Roadha Mihaaru
ކޮޅިގަނޑެއްގައި އިސްދޫ އެއްގަމު ތޮށި ފުނޑުފުނޑުވެއްޖެ

ކޮޅިގަނޑެއްގައި އިސްދޫ އެއްގަމުތޮށި ފުނޑުފުނޑު ވެއްޖެ

02 ޖުލައި 2017

މިއަދު ހެނދުނު ލ. އިސްދު އަށް އައި ގަދަ ކޮޅިގަނޑެއްގައި އެ ރަށު އެއްގަމު ތޮށިގަނޑު ފުނޑުފުނޑު ވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިއަދު ހެނދުނު ލ. އިސްދު އަށް އައި ގަދަ ކޮޅިގަނޑެއްގައި އެ ރަށު އެއްގަމު ތޮށިގަނޑު ފުނޑުފުނޑު ވެއްޖެ އެވެ.

އިސްދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބްރާހިމް ހަމީދު ވިދާޅުވީ 2008 ވަނަ އަހަރު އެ ރަށުގެ ބަނދަރު ހެދި އިރު، ލާފައި އޮތް 70 ފޫޓުގެ ތޮށިގަނޑު އެކި ދިމަދިމާ އިން ބިންދައިގެން ގޮސް، ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށެވެ.

އިސްދޫ ބަނދަރުގެ އުތުރު ފަރާތުން، ހުރަސް ތޮއްޓެއްގެ ގޮތުގައި ވެސް ބޭނުން ކުރާ މި ތޮށިގަނޑު ފުނޑުފުނޑުވުމުން، ހައްދޫ ކަނޑުން ނަގާ ބިޔަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ފަޅުތެރެ އަށް ވަދެ އެވެ. އަދި އޭގެ ސަބަބުން ފަޅުތެރެ ގަދަވެ، އެ ތަނުގައި އޮންނަ ދޯނިތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށް ހަމީދު ވިދާޅުވި އެވެ.

އިސްދުއަށް އެރި ކޮޅިގަނޑެއްގައި އެ ރަށު އެއްގަމު ތޮށިގަނޑު ފުނޑުފުނޑުވެފައި-- ފޮޓޯ/ ކައުންސިލް

އިސްދުއަށް އެރި ކޮޅިގަނޑެއްގައި އެ ރަށު އެއްގަމު ތޮށިގަނޑު ފުނޑުފުނޑުވެފައި-- ފޮޓޯ/ ކައުންސިލް

"މި ބަނދަރު ހުޅުވެނީ ހައްދޫ ކަނޑަށްވުމުން، އެކަނޑުގެ ބޮޑެތި ރާޅުތައް އައިސް ބިންދާލާނީ މި ތޮށިގަނޑަށް. މިހާރު މި ތޮށިގަނޑު ހަލާކުވުމުން ބާރު އޮއެވަރުގައި އެ ރާޅުތައް އައިސް ވަންނަނީ ފަޅުތެރެ އަށް. މިއީ ވަރަށް ނުރައްކާތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި ކޮޅިގަނޑުގައި ފަޅުތެރޭގައި އަޅާފައި އޮތް، މާލެ ދަތުރުކުރާ ބޯޓެއް ވެސް އެ ތޮށިގަނޑަށް ވަނީ އަރާފަ އެވެ. އަދި އުސް ގަލެއްގައި ހަރުކޮށްފައި ހުންނަ އެ ރަށު ނެރު ބައްތި ވެސް ގަލާއެކު ނެރުގެ މެދާ ދިމާލަށް ވެއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.

އިސްދުއަށް އެރި ކޮޅިގަނޑެއްގައި އެ ރަށުގެ ރުކެއް ވެއްޓިފައި -- ފޮޓޯ/ ކައުންސިލް

އިސްދުއަށް އެރި ކޮޅިގަނޑެއްގައި އެ ރަށުގެ ރުކެއް ވެއްޓިފައި -- ފޮޓޯ/ ކައުންސިލް

ހަމީދު ވިދާޅުވީ އިސްދު އަށް ވަނުމަށް ކަނޑާފައި އޮންނަ ނެރުގެ މެދުގައި ބޮޑު ގަލެއް އޮތުމަކީ ފުރާ ދުއްވާ މީހުންނަށް ވެސް އޭގެ ގެއްލުން ފޯރާނެ ފަދަ ކަމެއް ކަމަށާއި ވަރަށް ބަލައިގެން ނޫނީ އެތަނުން މިހާރު ދަތުުރު ނުކުރެވޭ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ އިސްދޫގެ ދަނޑުތައް ވެސް މި ކޮޅިގަނޑުގައި ވަނީ ސުންނާފަތިވެފަ އެވެ.

އެގޮތުން ފަތް ކެޔޮ ގަސްތަކާއި މިރުސް ދަނޑުތައް ވެސް އެއްކޮށް ހަލާކުވެފައިވާއިރު، މިއީ އެ ރަށަށް މި ފަހުން ކުރިމަތިވި އެންމެ ބޮޑު ގެއްލުން ކަމަށް ހަމީދު ވިދާޅުވި އެވެ.

އިސްދުއަށް އެރި ކޮޅިގަނޑެއްގައި ފަތްކެޔޮ ގަހަކާއި ރުކެއް ވެއްޓިފައި: ބޮޑެތި ގެއްލުންތަކެއް އެ ރަށަށް ލިބިފައިވޭ-- ފޮޓޯ/ ކައުންސިލް

އިސްދުއަށް އެރި ކޮޅިގަނޑެއްގައި ފަތްކެޔޮ ގަހަކާއި ރުކެއް ވެއްޓިފައި: ބޮޑެތި ގެއްލުންތަކެއް އެ ރަށަށް ލިބިފައިވޭ-- ފޮޓޯ/ ކައުންސިލް

މި ކޮޅިގަނޑުގައި އިސްދޫގެ ދިހަ އިމާރާތެއްގެ ފުރާޅު އެއްލާލާފައިވާއިރު، ރަށުގެ އެކި ތަންތަނުގައި ހުރި ރުއްގަސްތައް ވެސް ވެއްޓިފައިވާ ކަަމަށް ކައުންސިލުން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ އަތޮޅު ކުނަހަންދު އަށް ވެސް ރޭ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ގޭތެރޭގައި ފެންބޮޑުވެ، ހިފާގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުންތައް ވެފައިވާ ކަމަށް އެ ރަށުން ބުންޏެވެ.