01 ޖުލައި 2017
އައިފޯން ވިއްކަން ފެށިތާ 10 އަހަރު ވީ އެވެ. އެއީ މުޅި ސިނާއަތުގެ ކުރިމަގުގައި ތަފާތު މަންޒަރެއް ކުރަހާލި އުފެއްދުމެކެވެ.
އައިފޯން ވިއްކަން ފެށިތާ 10 އަހަރު ވީ އެވެ. އެއީ މުޅި ސިނާއަތުގެ ކުރިމަގުގައި ތަފާތު މަންޒަރެއް ކުރަހާލި އުފެއްދުމެކެވެ.
އޭގެ 15 މަސް ފަހުން، އެ އުފާވެރި ޕާޓީ ނިމުމަކަށް ގެނައީ ގޫގުލް އިންނެވެ.
ގޫގުލްގެ އެންޑްރޮއިޑް ހިމެނޭ ފުރަތަމަ ފޯނު ޖީ-1 ނެރުނީ، ޓީ-މޮބައިލްއާ އެކު ވީ އެއްބަސްވުމެއްގެ ތެރެއިން، ސެޕްޓެމްބަރު 15، 2008ގަ އެވެ. އެއީ އައިފޯނާ އަޅާބަލާ ނަމަ ހިތްގައިމު އުފެއްދުމެއް ނޫނެވެ.
އެކަމަކު ޓެކްނޮލޮޖީ ދާއިރާގައި މި ގަރުނުގެ އެންމެ ބޮޑު ވާދަވެރިކަން އެހިސާބުން އެ އޮތީ ފެށިފަ އެވެ. އަދި 2011 ގެ ކުރީކޮޅު އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ވެގެން ދިޔައީ އެމެރިކާގައި އެންމެ މަގުބޫލް ސްމާޓްފޯމް ޕްލެޓްފޯމަށެވެ. އަދި އެޕަލްގެ އޭރުގެ ސީއީއޯ ސްޓީވް ޖޮބްސް، އެންޑްރޮއިޑާ ދެކޮޅަށް "ހަނގުރާމަ" އިއުލާންކުރެއްވި އެވެ.
އަހަރެމެންނަށް މި ފެންނަ ކަހަލަ މި ޒަމާނުގެ ހިތްގައިމު ސްމާޓް ފޯންތައް އުފެއްދީ އެޕަލް އިންނެވެ. އެކަމަކު އަގުހެޔޮކޮށް ލިބޭނެ ފޯނުތަކާއި އެހެން ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރަން އެކުލަވާލި އެއްބަސްވުންތަކާ އެކު މާކެޓްގެ ބޮޑު ބައެއް އަތުލީ އެންޑްރޮއިޑުންނެވެ. މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ހިސާބުތަކަށް ބަލާއިރު މުޅި ދުނިޔޭގައި ވިއްކި ސްމާޓްފޯންތަކުގެ 86 ޕަސެންޓް ފޯނުތަކުގައި ބޭނުންކުރަނީ އެންޑްރޮއިޑް އެވެ.
އެންޑްރޮއިޑްގެ މި ކުރިއެރުމަކީ، އައިފޯން ނެރުމާ އެކު ޝޮކެއްގައި ތިބި އެންޑްރޮއިޑްގެ ޓީމަށް ބަލާއިރު، އާދައިގެ ކަމެއް ނޫނެވެ.
"ސުމާޓްފޯން ތަރައްގީކުރަން އެޕަލް އާއި ގޫގުލް އިން މަސައްކަތް ފެށީ ހަމަ އެއްވަގުތެއްގައި،" އެޕަލް އާއި ގޫގުލް، އިންގިލާބީ ވާދަވެރިކަމަކަށް ދިޔަ ދިއުމާ ބެހޭ ގޮތުން ފޮތެއް ލިއުއްވާފައިވާ ފްރެޑް ވޮޖެސްޓީން ވިދާޅުވި އެވެ.
