Roadha Mihaaru
ޝިފްލާ ހިކެންވެގެން ފެށި ޑައިޓުން ގިނަ ބަޔަކަށް ފައިދާ

ޝިފްލާ ހިކެންވެގެން ފެށި ޑައިޓުން ގިނަ ބަޔަކަށް ފައިދާ

21 ޖޫން 2017

މީގެ ތިން އަހަރު ކުރިން ބަލިވެއިނުމާއެކު ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ވަރަށް ބޮޑަށް ފަލަވި އެވެ. އޭރު ޑިގްރީއަށް ކިޔަވަމުން ދިޔުމާއި ދިރިއުޅުމަށް އައި ބޮޑު ބަދަލަކުން މާބޮޑަށް ސްޓްރެސްވީ އެވެ. އެކަމަކު ގްރެޖުއޭޝަނަށް ހިކެން ބޭނުން ވުމުން ކިޔެވުން ނިމުމާއެކު އޭނާ ފެށީ ކަސްރަތުކޮށް ޑައިޓް ކުރާށެވެ. އޭރު އޭނާ ފެށި ޑައިޓުން 21 ކިލޯ ހިކުނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ތިން އަހަރު ކުރިން ބަލިވެއިނުމާއެކު ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ވަރަށް ބޮޑަށް ފަލަވި އެވެ. އޭރު ޑިގްރީއަށް ކިޔަވަމުން ދިޔުމާއި ދިރިއުޅުމަށް އައި ބޮޑު ބަދަލަކުން މާބޮޑަށް ސްޓްރެސްވީ އެވެ. އެކަމަކު ގްރެޖުއޭޝަނަށް ހިކެން ބޭނުން ވުމުން ކިޔެވުން ނިމުމާއެކު އޭނާ ފެށީ ކަސްރަތުކޮށް ޑައިޓް ކުރާށެވެ. އޭރު އޭނާ ފެށި ޑައިޓުން 21 ކިލޯ ހިކުނެވެ.

މި ޑައިޓު ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވެ، އެކަމުން އޭނާ މިހާރު ވަނީ ވިޔަފާރިއެއް ވެސް ފަށާފަ އެވެ.

ނޫސްވެރިކަމުގެ ޑިގްރީ ކޯސް ނިމުމުން ގްރެޖުއޭޝަނަށް ރީތި ހެދުމެއް ލުމަށް ހިކެން ބޭނުން ވުމުން އޭނާ އެންމެ ފުރަތަމަ ދިޔައީ އޭރު ފެށި ބޫޓް ކޭމްޕަކަށެވެ. ޓޭބަލް ޓެނިސް ޗެމްޕިއަން އަދި ފިޓްނަސް އިންސްޓްރަކްޓަރު މުއީނާ މުހައްމަދު އަލަށް ފެށި އެ ބޫޓު ކޭމްޕުގައި ދިނީ އަށް ހަފުތާގެ ޑައިޓެކެވެ. ކަސްރަތުގެ އިތުރުން ކުރަން ޖެހޭ އެ ޑައިޓުގައި އެއްވެސް ވަރަކަށް ކާބްސްއެއް ނުހިމެނެ އެވެ. އާއްމުކޮށް ކާ ތަކެތިން، ފުށާއި ހަނޑުލާއި ހަކުރުގެ ބާވަތްތައް ކަނޑާލައި، ތަރުކާރީ އާއި މޭވާ ހިމަނައިގެން ތައްޔާރު ކުރާ ކާތަކެތީގެ ސަބަބުން ހަފުތާއަކު ކިލޯއެއް ލުއިވި އެވެ.

