04 އޮކްޓޯބަރ 2016
އިންޑިއާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
އިންޑިއާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ބާރަތު އިންޓަނޭޝަނަލް ޓޫރިޒަމް ބާޒާރު (ބީއައިޓީބީ)ގައި އެ ޖަމިއްޔާ އިން ވަނީ ބައިވެރިވެފަ އެވެ. މަޓާޓޯއާ އެކު ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ޓްރެވެލް އެޖެންޓުންނާއި އެއާލައިންތަކުން ވެސް ބައިވެރިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިން އިން އިންޑިއާ އަށް ހާއްސަކޮށް ބާއްވާ މި ފެއާގައި އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ އެވެ. މިއީ މި ފެއާ ބާއްވާ ފުރަތަމަ އަހަރު ކަމަށް ވާއިރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ މި ފެއާ އަމާޒުކޮށްފައި ވަނީ ވިޔަފާރިވެރިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށެވެ.
އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އެންމެ ކުރިއަރަމުން އަންނަ މާކެޓެވެ. އެ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް 34،884 ޓޫރިސްޓުން އިންޑިއާ އިން އައިސްފައި ވާއިރު، އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެހެންވެ، އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ފަށާފަ އެވެ. އެ ގޮތުން، އެ ގައުމުގެ ބައެއް މުހިއްމު ސިޓީތަކުގައި ރޯޑްޝޯ ބޭއްވުމާއި ފްލައިޓުތައް އިތުުރުކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ. އެއާ އިންޑިއާގެ އިތުރުން، ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ އެކި ހިސާބުތަަކަށް މިހާރު ވެސް އުދުހޭއިރު، ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން ވެސް އަންނަނީ ދިއްލީ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
މިއީ ރާއްޖޭން ބޭރުގެ ގިނަ ޓޫރިޒަމް ފެއާތަކުގައި ބައިވެރިވާ ދުވަސްވަރެކެވެ. އެ ގޮތުން، މިދިޔަ މަހުގެ ތެރޭގައި، ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވަނީ ޖަޕާނާއި ފްރާންސް އަދި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގައި ބޭއްވި ބޮޑެތި ފެއާތަކެއްގައި ވެސް ބައިވެރިވެފަ އެވެ.
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ރާއްޖެ ޕްރޮމޯޓު ކުރަން މިނިސްޓަރު ފައިސަލް އިންޑިއާއަށް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު އިންޑިއާގެ ނޫސްވެރިން
އިންޑިއާގެ ސާޓޭ ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ
މަޓާޓޯގެ ތައުރީފު އެމްއެމްޕީއާރުސީ އަށް
އިންޑިއާގެ ޓޫރިސްޓުން ގިނަވެ، ގަދަ ފަހަކަށް!
މަޓާޓޯއިން ފިލިޕީންސްގައި ރާއްޖެ އިސްތިހާރުކޮށްފި
ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އިންޑިޔާއަށް!