މޮބައިލް އާލާތްތަކުގެ އުފެއްދުމުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވާނުވާ އެނގި ތިބެ ވަދެގަތުމަށް ގޫގުލް އިން އެންޑްރޮއިޑް ގަތީ 2005 ގަ އެވެ. އޭރު އެއީ އެ ދާއިރާގައި އަދި އަލަށް ފަށައިގެން އުޅުނު ކުންފުންޏެކެވެ. އޭގެ މާ ގިނަ ދުވަހެއް ނުކޮށް 2006 ގައި ގޫގުލްގެ އެންޑްރޮއިޑް ޓީމުން ފެށީ އަމިއްލަ ސޮފްޓްވެއާ އާއި ބްލެކްބެރީ ކަހަލަ އަމިއްލަ ފޯނެއް ނެރުމުގެ މަސައްކަތެވެ.
ކުރިން މީހަކަށް ނުފެންނަ ކަހަލަ ހިތްގައިމު ޑިވައިސްއެއް ޖޮބްސް އާންމުކޮށް ދައްކާލެއްވީ ޖެނުއަރީ 2007 ގަ އެވެ. އެ ހަފުލާ ފެށި އިރު އެންޑްރޮއިޑްގެ އެންމެ އިސް ވެރިޔާ އެންޑީ ރުބިން އިންނެވީ ކާރެއްގަ އެވެ. ޑްރައިވަރު ކައިރީގައި ކާރު މަޑުކުރަން ވިދާޅުވީ އެ ރަސްމިއްޔާތު އޮންލައިންކޮށް ބެއްލެވުމަށެވެ.
"ގަބޫލެއް ނުކުރެވޭ،" އައިފޯން ފެނިވަޑައިގަތުމުން ހައިރާންކަމާ އެކު ރުބިން އަށް ވިދާޅުވެވުނެވެ.
"އަހަންނަކަށް ހިއެއްނުވޭ އަހަރެމެންގެ ފޯނު ނެރޭނެހެންނެއް."
މައިކްރޮސޮފްޓް، އެންޑްރޮއިޑް އަދި އެޕަލް
އެންޑްރޮއިޑް ޓީމު އަލުންބަލުން އެ މަސައްކަތްތައް ފެށީ އެވެ.
"ކުރީގެ ހުރިހާ ކަމެއް ހުއްޓާލީ. އެންޑްރޮއިޑްގެ ފުރަތަމަ އާލާތް އަލުން ޑިޒައިންކުރީ،" ވޮޖެސްޓީން ވިދާޅުވި އެވެ.
އައިފޯން ގޮތަށް ބޮޑު ޓަޗް ސްކްރީނެއް އެންޑްރޮއިޑްގެ ފުރަތަމަ ފޯނުގައި ހިމެނުނަސް، އެއީ އައިފޯނަށް އޮތް ބިރަކަށް ނުވި އެވެ. އެކަމަކު ބިރަކީ އެ ފޯނު އުފެއްދުމުގެ ފަހަތުގައި އޮތް ރޭވުންތެރިކަމެވެ.
އެޕަލްއާ ތަފާތުކޮށް ގޫގުލް އިން އެންޑްރޮއިޑް ދޫކޮށްލީ ހުޅުވިފައިވާ ޕްލެޓްފޯމަކަށެވެ. އޭގެ މާނައަކީ އާލާތްތައް އުފައްދާ މީހުން ބޭނުން ގޮތަކަށް އެ އޮޕަރޭޓިން ސިސްޓަމް ގެންގުޅުމުގެ ފުރުސަތު އޮތުމެވެ. ނަތީޖާ އަކީ 2010އާ ހިސާބަށް އައިއިރު މޮޓޮރޯލާ، ސެމްސަންގު އަދި އެޗުޓީސީ ކަހަލަ އެތައް ކުންފުންޏަކުން އެންޑްރޮއިޑް ހިމަނައިގެން އުފެއްދި ފޯނުތަކުން ދުނިޔޭގެ ބާޒާރު ފުރުމެވެ.
އެންޑްރޮއިޑް ބޭނުންކޮށްގެން ގޫގުލް އިން އަމިއްލަ އަށް ނެރުނީ ވަރަށް މަދު ފޯނެކެވެ.
"އެންޑްރޮއިޑަށް ބިނާކޮށް އެތައް ވައްތަރެއްގެ އާލާތްތައް ހަދާ ބޮޑު ލަސްކަރެއް އެބަ އޮތް،" ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޓުއޮންގް ޖުއެއް ވިދާޅުވި އެވެ.
