Roadha Mihaaru
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް

މައުމޫނާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތި ކަމެއް: ގާސިމް

23 ޖޫން 2017

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެމަނިކުފާނު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެމަނިކުފާނު އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫންގެ ދައުރުގައި ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007، 2008 ގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން އެމަނިކުފާނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު ކުރަން ނިންމައި އެކަމަށް އެދިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް ވިދާޅުވީ، ގައުމަށް މައުމޫން ހިޔާނާތްތެރި ނުވާނެ ކަން 90 ޕަސެންޓް މީހުން ގަބޫލު ކުރާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް މައުމޫންގެ ފަރާތްޕުޅުން އެފަދަ ސިފައެއް ފެނިފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މައުމޫން ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެންނެވިއިރު ވެސް އަޅުގަނޑު އުޅުނިން އެންދެރިމާގޭގައި. އެފަދަ ކަމެއް އޭރު ވެސް ނުފެނޭ. އެމަނިކުފާނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަމާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރުކަން ވެސް ދުވަސްކޮޅަކަށް ކުރިން. އެ ވިދާޅުވާ ކަހަލަ ބާވަތުގެ ކަމެއް އެމަނިކުފާނުގެ ފަރާތްޕުޅަކުން ނުފެނޭ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް "މިހާރު" އަށް ވިދާޅުވި އެވެ.

"ރައީސް މައުމޫނަކީ ވަރަށް އިޚުލާސްތެރި، ވަފާތެރި، އަމާނާތްތެރި ބޭފުޅެއް. މިހެން ދެންނެވިޔަސް އެމަނިކުފާނާ ސުވާލު ކުރަންޖެހޭ ކޮންމެވެސް ކަމެއް ނޯވެދާނެއެކޭ ނޫނ. އެކަން އެނގޭނީ އެ މުއްސަސާއަކަށް. އެކަމަކު އަޅުގަނޑަށް ޔަގީން ކުރެވޭ ކަމަކީ ރައީސް މައުމޫންގެ ފަރާތްޕުޅުން ކޮރަޕްޝަންގެ ހުތުރު އަމަލެއް ނުފެންނާނެކަން. އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާގައި ބުނާ އެއްޗެއް މިއީ."

މިހާރު މައުމޫނާ އެކު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ގާސިމް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ގާނޫނުއަސާސީގެ ދަށުން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫނަށް ވަރަށް ބޮޑެތި އަދި ގިނަ ބާރުތަކެއް ލިބިދީފައިވެ އެވެ. އެހެންވެ އެހާ ބޮޑެތި ބާރުތަކާ އެކު މައުމޫން ގައުމު ހިންގެވިއިރު ވެސް މިހާތަނަށް ކޮރަޕްޝަންގެ ކަމެއް ފެނިފައި ނެތުމަކީ އުފާ ކުރަންޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ގައުމުގައި އޮތީ 30 މިލިއަން ރުފިޔާގެ ބަޖެޓެއް. ވެރިކަމުން ވަަޑައިގެންނެވިއިރު އެ އަދަދު 12.3 ބިލިއަނަށް ވުރެ ބޮޑު ބަޖެޓެއް އޮތް. އިގުތިސޯދީ ހުރިހާ ދާއިރާއަކުން ގައުމަށް ކުރިއެރުން ގެނެސް ދެއްވި. ޓޫރިޒަމް ވަރަށް ބޮޑަށް ތަރައްގީ ކޮށްދެއްވި. އެހެންވީމާ އެވަރުގެ ޚިދުމަތްތެރިއެެއްގެ އިސްތަށިފުޅުގައި މިފަދަ ހަޑިހުތުރު އަމަލެއް އެޅުވުމަކީ އުސޫލެއްގެ ގޮތުން އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. އަޅުގަނޑު ލަދުވެތިވާ ކަމެއް އެއީ،" ވިލާގެ ޗެއާމަން ގާސިމް ވިދާޅުވި އެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ހިމެނޭ ކަންކަމާ މެދު މައުމޫނާ ސުވާލުކޮށް ބަޔާން ނެގުމަށްޓަކައި އެމަނިކުފާނާ ބައްދަލުކުރުމަށް އޭސީސީން ވަނީ އަނެއްކާވެސް އެދިފަ އެވެ. އެކަމަކު މައުމޫން އަދި ވަގުތެއް ނުދެއްވާތީ ބަޔާން ނަގާނެ ދުވަހެއް ކަނޑަނާޅާ ކަމަށް އޭސީސީން މިއަދު ބުންޏެވެ.