ޝިފްލާ ތައްޔާރުކޮށްފައި ހުރި އޯޓްސް ބޯކިބަލާއި ކޯލިފްލާވާ ރައިސް: ބޮޑު ތަރުހީބެއް މި ތަކެއްޗަށް ލިބޭ ކަމަށް އޭނާ ބުނި

ޝިފްލާ ތައްޔާރުކޮށްފައި ހުރި އޯޓްސް ބޯކިބަލާއި ކޯލިފްލާވާ ރައިސް: ބޮޑު ތަރުހީބެއް މި ތަކެއްޗަށް ލިބޭ ކަމަށް އޭނާ ބުނި

ބޫޓް ކޭމްޕުގެ ސަބަބުން ހަށިގަނޑަށް އައި އެ ބަދަލުން، އޭނާ ބޭނުންވީ ދާއިމީކޮށް އެ ޑައިޓް ކުރިއަށް ގެންދާށެވެ.

"އޭރު ޑައިޓް ހަދަމުން ގެންދިޔައިރު ތައްޔާރު މި ކުރީ ހަނޑުލުގެ ބަދަލުގައި އޯޓްސް އަޅައިގެން ބޯކިބަލެއް. ހަމަ ރަނގަޅު ކުޅި ބޯކިބަލެއް. އެ ބޯކިބާ ކޭމްޕުގެ މީހުންނަށް ވެސް ވަރަށް މީރުވި. އެހެންވެ، ގިނަ ބަޔަކު ބުނެގެން ބޯކިބާ އަޅަން ފެށީ،" އަމިއްލައަށް ފެށި ޑައިޓު ވިޔަފާރިއަކަށް ބަދަލުވި ގޮތް ކިޔައިދެމުން ދެ ކުދިންގެ މަންމަ ބުންޏެވެ.

ޝިފްލާ ބުނިގޮތުގައި އޭނާއަކީ ކުރިން އެއްގޮތަކަށް ވެސް "ބަދިގެ މީހެއް" ނޫނެވެ. އެކަމަކު އޭނާގެ ފޮރުވިފައިވާ ކެއްކުމުގެ ހުނަރު އެނގުނީ ސިއްހަތަށް ފައިދާ ހުރި މި ކާއެއްޗެހި ތައްޔާރު ކުރުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

ޑައިޓު ކުުރުމަށް ހަދާ ކާއެއްޗެހި ނަމަވެސް އޭނާ ބޭނުންވީ އެ ތަކެތީގައި އަމިއްލަ ރަހަތަކެއް ލައްވައިގެން، މީރުކޮށް އެތަކެތި ހަދާށެވެ. ހަމައެކަނި ތަރުކާރީކޮޅަކާއި މޭވާކޮޅެއްގެ ބަދަލުގައި ރަނގަޅު ކާއެއްޗެއްގެ ގޮތުގައި އަނގަޔަށް މީރުކޮށް ހެދުމަށް ބަދިގެއަށް ވަންނާށެވެ.

ޝިފްލާ ތައްޔާރު ކުރާ ބައެއް ކާއެއްޗެހި

ޝިފްލާ ތައްޔާރު ކުރާ ބައެއް ކާއެއްޗެހި

އަމިއްލައަށް ހަދާ މިތަކެތި އޭނާ ދިޔައީ ފޭސްބުކާއި އިންސްޓަގްރާމަށް ވެސް ލަމުންނެވެ. އިސާހިތަކު ގިނަ ބައެއްގެ ލޮލުގައި މި ތަކެތި އަޅައިގެންފި އެވެ.

"މިހެން ފާޑުފާޑުގެ އެއްޗެހި ހަދާލާފައި ސޯޝަލް މީޑިއާއަށް ލާން ފެށީމަ ގިނަ ބަޔަކު ކިޔަން ފަށައިފި ތިމަންނަމެންނަށް ވެސް ހަދައިދޭންވީ ނޫންހޭ، ވަރަށް ކާހިތްވެއޭ. އެ އެއްޗެހީގެ ރެސިޕީ މީހުންނަށް ކިޔައިދީދީ ވަރުބަލިވެފައި ހުންނަނީ. ދެން ހިތަށް އެރީ ގިނަ ބަޔަކަށް މީގެ ފައިދާ ކުރާނެ ގޮތަކަށް ވިޔަފާރިއެއްގެ ގޮތުގައި ފަށަން،" ގިނަ އަހަރުތަކެއް ވާންދެން ޓީވީއެމްގައި މަސައްކަތް ކުރުމަށް ފަހު، މިިހާރު ސަންގު ޓީވީގައި ޕާޓްޓައިމް އެންކަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝިފްލާ ބުންޏެވެ.