"މީހުން ޝައުގުވެރިވާ ގޮތަށް އަދި ތަފާތުކޮށް އެކި އެއްޗެހި ހަދާނެ އެތައް ބަޔަކު އެވަނީ ލިބިފައި."
ޖޮބްސް އަށް އެގޮތެއް ގަބޫލެއްނުކުރެއްވުނެވެ. އޭނާ ގަބޫލުކުރެއްވީ ފޯން ބޭނުންކުރާ މީހުންގެ ތަޖުރިބާ އެޕަލް އަށް ކޮންޓްރޯލްކުރެވޭނެ އުސޫލެވެ.
"އެންޑްރޮއިޑް އަސްލު ވަނީ ވަރަށް ބޮޑަށް ފަޅިފަޅިވެފައި،" ޖޮބްސް، 2010 ގައި، ވިދާޅުވި އެވެ.
އެކަމަކު ޖޮބްސް އެހެން ވިދާޅުވި ނަމަވެސް ކުރިން އެޕަލްއިން ކޮށްފައިވާ ތަޖުރިބާތަކުގެ ސަބަބުން، އޭނާ އަށް ބިރުވެރިކަމެއް އިހުސާސްކުރެއްވިދާނެ އެވެ. ކޮމްޕިއުޓަ އުފައްދާ އެހެން އެންމެންނަށް ބޭނުންކުރެވޭ ގޮތަށް މައިކްރޮސޮފްޓްގެ ސޮފްޓްވެއާތައް ތައްޔާރުކުރަން ފެށުމުން، އެޕަލް އަށް ވުރެ ކުރިއަށް ދެމިގަތެވެ.
"އަހަންނަށް ހީވަނީ މައިކްރޮސޮފްޓުން ކަން ކުރި ގޮތަށް ގޫގުލް އިން ވެސް އޭނާއަށް އެފަދަ ގޮތެއް ހަދާފާނެތީ ޖޮބްސް ކަންބޮޑުވިހެން،" ވޮޖެސްޓީން ވިދާޅުވި އެވެ.
ސުމާޓްފޯންތަކުގެ ވަރަށް ގިނަ ވައްތަރުތަކުގައި އެންޑްރޮއިޑް ބޭނުންކުރޭ
ޖޮބްސް 2011 ގައި އަވަހާރަވުމާ އެކު ނެރުނު އޭނާގެ ބައިގްރޮފީގައި، އެންޑްރޮއިޑާ ދެކޮޅަށް ހަނގުރާމައެއް އިއުލާންކުރިކަމަށް، އޭނާއާ ހަވާލާދީ ލިއެފައިވެ އެވެ. އެންޑްރޮއިޑް ސިފަކުރައްވަމުން ޖޮބްސް ވިދާޅުވެފައި ވަނީ އެއީ "ވަގަށް ނަގާފައިވާ އުފެއްދުމެއް" ކަމަށެވެ. އެޕަލްއަށް ލިބޭ އެތައް ބިލިއަން ޑޮލަރެއްގެ ކޮންމެ ލާރިއެއް ހޭދަކޮށްގެން ނަމަވެސް "އެ ނުބައި ރަނގަޅުކުރަން" އޭނާ ވައުދުވެވަޑައިގަތެވެ.
އެޕަލް އިން ވަނީ އެންޑްރޮއިޑާ ދެކޮޅަށް ގާނޫނީ ގޮތުން އެތައް މައްސަލައެއް ހުށަހަޅައިފަ އެވެ. އެކަމަކު އެއީ ގޫގުލް އާއި އޭގެ އެއް ބާނީ އަދި ސީއީއޯ ލަރީ ޕޭޖް މަގުން ކައްސާލާ ވަރުގެ ކަމަކަށް ނުވެ އެވެ.
ޖޮބްސް އިއުލާންކުރެއްވި ހަނގުރާމައާ ބެހޭ ގޮތުން ސުވާލު ކުރުމުން 2013 ގައި އޭނާގެ ރައްދު އައީ "އެކަން އެހާ ރަނގަޅަށް ކުރިއަށް އެބަ ދޭހޭ" ކިޔާފައި ކުރެއްވި ސުވާލަކުންނެވެ.
