Roadha Mihaaru
ޔޫވީ ބަލިކޮށް ގްރީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި

ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް މުހިއްމު ތިން ޕޮއިންޓް ހޯދައިފި

09 ޖުލައި 2017

ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މޮޅުވެ ގްރީން ސްޓްރީޓްސް އިން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކަށް އަރައި ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މޮޅުވެ ގްރީން ސްޓްރީޓްސް އިން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކަށް އަރައި ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މިރޭގެ މެޗުގެ ކުރިން ކުޅުނު ދެ މެޗުން ފަސް ޕޮއިންޓް ގެއްލި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ގްރީން ސްޓްރީޓްސް އަށް ކުރިމަތިވި ނަމަވެސް މިރޭގެ މޮޅާ އެކު އެ ޓީމަށް ވަނީ އަނެއްކާ ވެސް އުއްމީދު ބޮޑުވެފަ އެވެ.

މި މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ 21 ޕޮއިންޓާ އެކު އަލުން ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. ޕްރިމިއާ ލީގަށް މިހާތަނަށް ކޮލިފައިވެފައިވަނީ 25 ޕޮއިންޓް އެއްކޮށްފައިވާ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. މީގެ ތެރެއިން މާޒިޔާ ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތްއިރު ނިއު އޮތީ ދެ ވަނައިގަ އެވެ.

ގަދަ ހަތަރެއްގެ އަނެއް ދެ ޖާގައަށް ވާދަކުރަނީ ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބް އީގަލްސް އާއި ވިކްޓަރީ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

ހަތަރު ވަނައިގައި 20 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު 19 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތީ މިއަދު ހަވީރު ނިއުއާ 1-1 އިން އެއްވަރުވި ވިކްޓަރީ އެވެ. ޓީސީ 15 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މާދަމާރޭ އީގަލްސް އާއި ބައްދަލުކުރާ މެޗަށް ފަހު ތާވަލަށް ބަދަލު އައުން އެކަށީގެންވެ އެވެ.

މިރޭގެ މެޗުގައި ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު އޭނާ ކާމިޔާބުކުރީ 76 ވަނަ މިނެޓުގަ އެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީއަކުން ޖެހީ ޔޫކްރޭން މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ.

މިރޭގެ މެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ދެ ޕޮއިންޓާ އެކު ފުލުގައި އޮތީ މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނަ ކްލަބް ވެލެންސިއާ އެވެ. ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ އަށް ގަދަ ހަތަރެއްގެ ފުރުސަތެއް ނެތެވެ.