

ޕާޓީގެ ތެރޭގައި މިހާތަނަށް އޮތް ނިންމުމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނެވެ. އިންތިހާބު އޮންނަ ތާރީހަށް އެމަނިކުފާނަށް އެ ފުރުސަތު ފަހިވާނެ ކަމަށް ޕީޕީއެމުގެ އިސް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. އެކަމަކު މާދަމާގެ ހުކުމާ ހަމައަށް އެމަނިކުފާނަށް އޮތީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވެ ޕްރައިމަރީއެއްގެ ފުރުސަތު ބޮޑުވެފަ އެވެ.

ސަޕޯޓަރުންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވާނީ ޔާމީން މިނިވަން ވެއްޖެ ނަމަ, އިންތިހާބުގައި ވާދަކުރަން ގާނޫނީ ގޮތުން ބަންދުވެފައި އޮތް ދޮރު ވެސް ހުޅުވުމެވެ.

ޔާމީން މިނިވަން ވެއްޖެ ނަމަ ޕްރައިމަރީގެ ޝައުގުވެރިކަން ހުންނެވި ބޭފުޅުން އެ އުއްމީދުތަކާ އެކު އެއްފަރާތްވެވަޑައިގަންނަވާނެ އެވެ. އެންމެން ވެސް އަމާޒަކަށް ދެން އޮންނާނީ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުމެވެ.

"ރައީސް ޔާމީން މިނިވަންވީމަ އޮޕޮޒިޝަންގެ ވަރުގަދަ ލީޑަރެއް ފެންނާނެ. މިހާތަނަށް މަސައްކަތް ކުރީ ބެކަޕްގައި ބޭފުޅަކު ބަހައްޓައިގެން. އެއީކީ ޕާޓީގެ އޮޕޮޒިޝަން ލީޑަރެއް ނޫން. ނަމަވެސް އަޅުގަނޑުމެން ޑެޕިއުޓީ ލީޑާސްތެރެއިން ބޭފުޅަކު މަސައްކަތް މިކުރީ،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވަޑައިގަތީމަ މި ހުރިހާ ކަމެއް ހަމަޖެހިފައި ދެން އިންނާނީ ވަރަށް ސްމޫތު ރައިޑެއް ލީޑަޝިޕްގެ ތިބި ހުރިހާ މީހުން އެ މީހަކަށް އެސައިންކުރެވޭ ޓާސްކްތަކަށް ވަރަށް ރަނގަޅަށް އިންސްޓްރަކްޝަން ލިބިގެން ކުރިއަށް ދާން."

ވަގުތީ ގޮތުން ގޭބަންދުގައި މިވަގުތު ހުންނެވިޔަސް އޭގެ ކުރިން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދިއުމުން ޕާޓީގެ ކަންކަމުގައި ސީދާ އެމަނިކުފާނާ މުއާމަލާތް ކުރަން ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެކަމަކު ޕާޓީއާ އެކުގައި މަސައްކަތް ކުރަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތުމަކީ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ވުމުގެ އިތުރުން ޕާޓީއަށް މެމްބަރުން ވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ--.ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ--.ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ގޮތުގައި އަޑުއުފުލާ އެމްޑީޕީގެ ސަރުކާރުން އުޅެނީ އިދިކޮޅު ލީޑަރު ހައްޔަރުކޮށްގެންނެވެ. މިއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތައް ބޭނުންވާ ގޮތަށް ހިންގަން ކުރިމަތިކުރުވާފައިވާ ހުރަހެއް ކަމަށް ވިދާޅުވި އެވެ.

"اللهގެ ތަނަވަސް ރަހުމަތުން ރައީސް ޔާމީން 30 ވަނަ ދުވަހު މިނިވަން ވެއްޖެ ނަމަ ޕާޓީގެ ހަރަކާތްތައް 7 ގިއަރު ބާރަށް ކުރިއަށް ޖައްސާނަން," ޝިޔާމް ވިދާޅުވި އެވެ.

"ގައުމު އޮތް ހާލަތުން އެވަރަށް މަސައްކަތް ނުކޮށްފި ނަމަ ގައުމު ހޯދައި ނުފެންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިނިވަންވުމަކީ ޕާޓީގެ މެމްބަރުންނަށް ވުރެން ގައުމަށް ލިބޭނެ ވަރަށް ބޮޑު އުފަލަކާއި އުއްމީދެކެވެ.

އިދިކޮޅު ކޯލިޝަންގެ އެހެން ބޭފުޅަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ކުރާ އިތުބާރާ މެދު ވެސް އަންގާރަ ދުވަހު ރައްޔިތުން ގޮތެއް ނިންމާނެ ކަމަށެވެ.

"އެތަނުގައި ތިބި ގިނަ ފަނޑިޔާރުންނަކީ ފޮތުގައި އޮންނަ ގޮތަށް ބެލެންސްކޮށް ހުކުމް ކުރައްވާނެ ބޭފުޅުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ," އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ޕްރެޝަރެއް"

އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީން މިނިވަންވުމުން ސަރުކާރަށް ފަސޭހައެއް ނުވާނެ އެވެ. އެއީ ވައުދުތަކެއްވެ އެ ވައުދުތަކާ ދިމާ އިދިކޮޅަށް ގޮތް ނިންމައި، ލަސް ދުވެލީގައި ހިނގާ ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރަކަށްވާނެ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

"އެކަމަކު ވެސް ރައީސް ޔާމީން މަސައްކަތެއް ނުކުރައްވާނެ ވެރިކަން ވައްޓާލާކަށެއް. އެ ޔަގީން ކަމެއް. އެމަނިކުފާނު ކާމިޔާބު ހޯއްދަވާނީ ވޯޓުން،" އިދިކޮޅުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އެސެޓެއް ރައީސް ޔާމީންއަކީ. ރާއްޖޭގެ ކުރި މަގު ވަކި ގޮތަކަށް ބައްޓަންކުރުމަށް އަދި މަލްޓިޕާޓީ ޑިމޮކްރަސީގައި ރާއްޖޭގެ ހައިބަތާއި ކަރާމާތް ދަމަހައްޓައިގެން ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ވެރިކަމެއް ކުރައްވާނެ ބޭފުޅެއް."

އޭނާ ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ވަރުގަދަވުމާ އެކު ކަންކަމުގައި ގޮތް ނިންމުން ލަސް މި ސަރުކާރުގެ ކަންކަން ހަލުވިވާނެ ކަމަށެވެ. އެއާއެކު ގޯހުން ހިނގަމުންދާ ކަންކަން ހުއްޓުވުމަށް ބާރަކަށް ވާނެ އެވެ.

"ގައިމު ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިހާރަށް ވުރެން ހުޝިޔާރުވާނެ" އެ ބޭފުޅާ ވިދާޅުވި އެވެ.

ޕީޕީއެމުން އުއްމީދުކުރާ ގޮތަށް އަންގާރަ ދުވަހު ޔާމީން މިނިވަން ނުވެއްޖެ ނަމަ ވެސް ރިޔާސީ އިންތިހާބަށް މިއޮތް ދެ އަހަރާ ދެމެދު މަޑުޖެހިގެން ތިބުމުގެ ވިސްނުމެއް ނެތެވެ. އޭރަށް ވެސް ސިޔާސީ މަސްރަހުން ބަދަލުތަކެއް ފެންނާނެ އެވެ.

'އޭރަށް އަޅުގަނޑުމެންގެ ކުޅި ބައި ބަދަލުކުރާނަން،" އޭނާ ވިދާޅުވި އެވެ.