މި ވިޔަފާރި އޭނާ އެންމެ ފުރަތަމަ ފެށީ އޯޓްސް ބޯކިބަލުންނެވެ. ހަނޑުލުގެ ބަދަލުގައި އޯޓްސް އެޅީމައި ނުބައިވެދާނެ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، ޝިފްލާ ބުނީއެ ދޭތީގެ ތަފާތު ނުފެންނަ ކަމަށެވެ. އޯޓްސް ބޯކިބަލެއްކަން ބައެއް މީހުންނަށް އެނގެނީ އެހެން ބުނީމައި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ހަނޑުލުގެ ބަދަލުގައި، އެންމެ ކެލަރީ މަދު ބާވަތްކަމަށްވާ އޯޓްސް ބޭނުން ކުރުމުން ސިއްހަތަށް މާބޮޑަށް ވެސް ފައިދާ ކުރާނެ ކަމަށް ބުންޏެވެ.

ޝިފްލާ ވަނީ ރާއްޖެ އިން ބޭރަށް ވެސް މި ބޯކިބާ ވިއްކަން ފޮނުވައިފަ އެވެ.

އޯޑަރު ދިނުމުން ޝިފްލާ ތައްޔާރުކޮށްފައިވާ ކާ އެއްޗެއް

އޯޑަރު ދިނުމުން ޝިފްލާ ތައްޔާރުކޮށްފައިވާ ކާ އެއްޗެއް

އޮފީހުގައި މަސައްކަތް ކުރަމުން، ތިން އަހަރުގެ ދަރިފުޅު ބަލަމުން އޭނާ ހިފި އޯޑަރުތައް ނުކަތާ ވަރަށް ގިނަވި އެވެ. މި ކާމިޔާބީއާ އެކު އޭނާ ދެން ނިންމީ އިތުރު ކާއެއްޗެހި ވެސް މީގެ ތެރޭގައި ހިމަނާށެވެ.

ޝިފްލާ ބުނިގޮތުގައި އޭނާ ގިނަ ކާއެއްޗެހި ތައްޔާރު ކުރަނީ ދިވެހިންގެ ތެރޭގައި އާއްމު ބައެއް ރަހަތައް މޮޑިފައި ކޮށްލައި، އުނިކޮށްލާ ބައެއް އެއްޗެހީގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުންނަ އެއްޗެހި ބޭނުންކޮށްގެންނެވެ. ފްރައިޑް ރައިސްގެ ބަދަލުގައި ހަދާ ކޯލިފްލާވާ ރައިސް އާއި ލޭޑީސްފިންގާ އަދި ބަށި ފަދަ ތަކެއްޗަށް ހަވާދުތައް ނޭޅި ނަމަވެސް އަނގަޔަށް މީރެވެ.

"ޑައެޓް ކާއެއްޗެއްސޭ ބުނީމައި މީހުންނަށް ހީވަނީ ވަރަށް ނުބައިވާނެއޭ ނޫނީ އެއްވެސް ރަހައެއް ނުދޭނެއޭ. އެކަމަކު ހަގީގަތުގައި މީރުކޮށް ހަދައިފި ނަމަ މި އެއްޗެހި ވަރަށް މީރު. ބަށި ބޯކިބާ ކަހަލަ އެއްޗެހި ހަވީރު ސައިބޯލަން ވެސް ހަމަ ކަމުދޭ،" އޭނާ ބުންޏެވެ.

ޝިފްލާ: މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ވަރަށް ބޮޑަށް ލުއި ވެފައި

ޝިފްލާ: މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ވަރަށް ބޮޑަށް ލުއި ވެފައި

ޑައިޓް ކާއެއްޗެހި ޝިފްލާ އެންމެ ފުރަތަމަ ތައްޔާރުކުރަނީ ހަފުތާއަކަށް ބަލައިގެން، ފަހަރަކު ހަތަރު މީހުންނަށެވެ. އެ ހަފުތާގައި އޭނާ ތައްޔާރު ކުރާނެ އެއްޗެހީގެ ލިސްޓެއް މީހުންނަށް ދެ އެވެ. އަދި އެ މީހަކު ބޭނުންވާ ކާއެއްޗެއް، އެ ބޭނުންވާ ރަހަތަކުގައި އޭނާ ތައްޔާރުކޮށްދެ އެވެ. އެ އެއްޗެހި އޭނާ ހަދަނީ އަމިއްލައަށް ބާޒާރަށް ގޮސް ތަކެތި ގަނެގެން، ކޮންމެ މީހަކަށް ވެސް ވަކިވަކިންނެވެ.

"ހަގީގަތުގައި މި ބޭނުންކުރާ ގިނަ ތަކެއްޗަކީ ވަރަށް އަގުބޮޑެތި އެއްޗެހި. އެހެންވެ، ޑިޝްއެއް ވެސް ނޯވޭ މާބޮޑަށް އަގުހެޔޮ ކޮށްލެވޭކަށް. އެކަމަކު ޝިފްލާ އެއްވެސް ޑިޝްއެއް ނުހަދަން 90 ރުފިޔާއަށް ވުރެ ބޮޑުވާ ގޮތަކަށް،" އޭނާ ބުންޏެވެ.

"އަސްލު ބޮޑަށް ޓާގެޓްކޮށްފައި މި އިންނަނީ އޮފީހުގައި ބުރަކޮށް އުޅަން ޖެހޭތީ މިގޮތަށް ކައްކަން ދަތި މީހުންނަށް."

ޝިފްލާ ތައްޔާރުކޮށްފައި ހުރި ބަށި ބޯކިބަލާއި އިތުރު ކާއެއްޗެއް: މިތަކެތި އޭނާ މިހާރު ވިއްކާ

ޝިފްލާ ތައްޔާރުކޮށްފައި ހުރި ބަށި ބޯކިބަލާއި އިތުރު ކާއެއްޗެއް: މިތަކެތި އޭނާ މިހާރު ވިއްކާ

ޝިފްލާ ބުނިގޮތުގައި މިހާރު ގިނަ ތަކެތި އޭނާ ތައްޔާރު ކުރަނީ އެކި ކަހަލަ ޑައިޓް ވެބްސައިޓްތައް ބަލައިގެން، އަމިއްލައަށް ބޭނުންވާ ގޮތަށެވެ.

ވަޒީފާއަކަށް ދަމުން، އަމިއްލައަށް ދަރިފުޅު ބަލަމުން މި ފަދަ ވިޔަފާރިއެއް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ގިނަ ގޮންޖެހުންތައް ވެސް އޭނާއަށް އެބަހުއްޓެވެ. ގޭގެ ބަދިގޭގައި ތަފާތު ކާ އެއްޗެހި، ގިނަ ބަޔަކަށް ވަކިވަކިން ތައްޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ތައްޔާރު ކުރާ ކާއެއްޗެހި ޑެލިވަ ނުކޮށްދެވުމަކީ ވެސް ވިޔަފާރިއަށް އެޅިފައިވާ ހުރަހެއް ކަމަށް ޝިފްލާ ބުންޏެވެ.

އެކަމަކު އޭނާ ބޭނުންވަނީ ގޭގެ ބަދިގޭން ފެށި މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާށެވެ. އޭނާގެ ހަށިގަނޑަށް އައި ރަނގަޅު ބަދަލު ވީހާ ވެސް ގިނަ ބަޔަކަށް ދައްކައި، ފައިދާ ހުރި ކާނާއާ ބެހޭގޮތުން ދިވެހިން ހޭލުންތެރި ކުރާށެވެ.