Roadha Mihaaru
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން

މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން

05 ޖުލައި 2016

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ދިފާއުގައި އަބަދުވެސް ހުންނަވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ދިފާއުގައި އަބަދުވެސް ހުންނަވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި ނެރުނު އޮޑިޓް ރިޕޯޓްތަކުގެ ތަހުގީގު ނިންމުމަށްޓަކައި، މި ފެށޭ އީދު ބަންދަށް ފަހު މައުމޫން އޭސީސީ އަށް ހާޒިރުކުރަން ނިންމި މައްސަލާގައި ނިހާން ވިދާޅުވީ އެއީ ސިޔާސީ ގޮތުން ނެރެފައިވާ ރިޕޯޓްތަކެއްކަން ސާފުކޮށް އެނގޭ ކަމަށާއި މި ހާލަތުގައި މައުމޫން އެ ކޮމިޝަނަށް ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.

"މިއީ ހަމަ ސީދާ މި ދަނޑިވަޅުގައި އައި ސިޔާސީ ޓައިމް ބޮމެއް. އޭރު ވެސް މިއީ މައުމޫނަށް އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ފޮނުވާލި ޓައިމް ބޮމެއް. ސީދާ ސިޔާސީ އޮޑިޓް ރިޕޯޓްތަކެއް،" މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ އެތެރެ ހަލަބޮލިވެފައިވާ މި ދަނޑިވަޅާ ގުޅުވައިގެން ނިހާން ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓެއްގައި ބުނެފައި އޮންނާނެ ތީމުގޭގައި އުޅުއްވި މައުމޫންގެ ބޭބޭފުޅުން ބޭނުން ކުރައްވަން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވައިގެން ބޭބީ ޑައިޕާސް ގެނައި ވާހަކަ. އެކަމަކު އެއީ ސިޔާސީ ފަރިއްކޮޅުތަކުގައި ބޭބޭފުޅުންގެ އަރިމަތިން މޭޒުމަތީގައި ބަހައްޓާފައި އޮންނަ ފޮތިކޮޅު ނޫނީ ނެޕްސްކިން. މި ހުންނަނީ އޭރުގެ އޮޑިޓަ ޖެނެރަލް ރިޕޯޓްތައް ސިޔާސީ ކޮށްލިވަރު. މިއީ ތަންކޮޅެއް ބޮޑުވަރު."

ޕީޕީއެމް އިސްލާހު ކުރުމާ ގުޅޭ ގޮތުން މައުމޫން މިދިޔަ ހަފުތާގައި ބަޔާނެއް ދެއްވަނީ: އެމަނިކުފާނު އޭސީސީއަށް ހާޒިރުކުރަން ވަނީ ނިންމާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމް އިސްލާހު ކުރުމާ ގުޅޭ ގޮތުން މައުމޫން މިދިޔަ ހަފުތާގައި ބަޔާނެއް ދެއްވަނީ: އެމަނިކުފާނު އޭސީސީއަށް ހާޒިރުކުރަން ވަނީ ނިންމާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ނިހާން ވިދާޅުވި ގޮތުގައި މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގެ އޮޑިޓް ރިޕޯޓުތަކުގެ މައްސަލަ ނިންމައި އެ ފައިލް ލައްޕަން ޖެހެ އެވެ. އަދި އެއީ އަވަސްކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މައުމޫން އަރިހުން އެއްޗެއް އޮޅުން ފިލުވަން ބޭނުން ނަމަ، ރައީސް މައުމޫން ހުންނެވި ތަނަކަށް އޭސީސީގެ ބޭފުޅުން ވަޑައިގެން، އިހުތިރާމާ އެކު އެމަނިކުފާނުގެ އަރިހުން އެކަމެއް ސާފުކޮށްލެވިދާނެ. ނޫނީ ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުވައިގެން ވެސް ކަންކަން އޮޅުން ފިލުވިދާނެ. އޮޑިޓް ރިޕޯޓްތައް ވީހާވެސް އަވަހަކަށް ނިންމުމަކީ އަޅުގަނޑު ވެސް އެދޭ ގޮތް. އެކަމަކު މިކަލަހަ ދަނޑިވަޅެއްގައި އަދި އެހެން ވަގުތެއްގައި ވެސް ރައީސް މައުމޫން އޭސީސީއަށް ހާޒިރުކޮށްގެން ނުވާނެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ކޮންމެ ފަދަ ވާހަކައެއް ވެސް ހުރެދާނެ ކަމަށާއި އެހެން އެވަނީ ސިޔާސީ މަަސައްކަތަކަށް ވާތީ ކަމަށެވެ. އެކަމަކު މައުމޫންގެ އިސްތަށިފުޅުގައި ކަންކަން އެޅުވޭ ފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިހާން ވިދާޅުވި އެވެ.

"ރައީސް މައުމޫން ޒިންމާ އުފުއްލަވަންޖެހޭ އެއްވެސް ކަމެއް މި އޮޑިޓް ރިޕޯޓްތަކުގައި ނުހުންނާނެކަން އަޅުގަނޑަށް ކަށަވަރު،" އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ވީމީޑިއާ

އޭސީސީގެ ރައީސް ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ވީމީޑިއާ

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު "މިހާރު" އަށް ވިދާޅުވީ މައުމޫން އެ ކޮމިޝަނަށް ހާޒިރުކުރަނީ، އޮޑިޓް ރިޕޯޓްތަކުގެ ތަހުގީގު ނިންމުމަށް ކަމަށެވެ. އަދި މިހާތަނަށް އެ ތަހުގީގުތަކަށް އެކި މީހުން ހާޒިރުކޮށް، ސުވާލު ކޮށްފައިވާއިރު، މައުމޫން މި ހާޒިރު ކުރަނީ އެންމެ ފަހު ބޭފުޅާގެ ގޮތުގައި ކަމަށް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓްތަކުގައި ހުރި ކަންކަން އޭސީސީން ބަލަމުން އަންނަތާ ކިތަންމެ ދުވަހެއް ކަމަށާއި "އަދި ކިރިޔާ މައުމޫނާ ސުވާލުކުރާ ހިސާބަށް ދިޔައީ" ކަމަށެވެ.

މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ގާތްބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އަދި އެ ފައިސާތައް މައުމޫންގެ އަތްޕުޅުން ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.