Roadha Mihaaru
މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި

ތީމުގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި

22 ޖޫން 2017

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވެ ވަޑައިގަތުމަށް އަންގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވެ ވަޑައިގަތުމަށް އަންގައިފި އެވެ.

މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވި ގޮތުގައި މައުމޫން އޭސީސީ އަށް ހާޒިރު ވެވަޑައިގަތުމަށް އެންގީ 2007، 2008 ގެ ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ބަޔާން ނެގުމަށެވެ. އެކަމަކު ހާޒިރު ވަޑައިގަންނަވަން ޖެހޭ ދުވަސް އަދި ސާފުނުވާ ކަމަށް ވިދާޅުވި އެވެ.

ތީމުގެގޭ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން މައުމޫން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ.

ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ.

އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.

ރައީސް އޮފީހުގައި މިިދިޔަ އަންގާރަދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ގިނަ އޮޑިޓް ރިޕޯޓްތަކެއް ނެރެފައިވާއިރު، ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަން ފެންނަން އެބަހުރި ކަމަށެވެ. އޭގެތެރޭގައި ޚިޔާނާތްވުމާއި އިހުމާލުވުމާއި ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އަމަލު ކުރުމުން ގެއްލުނު ފައިސާ ހިމެނޭ އިރު، އެ ފައިސާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި މި ދެކެނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދައިދިނުން. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދޭން ބޭނުންވާ ފައިސާ އަނބުރާ އިއާދަކޮށްދިނުން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.