10 ޖެނުއަރީ 2017
އުމްރާނީ ތަރައްގީ އަށް މި ސަރުކާރުން ކަނޑައެޅި ވައުދުތައް ފުއްދުމުގައި ހައުސިން މިނިސްޓްރީގެ ސްޕީޑު އަވަހެވެ؛ މިހާތަނަށް ނިންމާފައި ހުރި މަސައްކަތްތަކާއި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު މިކަމަކާ ދެބަސްވެވޭކަށް ނެތެވެ. އެކަމަކު މައްސަލައަކީ މި މަސައްކަތްތަކުގެ ތެރެ އަށް ވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ކޮރަޕްޝަންގެ މޫތައް ފެތުރިފައި ވުމެވެ.
އުމްރާނީ ތަރައްގީ އަށް މި ސަރުކާރުން ކަނޑައެޅި ވައުދުތައް ފުއްދުމުގައި ހައުސިން މިނިސްޓްރީގެ ސްޕީޑު އަވަހެވެ؛ މިހާތަނަށް ނިންމާފައި ހުރި މަސައްކަތްތަކާއި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު މިކަމަކާ ދެބަސްވެވޭކަށް ނެތެވެ. އެކަމަކު މައްސަލައަކީ މި މަސައްކަތްތަކުގެ ތެރެ އަށް ވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ކޮރަޕްޝަންގެ މޫތައް ފެތުރިފައި ވުމެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނެރުއްވި ހައުސިން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެކަންކަން ވަނީ ތަފްސީލްކޮށްދެއްވައިފަ އެވެ.
ދައުލަތުގެ ބަޖެޓުން މިނިސްޓްރީ އަށް ކަނޑައެޅި ފައިސާ ހޭދަކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތެވެ. ދަރުބާރުގެ ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ވަނީ ނުލިބި އެވެ. ތިޖޫރީގެ ހިސާބު ވެސް ބަލަހައްޓާފައެއް ނުވެ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ވަރަށް ބޮޑު ޕަސެންޓެއްގެ މަޝްރޫއުތައް ހިންގަނީ ހައުސިން މިނިސްޓްރީގެ ތެރެއިން ކަމަށް ވާއިރު، އެ މިނިސްޓްރީގެ އޮޑިޓުން ފާހަގަވެފައި ވަނީ ވަރަށް ސީރިއަސް، އަދި ކަންބޮޑުވާން ޖެހޭ މައްސަލަތަކެކެވެ. މިކަމުގައި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހުނު ނަމަވެސް ހައުސިން މިނިސްޓްރީ އޮތީ "ހިމޭނުންނެ"ވެ.
- ހަތް ރަށެއްގެ މަގު ހަދަން ގަވާއިދާ ހިލާފަށް 120 މިލިއަން ރުފިޔާ ބަޔަކަށް ދިނުމާއި ބަޖެޓުގައި ހިމަނާފައި ނުވާ ޕްރޮޖެކްޓަކަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން.
- ދަރުބާރުގެ ކުއްޔަށް ދީގެން 2014 ގެ ނިޔަލަށް ދައުލަތަށް ލިބެން ޖެހޭ 1.5 މިލިއަން ރުފިޔާ ހޯދާފައި ނުވުން.
- މިނިސްޓްރީގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ސައްހަ އަދަދު ކަށަވަރު ނުކުރެވުން.
- އެއްބަސްވުން ތައްޔާރުނުކޮށް، މާލިއްޔަތު ގަވާއިދާ ހިލާފަށް 500،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވުން.
- ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް މުވައްޒަފަކު ގެންގުޅެ، މުސާރަ އާއި އެހެނިހެން އެލަވަންސްގެ ގޮތުގައި 52،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވުން.
- އެ މިނިސްޓްރީ އަށް ކަނޑައެޅި ބަޖެޓުން ހަރަދުކުރި ގޮތާއި ލިބުނު އާމްދަނީ އާއި ހަރަދުގެ ހިސާބު މާލިއްޔަތު ގާނޫނާ އެއްގޮތަށް އޮޑިޓް އޮފީހަށް ހުށަހަޅާފައި ނުވުން.
- މިނިސްޓްރީގެ ހަރު މުދަލާއި ހަރު މުދަލުގެ ރެކޯޑުތައް ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުން.
މި ކަންކަން އިސްލާހުކުރަން ދިން ލަފާގައި ވެސް އޮޑިޓަ ޖެނެރަލްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ހައުސިން މިނިސްޓްރީގެ މާލީ ބަޔާންތައް އެ އޮފީހަށް ހުށަނާޅާ މައްސަލަ އެވެ. ތަކުރާރުކޮށް އެދިގެން މިދިޔަ އަހަރު ވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން މަޖީދީ މަގު އަލުން ހަދާފައި: އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހައުސިން މިނިސްޓްރީން ހިންގާއިރު، އެ މިނިސްޓްރީން މާލިއްޔަތު ގާނޫނާ ހިލާފުވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އޮޑިޓް އޮފީހުން ދެކޭ. --ފޮޓޯ:މިހާރު
އޮޑިޓް ރިޕޯޓުގައި އޮޑިޓަޖެނަރަލް ލަފާ ދެއްވާފައި ވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށެވެ. އެއީ ގާނޫނުގައި ވެސް ލިއެފައި އޮންނަ ގޮތެވެ. އެކަމަކު ސުވާލަކީ، އޮޑިޓަ ޖެނެރަލް އެންގެވިއަސް ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ އެ ފައިސާ ދެން ހޯދާނީ ކިހިނެއް ހެއްޔެވެ؟
އޮޑިޓް އޮފީހުގެ މެނޭޖަ ޓެކްނިކަލް މުހައްމަދު ނަސީމް "މިހާރު" އަށް އިއްޔެ ވިދާޅުވީ ހައުސިން މިނިސްޓްރީގެ އޮޑިޓުން ފާހަގަވެފައި ވަނީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ފިނޭންސް މިނިސްޓްރީގެ ތެރެއިން، އެ އޮންނަ އުސޫލާ އެއްގޮތަށް ހައުސިން މިނިސްޓްރީން ޖަވާބުދާރީވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ ވަރަށް ބޮޑު ބައެއް މި ގެންދަނީ ހައުސިން މިނިސްޓްރީގެ ތެރެއިން. ރާއްޖޭގެ ތަރައްގީ އަށް ހިންގާ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތައް ހިންގަނީ އެ މިނިސްޓްރީން. މިގޮތަށް އެފަދަ މުހިންމު މިނިސްޓްރީއަކުން މިސް މެނޭޖްމަންޓްކޮށް ކަންތައް ހިންގާ ނަމަ އެއީ މި ތަރައްގީގެ މަޝްރޫއުތައް ވެސް ލަސްވާނެ ކަމަށް،" ނަސީމް ވިދާޅުވި އެވެ.
"އޭގެ މާނަ އަކީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތަކުން ލިބޭ ފައިދާއެއް އެ ލިބެން ޖެހޭ އަވަސް މިނެއްގައި ނުލިބޭނެއޭ. ދޯހަޅިކޮށް ހިންގާ ކަންތައްތަކުން ގެއްލުން ރައްޔިތުންނަށް ވާނެއޭ."
އޭނާ ވިދާޅުވީ ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންނަށް މިސާލަކަށް މަދުން މުސާރަ ދެވުމުން، ޖެހިގެން އަންނަ މަހު ބަޖެޓުގެ ތެރެއިން އެކަން އެޖެސްޓް ކުރެވުނަސް، ބިޔަ މަޝްރޫއުތަކަށް ހަރަދުކުރާ ފައިސާ ދޯހަޅިކޮށް ހަރަދު ކުރުމުން، ލިބޭނެ ގެއްލުން އިންތިހާ އަށް ބޮޑުވާނެ ކަމަށެވެ.
"އޭގެ ނަތީޖާ އަކީ އެކަމާ ގުޅިގެން ރައްޔިތުންނަށް ހަގީގީ ފައިދާ ނުލިބުން،" ހައުސިން މިނިސްޓްރީގެ އޮޑިޓުން ފާހަގަވި ކަންތައްތައް ވަރަށް ސީރިއަސްކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކަށް ޖަވާބުދާރީ ނުވުމާއި ކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު ނޭޅުމަކީ ކުޑަ ކަމެއް ނޫނެވެ؛ އޮޑިޓް ރިޕޯޓުން ކިތަންމެ ބައިވަރު މައްސަލަތަކެއް ވެސް ފެންމަތިކުރެވިދާނެ އެވެ. އެކަމަކު މުހިއްމީ ކޮރަޕްޝަން ހުއްޓުވަން ފިޔަވަޅު އެޅުމެވެ.
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
"މިނިސްޓްރީގެ މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުން"
ދަރުބާރުގޭ ކުލިން ދެ މިލިއަން ރުފިޔާ ނުލިބި އެބައޮތް
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
އޭސީސީން ފޮނުވާ މައްސަލަތައް ޕީޖީ އޮފީހުގައި 3 މަސް!
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް