Roadha Mihaaru
މަޓާޓޯގެ "މޯލްޑިވްސް ފައިންޑާ 2017" ނެރެފި

މަޓާޓޯގެ "މޯލްޑިވްސް ފައިންޑާ 2017" ނެރެފި

24 ޖޫން 2017

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކޮންމެ އަހަރަކު ނެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ މަޖައްލާ "މޯލްޑިވްސް ފައިންޑާ" ގެ މި އަހަރުގެ އަދަދު ނެރެފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކޮންމެ އަހަރަކު ނެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ މަޖައްލާ "މޯލްޑިވްސް ފައިންޑާ" ގެ މި އަހަރުގެ އަދަދު ނެރެފި އެވެ.

މަޓާޓޯގެ ރަސްމީ ޓްރެވަލް ޕަބްލިކޭޝަންގެ ގޮތުގައި ނެރޭ މި މަޖައްލާ ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި ބައިނަލްއަގްވާމީ ޓްރެވެލް ފެއާތަކާއި މަޓާޓޯ އިން ބައިވެރިވާ އިވެންޓްތަކުގައި ފުޅާ ދާއިރާއެއްގައި ދައުރުކުރާނެ އެވެ.

މި އަހަރުގެ އަދަދު ލޯންޗްކުރީ މިދިޔަ އަންގާރަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި މަޓާޓޯގެ އަހަރީ ރޯދަ ވީއްލުމުގަ އެވެ. މި ހަފުލާގައި މަޓާޓޯގެ މެމްބަރުންނާއި ބައިވެރިންނާއި ރިޒޯޓްތަކާއި ހޮޓާތަކުގެ މަންދޫބުންގެ އިތުރުން ނޫސްވެރިން ބައިވެރިވި އެވެ.

އިނގިރޭސި ބަހުން ނެރޭ މި މަޖައްލާގައި ރިޒޯޓްތަކާއި ހޮޓާތަކުގެ ގައިޑުގެ އިތުރުން ފަތުރުވެރިން ޝައުގުވެރިވާނެ މުހިއްމު ގިނަ މައުލޫމާތު ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާއި ސަގާފަތާ ގުޅޭ އާޓިކަލްތައް ވެސް ވަނީ ޝާއިއުކޮށްފަ އެވެ. މި ފަހަރުގެ އަދަދުގައި ފީޗާކޮށްފައިވަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ މުހިއްމު އަދި ޝައުގުވެރި ޕްރޮޖެކްޓެއް ކަމަށްވާ "ޓޫ ތައުޒަން އައިލްސް" ގެ ފޮޓޯގްރާފަތު އައިޝަތު ނަޖް އާއި ލިޔުންތެރިއާ ޑެނިއަލް ބޯސްލޭ އެވެ. މިއީ މުޅި ރާއްޖޭގައި ދަތުރުކޮށް ރާއްޖޭގެ ތާރީހާއި ސަގަފާތާ ގުޅޭ ކަންކަން ދިރާސާކޮށް ލިޔެ ޝާއިއުކުރުމަށް ނަޖް އާއި ބޯސްލޭ ހިންގާ ޕްރޮޖެކްޓެކެވެ.

މަޓާޓޯ އިން 2011 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މަޖައްލާގެ މި އަހަރުގެ އަދަދު ވެސް ދުނިޔޭގެ ބޮޑެތި ޓްރެވަލް އެގްޒިބިޝަންތަކާއި މަޓާޓޯ އިން އިންތިޒާމްކުރާ އިވެންޓްތަކުގައި ބަހާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ވެސް ދެމުން އަންނަ މަޓާޓޯ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ފަރާތެވެ.