Roadha Mihaaru
ޓޫރިޒަމާ ގުޅޭ 150 ތަޖުރިބާކާރުން އެއް ތަނަކަށް

ރާއްޖޭގެ ޓޫރިޒަމާ ގުޅޭ މަޝްވަރާތަކަށް 150 އަށް ވުރެ ގިނަ ތަޖުރިބާކާރުން އެއް ތަނަކަށް

19 ނޮވެމްބަރ 2016

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭ ގޮތަށް، 150 އަށް ވުރެ ގިނަ ބޭފުޅުންނާ އެކު ބޮޑު ޓްރެވަލް ކޮންފަރެންސެއް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭ ގޮތަށް، 150 އަށް ވުރެ ގިނަ ބޭފުޅުންނާ އެކު ބޮޑު ޓްރެވަލް ކޮންފަރެންސެއް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފަށައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ ޓްރެވަލް އެވޯޑްސްއާ ދިމާކޮށް އިންތިޒާމްކުރި ފުރަތަމަ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް އެވެ.

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި މަޓާޓޯގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި މަޓާޓޯގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މިއަދު ހަވީރާ ހަމައަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މައިގަނޑު ހަތަރު މައުލޫއަކަށް މަޝްވަރާކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ މުޅި ރާއްޖެ ހިމެނޭ ގޮތަށް ބޭރުގައި އިޝްތިހާރުކުރުމުގެ މުހިންމުކަމާއި ރާއްޖޭގެ މަތީ ފަންތީގެ ޓްރެވަލް އިންޑަސްޓްރީ އަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ބަދަލުވަމުންދާ ގޮތުގެ އިތުރުން، މި ދާއިރާގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކެވެ.

ކޮންމެ މައުލޫއަކަށް މަޝްވަރާކުރައްވާނީ އެ ދާއިރާއެއްގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވާ ޕެނަލްއަކުންނެވެ. އެ ބޭފުޅުންގެ ހިޔާލު ހުށަހެޅުއްވުމުން، ކޮންފަރެންސްގެ ބައިވެރިންނަށް ވެސް ސުވާލުކޮށް އަދި އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މީގެ އިތުރުން ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރެއްވުން ވެސް އޮންނާނެ އެވެ. އޭގެ ތެރޭގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕަޓާ)، ސީއެންއެން، ޓްރިޕްއެޑްވައިޒާ އަދި ޓީޓީޖީ އޭޝިއާގެ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވަ އެވެ.

ޓްރެވަލް ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ މިދިޔަ 40 ހަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން ޓޫރިޒަމްގެ އެންމެ މަތީ ފަންތި އަށް ވާސިލްވެފައިވާ ކަމަށެވެ. އަދި މުޅި ދުނިޔެ އަށް ނަމޫނާ ޓޫރިޒަމް އިންޑަސްޓްރީއެއް ތަރައްގީކޮށްފައިިވާ އިރު، ރާއްޖޭގެ ޓޫރިޒަމް އެހެން ގައުމުތަކުން މިސާލަކަށް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ސިނާއަތަށާއި ޓޫރިސްޓުން ދަތުރުކުރާ ގޮތްތަކަށް ވެސް ބަދަލުތައް އަންނަ ކަމަށް ގިޔާސް ވިދާޅުވި އެވެ. އެހެންކަމުން އެ ބަދަލުތައް ދެނެގަނެ، އެކަންކަމާ މެދު މި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން މަޝްވަރާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ތިންކް އެޑްވަޓައިޒިންގެ ފަރާތުން އިންތިޒާމް ހަމަޖެއްސި ކޮންފަރެންސްގައި ގިޔާސް ވިދާޅުވީ ރާއްޖެ ފަދަ ޓޫރިޒަމްގެ އެންމެ މަތީ ފަންތީގައި އުޅޭ ގައުމަކުން އެ މަޝްވަރާތަކުގައި ވެސް މުހިންމު ރޯލެއް އަދާކުރަން ޖެހޭ ކަމަށެވެ.

"މި ކޮންފަރެންސްގެ މަގްސަދަކީ ވެސް އެއީ. ބައިނަލްއަގުވާމީ ބޮޑެތި ޓްރެވަލް އިންސްޓިޓިއުޝަންތަކާއި މި ދާއިރާގެ އެކި ފަންތީގައި، އެކި ގޮތްގޮތަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ތަނަކުން ބައްދަލުވެ، މި ދާއިރާގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރެވޭނެ ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއް ރާއްޖޭގައި ގާއިމްކޮށްދިނުން،" މަޓާޓޯގެ ރައީސް ވިދާޅުވި އެވެ.

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި މަޓާޓޯގެ ރައީސް ގިޔާސް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި މަޓާޓޯގެ ރައީސް ގިޔާސް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފުލާ މާދަމާ ރޭ އޮޅުވެލި ރިސޯޓްގައި އޮންނާނެ އެވެ.

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި ބައިވެރިޔަކު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މިއަދު ކުރިއަށްދާ ޓެރެވަލް ކޮންފަރެންސްގައި ބައިވެރިޔަކު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މި އަހަރު އަލަށް ތައާރަފުކުރި ފަސް ކެޓަގަރީއަކާ އެކު ޖުމްލަ 35 ކެޓަގަރީއެއް ހިމެނޭ ޓްރެވަލްސް އެވޯޑަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 240 އަށް ވުރެ ގިނަ ފަރާތަކުން ނަން ހުށަހަޅާފައިވެ އެެވެ. އެ ފަރާތްތަކަށް ފަނޑިޔާރުން ދޭ 70 ޕަސެންޓް މާކްސް ކަނޑައެޅުމުގެ މަސައްކަތް މިދިޔަ މަހުގެ ކުރީކޮޅު ކުރިއިރު، ބާކީ 30 ޕަސެންޓް މާކްސް ހޯދުމަށް އާންމުންގެ ވޯޓަށް ވެސް ހުޅުވާލި އެވެ.

ޓްރެވަލް އެވޯޑުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖައްސާފައި ވާއިރު، އިތުރު ޕާޓްނަރުންގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިސް މޯލްޑިވްސް، ޕީއެސްއެމާއި ދިރާގު އަދި ކޮކާކޯލާ ހިމެެނެ އެވެ.

އެވޯޑްގެ ހުރިހާ ކަމެއް އިންތިޒާމްކޮށް، ރާވާ ހިންގަނީ ތިންކްގެ ފަރާތުންނެވެ.

‎މަޓާޓޯ ޓްރެވަލް އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރާ އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން އެ ދާއިރާ އިން ހޮވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.