Roadha Mihaaru
ފަހު ވަގުތުގެ ގޯލުން ވިކްޓަރީ އަށް މުހިއްމު މޮޅެއް

ފަހު ވަގުތުގެ ގޯލުން ވިކްޓަރީ އަށް މުހިއްމު މޮޅެއް

05 ޖުލައި 2017

ފަހު ސިކުންތުކޮޅުގެ ތެރޭގައި އަހުމަދު ނިޔާޒް (ނިޔާ) ވައްދާލި ލަނޑާ އެކު ގްރީން ސްޓްރީޓްސް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމަށް ވިކްޓަރީން މިރޭ މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފަހު ސިކުންތުކޮޅުގެ ތެރޭގައި އަހުމަދު ނިޔާޒް (ނިޔާ) ވައްދާލި ލަނޑާ އެކު ގްރީން ސްޓްރީޓްސް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމަށް ވިކްޓަރީން މިރޭ މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

މި މޮޅާ އެކު ވިކްޓަރީ ވަނީ 18 ޕޮއިންޓް ހަމަކޮށް ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ވިކްޓަރީ ފަސް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ގަދަ ހަތަރެއްގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ 25 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް މާޒިޔާ އެވެ. ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓަށް ވެސް ގާތްގަނޑަކަށް ފުރުސަތު ލިބިފައިވާއިރު އަނެއް ދެ މަގާމަށް ވާދަކުރަނީ 20 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ވިކްޓަރީ އާއި 15 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތް ޓީސީ އެވެ.

މިރޭގެ ނަތީޖާއާ އެކު، ގަދަ ހަތަރެއް ކަށަވަރުކޮށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ވާދަވެރިކަން އަނެއްކާ ވެސް ބޮޑުވެފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ.

މިރޭގެ މެޗު ހުރިހާ ގޮތަކުން ވެސް ކޮންޓްރޯލްކޮށް ވިކްޓަރީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. އޭގެ ބޮޑު ޝުކުރެއް ގްރީން ސްޓްރީޓްސްގެ ޖަޕާން ގޯލްކީޕަރު ޔުން ކޮޗީ އަށް ހައްގުވެ އެވެ.

ވިކްޓަރީ އަށް ފުރުސަތުތަކެއް ގެއްލިފައިވަނިކޮށް ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އިން ލީޑު ނެގީ ވިކްޓަރީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ ފަހަތަށް ޖައްސާލި ބޯޅަ އެ ޓީމުގެ ވެލިޗްކޯ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފަށް ޖައްސާލުމުން އޭނާ މަސައްކަތްކުރީ ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އާއި އަހުމަދު ހަސަން ކައިރިން ނައްޓާލުމަށެވެ. އައްމަޑޭ ކައިރިން ނައްޓާލި ވަގުތު އެ ބޯޅަ އަހުމަދު ހަސަނަށް ލިބުމުން އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ވިކްޓަރީގެ ފަރާތުން އެޓޭކިން، އަވަސް ގޭމެއް ފެނިގެން މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހާނެ ހުސް ހަ ފުރުސަތު ލިބި ބޭކާރުވި އެވެ. ހަތަރު ވަނަ މިނެޓާއި 11 ވަނަ މިނެޓުގައި ވިކްޓަރީގެ ކެރިޗް އަންދްރޭ ފޮނުވާލި ދެ ބޯޅަ ކީޕަރު މަތަކުރި އެވެ. އޭގެ ފަހުން ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ވެސް ސަލާމަތްކުރީ ކީޕަރެވެ.

ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ވިކްޓަރީން އެއްވަރުކުރީ ޕެނަލްޓީއަކުން ކެޕްޓަން އީސާ ވައްދާލި ގޯލުންނެވެ. މިއީ ވިކްޓަރީގެ ކެރިޗަށް އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަހުމަދު ސާއިފް ކުރި ފައުލަކަށް ރެފްރީ އާދަމް ފަޒީލް ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން 68 ވަނަ މިނެޓުގައި ވިކްޓަރީގެ މުހައްމަދު ސެޑިކަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒްވާނަށް ވެސް އަލުން ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ސަލާމަތްކުރީ ވިކްޓަރީގެ ވެލިޗްކޯ އެވެ.