ހަގީގީ ޖަވާބަކީ، ސުމާޓްފޯނުގެ ހަނގުރާމަ ދެ ކުންފުންޏަށް ވެސް ވަރަށް ފައިދާ ހުރި ގޮތަކަށް ކުރިއަށް ދާ ކަމެވެ.
ދާދި ފަހުން ގޫގުލް ހާސިލްކޮށްފައި ވަނީ އެއް މަސްދުވަހުގެ ތެރޭގައި އެންޑްރޮއިޑްގެ ދެ ބިލިއަން އާލަތް ބޭނުންކުރަމުން ދިއުމުގެ ލަނޑުދަނޑި އެވެ. މިއީ ގޫގުލް އަށް އާމްދަނީ ވައްދައިދޭ ވަސީލަތްތައް ކަމަށްވާ ޖީމެއިލް އާއި ގޫގުލް ސާޗް އަދި ގޫގުލް މެޕްސް ޑެސްކްޓޮޕްތަކުގައި ބޭނުންކުރާ ގޮތަށް ސުމާޓްފޯންތަކުގެ ޒަރީއާ އިން ވެސް އެ ކޮންޓްރޯލް އަތުލުމެވެ.
އަނެއް ކޮޅުން އެންމެ މަތީ ފަންތީގެ މާކެޓް އަތްދަށުލައިގެން ސުމާޓްފޯންތަކުގެ ވިޔަފާރީގެ ގާތްގަނޑަކަށް ހުރިހާ ފައިދާއެއް އަތުލާފައި ވަނީ އެޕަލް އިންނެވެ. އަދި ގޫގުލް އިން އެންޑްރޮއިޑް މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ވުރެ އައިއޯއެސް އިން އެޕަލް އަށް ލިބޭ ލާރި ގިނަ އެވެ.
މާޗު މަހު ނިމުނު ކުއާޓަރުގައި އައިފޯނާއި އައިޕެޑްސް ވިއްކައިގެން އެޕަލްގެ އާމްދަނީ އުޅެނީ 36 ބިލިއަން ޑޮލަރުގަ އެވެ. ގޫގުލްގެ މައި ކުންފުނި އަލްފަބެޓަށް، "އެހެން އާމްދަނީތަކު"ގެ ބައިން، އެ ކުއާޓަރުގައި ލިބުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ 3.1 ބިލިއަން ޑޮލަރެވެ. އެ ބައިގައި ހާޑްވެއާ އުފެއްދުންތަކާއި ގޫގުލް ޕްލޭ ހިމެނެ އެވެ.
އެކަމަކު ގޫގުލް އަކީ ހަމައެކަނި ހާޑުވެއާ އުފައްދާ ކުންފުންޏެއް ނޫނެވެ. އެއީ އިސްތިހާރުކުރުމުގެ މައި ކުންފުންޏެކެވެ. އަދި މޮބައިލް މެދުވެރިކޮށް އިސްތިހާރުތަކުން އާމްދަނީ ހޯދައިދޭން ގޫގުލް މިސްރާބު ކޮށްދެނީ އެންޑްރޮއިޑުންނެވެ.
"އެޕަލް އިން މަސައްކަތްކުރަނީ ފޯނާއި ޓެބްލެޓްސް ވިއްކަން،" ޖުއެން ވިދާޅުވި އެވެ.
އެއާ ހިލާފަށް ގޫގުލް އިން "ބޭނުންވަނީ އެންމެންގެ ސަމާލުކަން."
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
ބިލް ގޭޓްސް އަދި ވެސް ވިންޑޯޒް ފޯންގެ ހިތާމައިގައި
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް
ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު
ގޫގުލް އެސިސްޓެންޓް އައިފޯނަށް
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް
އެޕަލް އަދި ސެމްސަންގް ސީއައިއޭއަށް ދުލެއް ނުކުރާނެ
އެންޑްރޮއިޑް ފޯނުތަކަށް ހުރި އިޚްތިޔާރު އައިފޯނަށް ނެތީ ކީއްވެ؟
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު