Roadha Mihaaru
މިލާނުގައި މަޑުނުކޮށް ޑޮއްނަރުއްމާ މެޑްރިޑާ ދިމާލަށް

މިލާނުގައި މަޑުނުކޮށް ޑޮއްނަރުއްމާ މެޑްރިޑާ ދިމާލަށް

16 ޖޫން 2017

މިލާން (ޖޫން 16) – އޭސީ މިލާނުގެ ކޮންޓްރެކްޓް އާނުކުރަން އެ ޓީމުގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ނިންމުމާ އެކު އޭނާ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (ޖޫން 16) – އޭސީ މިލާނުގެ ކޮންޓްރެކްޓް އާނުކުރަން އެ ޓީމުގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ނިންމުމާ އެކު އޭނާ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އުމުރުން 18 އަހަރުގެ ކީޕަރުގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާއިރު މިލާނުން ވަނީ ކޮންޓްރެކްޓް އާކުރަން އޭނާ އަށް އަހަރަކު ފަސް މިލިއަން ޔޫރޯ ލިބޭ ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. މިއީ އެ އުމުރުގެ ކުޅުންތެރިއަކަށް ކްލަބަކުން ދޭނެ އެންމެ ބޮޑު މުސާރަ އެވެ.

ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔ ވާހަކަތަކަށް ފަހު އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ އިއްޔެ ވަނީ އޭނާ ކޮންޓްރެކްޓް އާނުކުރާނެކަން ކްލަބަށް އަންގައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑުން ޑޮއްނަރުއްމާ ގަންނަން 30 މިލިއަން ޔޫރޯ ހުށަހަޅާނެ އެވެ. ޕީއެސްޖީން ވެސް އޭނާ ބޭނުންވެ އެވެ. އެކަމަކު އޭނާ ބޭނުންވަނީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ.

މިލާނުގެ ޔޫތު ޓީމުގެ ކުޅުންތެރިއާ އަށް އުމުރުން 16 އަހަރުގައި އެ ކްލަބުން ދިން ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި އިޓަލީ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރަކަށް ވާނެ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު ކެރިއަރު ފަށަން ފުރުސަތު ދިން ކްލަބަށް ޒުވާން އުމުރުގައި ބޭވަފާތެރިވީ ކަމަށް ބުނެ އޭނާ އަށް އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންނެވެ.

ކޮންޓްރެކްޓް އާނުކުރި މައްސަލައިގައި ޑޮއްނަރުއްމާއާ މެދު މިލާނުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާއިރު އޭނާއާ މެދު މިލާނުން އަމަލުކުރާނެ ގޮތެއް ސާފެއް ނޫނެވެ. ފަހަރުގައި މި ފަހަރު ވިއްކާނުލައި އަންނަ ސީޒަނުގައި ކުޅުމުގެ ފުރުސަތު ނުދޭން ނުވަތަ ޔޫތު ޓީމަށް ފޮނުވާލަން ވެސް އެ ކްލަބުން ނިންމުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މި ސީޒަނުގައި ވިއްކާނުލައިފި ނަމަ އަންނަ ސީޒަނުގައި އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ބޭނުން ކްލަބަކަށް ބަދަލުވެވޭނެ އެވެ.

ޑޮއްނަރުއްމާގެ އޭޖެންޓް ރައިއޯލާ އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް އޭޖެންޓެވެ. ޔުވެންޓަސްގެ ޕައުލް ޕޮގްބާ މިދިޔަ ސީޒަނުގައި ރައިއޯލާ މެދުވެރިވެގެން ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޓްރާންސްފާގެ މައްސަލައެއް ފީފާ އިން ވެސް އަންނަނީ ބަލަމުންނެވެ. ފީފާ އިން ތަހުގީގުކުރަނީ ސީދާ ކޮން މައްސަލައެއްކަން ކަށަވަރެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ފީފާ އިން ބަލަނީ 105 މިލިއަން ޔޫރޯގެ މި ޓްރާންސްފާގެ މެދުވެރިއަކީ ކާކުތޯ އާއި އެފަރާތަށް ލިބުނީ ކިހާ އަދަދެއްތޯ އެވެ. މި ޓްރާންސްފާގައި ރައިއޯލާ އަށް ޔުނައިޓެޑުން ބޮޑު ފީއެއް ދެއްކި ކަމަށް ވާހަކަތައް ދެކެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑޮއްނަރުއްމާ ކޮންޓްރެކްޓް އާނުކުރަން ނިންމިއިރު ރައިއޯލާ ވަނީ އޭނާ މެޑްރިޑަށް ގެންދަން އެ ކްލަބާ މަޝްވަރާކޮށްފަ އެވެ. އަދި އެ ޓްރާންސްފާ އިން އޭނާ އަށް ބޮޑު ބޯނަސް އެއް ލިބޭނެ ކަމަށް ވެސް ވާހަކަދެކެވެ އެވެ.

މިލާނުގައި މަޑުނުކުރަން ޑޮއްނަރުއްމާ ނިންމިއިރު ޗައިނާ އިންވެސްޓަރުންތަކެއް އެ ކްލަބާ ހަވާލުވެ އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ޓީމަށް ވަނީ އާޖެންޓީނާ ޑިފެންޑަރު މަޓެއޯ މުސަޗިއޯ އާއި ސްވިޒަލެންޑް ފުލްބެކް ރިކާޑޯ ރޮޑްރިގޭޒާއި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީ އަދި ޕޯޗުގަލް ފޯވާޑް އަންދްރޭ ސިލްވާ ގެނެސްފަ އެވެ.