Roadha Mihaaru
ޑޮއްނަރުއްމާ އެންމެ ފަހުން ކޮންޓްރެކްޓް އާކޮށްފި

ޑޮއްނަރުއްމާ އެންމެ ފަހުން ކޮންޓްރެކްޓް އާކޮށްފި

12 ޖުލައި 2017

މިލާން (ޖުލައި 7) – އޭސީ މިލާނުގެ އުމުރުން 18 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ އެންމެ ފަހުން އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

މިލާން (ޖުލައި 7) – އޭސީ މިލާނުގެ އުމުރުން 18 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ އެންމެ ފަހުން އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

އޭނާގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާއިރު މިލާނުން މިދިޔަ މަހު ހުށަހެޅި އޮފާއަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ނޫނެކޭ ބުނެފަ އެވެ. އެއާ އެކު، އުމުރުން 16 އަހަރުގައި ކެރިއަރު ފަށަން ފުރުސަތު ދިން ކްލަބަށް ޑޮއްނަރުއްމާ ބޭވަފާތެރިވީ ކަމަށް ބުނެ ފާޑުކިއުން އަމާޒުވި އެވެ. އޭނާއާ ދެކޮޅަށް ސަޕޯޓަރުން އަޑު އުފުލި އެވެ.

ރައިއޯލާ އޭރު ކޮންޓްރެކްޓަށް ދެކޮޅު ހެދީ ރެއާލް މެޑްރިޑަށް އޭނާ ގެންދިއުމަށް އެ ކްލަބާ އެކު އެއްބަސްވެފައި އޮތުމުން ކަމަށް ވާހަކަދެކެވުނެވެ. މާނައަކީ މި ފަހަރުގެ ޓްރާންސްފާގައި އޭނާ ކުޑަ އަގަކަށް ވިއްކާލަން މިލާނަށް މަޖުބޫރުވުމެވެ. ކޮންޓްރެކްޓުގައި އެންމެ އަހަރެއް އޮތުމުން މިވަގުތު މިލާނަށް އޭނާ ވިއްކާލެވޭނީ ގިނަ ވެގެން ސާޅީހަކަށް މިލިއަން ޔޫރޯ އަށެވެ. އެއާ އެކު 100 މިލިއަން ޔޫރޯގެ އަގުހުރި ކުޅުންތެރިއަކު 40 މިލިއަނަށް ގަންނަން ލިބި، އެ ގަންނަ ކްލަބަށް ލިބޭ ބޮޑު ފައިދާ އިން އޭޖެންޓަށް ބޮޑު ކޮމިޝަނެއް ލިބޭނެ އެވެ.

އެކަމަކު ޑޮއްނަރުއްމާ އާއި އޭނާގެ އާއިލާގެ ބާރު އެޅުމާ އެކު އެންމެ ފަހުން ރައިއޯލާ ވަނީ ކޮންޓްރެކްޓަށް އާނ ބަސް ބުނެފަ އެވެ. އިއްޔެ އާކުރި ކޮންޓްރެކްޓުގެ ދަށުން އޭނާ އާށް އަހަރަކު ހަ މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެ އެވެ. މިއީ އެ އުމުރުގެ ކުޅުންތެރިއަކަށް ލިބޭ އެންމެ ބޮޑު މުސާރަ އެވެ. އަދި އޭނާގެ ކޮންޓްރެކްޓް އުވާލެވޭނެ ކަމަށް ޖަހާފައިވަނީ 75 މިލިއަން ޔޫރޯ އެވެ. މީގެ އިތުރުން ޑޮއްނަރުއްމާގެ ބޭބެ އެންޓޯނިއޯ ޑޮއްނަރުއްމާ އަށް ވެސް މިލާނުން ވަނީ އެއް މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ކޮންޓްރެކްޓެއް ދީފަ އެވެ. މިލާނުގެ އެކަޑަމީން ތަމްރީންވި އެންޓޯނިއޯ ކުޅެމުން އައީ ގްރީކުގަ އެވެ.

އިޓަލީ ގައުމީ ޓީމަށް ވެސް ކުޅޭ ޑޮއްނަރުއްމާ އަކީ ކުރިމަގުގައި ޖިއަންލުއިޖީ ބުފޮންގެ މަގާމް ފުރާނެ ކުޅުންތެރިއާ އެވެ. އޭނާ ގެންދަން ރެއާލް މެޑްރިޑުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް އަދި ޕީއެސްޖީން ވެސް މަސައްކަތްކުރި އެވެ.

ޗައިނާގެ މަހުޖަނަކު ހަވާލުވެ އަންނަ ސީޒަނަށް މިލާން އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން މިހާތަނަށް ހަތް ކުޅުންތެރިއަކު ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ އާޖެންޓީނާ ޑިފެންޑަރު މަޓެއޯ މުސަޗިއޯ އާއި ދެ ފުލްބެކުން ކަމަށްވާ ސްވިޒަލެންޑުގެ ރިކާޑޯ ރޮޑްރިގޭޒާއި އިޓަލީގެ އަންދްރޭ ކޮންޓީ ހިމެނެ އެވެ. ދެން ސޮއިކުރީ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީ އާއި ތުރުކީގެ ހަކާން ޗަޅަނޮގްލޫ އާއި އިޓަލީ ފޯވާޑް ފަބިއޯ ބޮރީނީ އާއި ޕޯޗުގީސް ފޯވާޑް އަންދްރޭ ސިލްވާ އެވެ. އެ ޓީމުން އަންނަނީ ބޮރުޝީއާ ޑޯޓްމަންޑުގެ ޕިއެރޭ އެމެރިކް އޯބަޔަން އަދި އާޖެންޓީނާގެ ލޫކަސް ބިޖްލިއާ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ.