Roadha Mihaaru
އަދީބު ބޭސްފަރުވާ އަށް ފޮނުވަން ޖެހޭ: އާޒިމް

އަދީބު ބޭސްފަރުވާ އަށް ފޮނުވަން ޖެހޭ: އާޒިމް

01 ޖުލައި 2017

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ ކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ ކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.

ނާޒިމް ދިރިއުޅުއްވި ގެ އިން ފެނުނު ހަތިޔާރާ ބެހޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަަމަށާއި އެކަމުގެ ހަގީގަތް ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނިކޮށް، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ އެއްވެސް ގައިދީއަކަށް ބޭސްފަރުވާ ނުލިބިގެން މަރުވުމަށް ނޭދޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ގައުމުގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކު ނުވަތަ ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކު އަދި އެހެން މީހަކު ވެސް ޖަލުގައި ނިޔާވެގެން ދާކަށް. ދައުލަތަށް އަޅުގަނޑުމެން މި ގޮވާލަނީ ޚާއްސަކޮށް ޕްރިޒަންސް އަށް މި ގޮވާލަނީ ގާނޫނާއި ގަވައިދަށް ހެދިފައިވެޔޭ، އެ ގަވައިދުގެ ދަށުން އަމަލުކޮށްދެއްވާށޭ،" މާލޭ ޖަލު ކުރިމަތީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އާޒިމް ވިދާޅުވި އެވެ.

މާލޭ ޖަލުގެ ކުރިމަތީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މާލޭ ޖަލުގެ ކުރިމަތީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވި ގޮތުގައި ގައިދީންނަށް ބޭސްފަރުވާ ކޮށްދިނުމުގެ ހުރިހާ އިހުތިޔާރެއް ޕްރިޒްންސް އަށް ލިބިގެންވެ އެވެ.

"ބޭސްފަރުވާ އަށް ފޮނުވައިގެން ފިލާފާނެ ކަމަށް ޝައްކު ކުރެވެންޏާ ދިވެހި ރާއްޖޭގެ ސިފައިންނާއި ފުލުހުންނާ އެކު ފޮނުވަންވީ ނޫންތޯ؟ ބޭސްފަރުވާ ކޮށްދިނުމަކީ އަސާސީ ހައްގެއް. މީހަކު މަރާލާކަށް ޖަލުތެރެ އަށް ދުލެއް ނުކުރެވޭނެ،" އަދީބު ބޭސްފަރުވާ އަށް ފޮނުވަން ބާރު އަޅުއްވަމުން އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުގައި އަދީބު އަވަހާރަވާން ދޫކޮށްލައިފި ނަމަ މާދަމާ އެހެން މީހަކު ވެސް "މަރާލާނެ" ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.

"އެހެންވީމަ މިކަމަށް އަޅުގަނޑުމެން ރައްޔިތުން މަޑުން ތިބެގެން ނުވާނެ. އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހެނީ އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް. އެކަން ކޮށްދޭން ޖެހޭނެ. ސަމާލުކަން ނުދީފި ނަމަ އަޅުގަނޑުމެން ހުރިހާ ރައްޔިތުން މީޑިއާގައި އަދި ސޯޝަލް މީޑިއާގައި ވެސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ކޮށްދެވުނު ހުރިހާ ކަމެއް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އަދީބު އަށް ބޭސްފަރުވާ ކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ބޮޑުކޮށް ހިތްވަރުލާފައި" މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.

"ދައުލަތުން، އަހުމަދު އަދީބު ފިލާފާނެ ކަމަށް ޝައްކު ކުރެވެންޏާ ޕާލަމެންޓުން ނިންމަންވީ ނޫންތޯ އަހުމަދު އަދީބު ބޭސްފަރުވާ އަށް ފޮނުވަން އާ ބިލެއް، ފުލުހުންނާއި ސިފައިން ލާފައިވާ ފޮނުވަން، ބޭސްފަރުވާ ކޮށްދީގެން ގެންނަން. މަޖިލީހުގެ މެޖޯރިޓީ އެބައޮތެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެފަދަ ބިލެއް ފާސްކުރާނެ ކަމަށެވެ. އަދި އެފަދަ ބިލެއް ފާސްކުރުމަށް އަދީބުއާ އެކު މަސައްކަތް ކުރެއްވި މެމްބަރުން އެހީތެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޖަލުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އެގޮތުން ގައިދީންގެ ބޭސްފަރުވާ ކަންތައްތަކުގައި ޕްރިޒްންސް އިން ވަރަށް ބޮޑަށް އިހުމާލުވުމުގެ ސަބަބުން ބައެއް ގައިދީން މަރުވެފައިވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.