މި ހާފުގައި ވެސް ގިނަ ފުރުސަތު ހޯދީ ވިކްޓަރީންނެވެ. އެގޮތުން އެ ޓީމުގެ ސެޑިކް އޭރިއާ ތެރެއަށް ވަދެ ގޯލްކުރިމަތީ ހުހަށް ހުރި ކެރިޗަށް ދިން ބޯޅައެއް އޭނާ ޖެހުމުން ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު މުހައްމަދު ރިސްވާނަށް ވެސް އެހާމެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އަށް ބޯޅަ ލިބުނު ވަގުތު ކީޕަރު ވެސް މަގާމުގައި ނެތެވެ. އެކަމަކު ލަސްކުރުމުގެ ނަތީޖާއަކަށްވީ ކީޕަރު މަގާމަށް އަރައި އެ ބޯޅަ ސަލާމަތްކުރުމެވެ.

މެޗު އެއްވަރުވާނެ ކަމަށް ބެލެވުނު ނަމަވެސް ވިކްޓަރީގެ ބަދަލު ކުޅުންތެރިއާ ނިޔާ ވަނީ ފަހު ވަގުތު މަންޒަރު ބަދަލުކޮށްލައިފަ އެވެ. އޭރިއާ ތެރެއަށް ކެރިޗް ހުރަސްކުރި ބޯޅަ ނިޔާ ގޯލުގެ ތެރެއަށް ވައްދާލީ ކޮންޓްރޯލްކޮށްލުމަށް ފަހު ހަމަޖެހިލައިގެން ޖަހަ އެވެ.

މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުން ވަނީ ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ރެފްރީ ފަޒީލް ދަނޑުން ފޭބި ވަގުތު ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ވަނީ ރެފްރީއާ ދިމާލަށް ގޮސް ރެފްރީގެ އަތުގައި އޮތް މެޗު ބޯޅައިގައި އަތުން ޖަހައި މޫނާ ދިމާލަށް ހޫރާލައިފަ އެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށާއި ގަދަ ހަތަރަކަށް އަރަން އެންމެ ބޮޑަށް ވާދަކުރަން ޖެހޭ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަކުރެވުމާ އެކު ގަދަ ހަތަރެއްގެ ދޮރު ވަރަށް ބޮޑަށް ހުޅުވިއްޖެ ކަމަށެވެ.

"މެޗުގެ ކުރީކޮޅު ވަރަށް ބޮޑު މިސްޓޭކެއް ހެދިފައި އޮއްވާ އެކަން ރިކަވާކުރެވޭނީ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްވަރުކުރީމާ. މިއިން ދުވަހަކު ނުކުރާ މަސައްކަތްކުރިތަން މިއަދު ފެނުނު. ކުޅުންތެރިންނަށް ހަމަޖައްސަން ޖެހޭ ކަންކަން ވެސް ހަތަރު ފަސް ދުވަހުގެރޭ ހަމަޖެހިގެންދާނެ،" ސުޒޭން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ މި މެޗުގައި ބައެއް ކުޅުންތެރިން ޒިންމާ ރަނގަޅަށް ނުނަގާ ކަމަށާއި އެންމެ ރަނގަޅަށް މަސައްކަތް ވެސް ނުކުރާ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ލީޑު ލިބުނު ނަމަވެސް އެއީ ނަސީބު އެހީވި ގޯލެއް ކަން ސޮބާ ފާހަގަކުރި އެވެ. އެކަމަކު ސޮބާ ބުނީ އަދިވެސް އޭނާގެ ޓީމަށް ގަދަ ހަތަރެއްގެ ފުރުސަތު ނުގެއްލޭ ކަމަށާއި މާޔޫސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މި މެޗުން ބަލިވުމާ އެކު އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނީ. އަޅުގަނޑުމެން އަދިވެސް ހަތަރު ވަނައިގައި އޮތީ. އަދި ފުރުސަތެއް ވެސް ނުގެއްލޭ. މި މެޗުން ބަލިވިޔަސް އެއީ މާޔޫސްވާން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެން ވަރަށް އެވްރެޖް ކުޅުންތެރިންތަކެއް ގޮވައިގެން މިހާތަނަށް ވެސް ކުރި މަސައްކަތުން މިހިސާބަށް ވެސް އާދެވުނީ. އެހެންވީމާ މި ވަގުތު ވެސް އެ ކުޅުންތެރިން މިހާތަނަށް ވެސް ކުރި މަސައްކަތް ފާހަގަކުރަން. ކޮންމެ ގޮތެއް ވިޔަސް ގޮންޖެހުމަކާ މި ކުރިމަތިލާން ޖެހެނީ. އެކަމަށް މަސައްކަތްކުރާނަން،" ސޮބާ ބުންޏެވެ.