Roadha Mihaaru
ބޮއްސުންލާފައި ހުރި ކަންކަން ރަނގަޅު ކުރާނަން: ޒުހޫރު

ސްޓެލްކޯގައި ބޮއްސުންލާފައި ހުރި ކަންކަން ރަނގަޅު ކުރާނަން: ޒުހޫރު

19 ޖޫން 2017

ސްޓެލްކޯގައި ކަންކަން ބޮއްސުންލާފައި ހުރިތޯ ބަލައި އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި އަޅާ ފިޔަވަޅާ މެދު ބައެއް މުވައްޒަފުން ހިތްހަމަ ނުޖެހިދާނެ ކަމަށް އެ ކުންފުންޏަކާ މީގެ ދުވަސްކޮޅެއް ކުރިން ހަވާލުވެވަޑައިގެންންނެވި އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްޓެލްކޯގައި ކަންކަން ބޮއްސުންލާފައި ހުރިތޯ ބަލައި އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި އަޅާ ފިޔަވަޅާ މެދު ބައެއް މުވައްޒަފުން ހިތްހަމަ ނުޖެހިދާނެ ކަމަށް އެ ކުންފުންޏަކާ މީގެ ދުވަސްކޮޅެއް ކުރިން ހަވާލުވެވަޑައިގެންންނެވި އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އަށް 20 އަހަރު ފުރުން އަދި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަތާ 67 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ކުންފުނީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ކުރީގެ ޔޫތު އަދި ހެލްތު މިނިސްޓަރު ވިދާޅުވީ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއް ބައްޓަން ކުރެވޭނީ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އަދި ފަހަރުގައި އެއީ މުވައްޒަފުން އެންމެ ހިތްހަމަޖެހޭ ފިޔަވަޅަކަށް ވެސް ނުވެ ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

މިއަދުގެ ޖަލްސާގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"އަޅުގަނޑުމެންނަށް ކަރަންޓުގެ ޚިދުމަތް ދެވެން މި އޮންނަނީ ޚަރަދުތައް ލިމިޓްކޮށްގެން. ކުންފުނީގެ ޓެރިފްގައި އަތްލުމުގެ ބާރެއް، މެނޭޖްމެންޓަކަށް ވެސް ބޯޑަކަށް ވެސް އަދި މުވައްޒަފުންނަކަށް ވެސް ނޯވޭ. އެހެންވެ، ކުންފުނީގެ ޚަރަދުތައް ކިތަންމެ ބޮޑުވިޔަސް އާމްދަނީ ބޮޑުވެގެންނެއް ނުދޭ،" މީގެ ދެހަފުތާ ކުރިން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެލުގެ އަގުބޮޑުވުމުން ކަރަންޓުގެ އަގު ބޮޑުވާ ވާހަކަ ދައްކާއިރު އޭގެ ބަދުނާމު ސްޓެލްކޯ އަށް ލިބެ އެވެ. އަދި މި ފަދަ ހާލަތެއްގައި އެ ކުންފުނިން ކުރަން ޖެހޭ ޚަރަދުތައް މެނޭޖްކޮށް، ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ އަހަރުގެ ހުރިހާ ދުވަހަކު ހެން ސްޓެލްކޯގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމަކު އެންމެ ފަހަރަކު ފަރުވާ ކުޑަކޮށްލެވިގެން ކަރަންޓު ދިޔަ ނަމަވެސް މުޅި ސްޓެލްކޯގެ އަގުވެއްޓޭ ކަމަށާއި އޭގެ ޒިންމާ ހުރިހާ މުވައްޒަފުން ވެސް ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓު ދާ ފަހަރަކު، އެހެން ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތުގެ ވާހަކައެއް މީހުންނެއް ނުދައްކާނެ. އެހެންވެ، މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ފަދައިން، މުވައްޒަފުން ވެސް ނަގަން ޖެހޭ،" ޒުހޫރު ވިދާޅުވި އެވެ.

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އާ އެމްޑީ ޒުހޫރު ހަނދާނީ ފިލައެއް މިއަދު އަރުވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އާ އެމްޑީ ޒުހޫރު ހަނދާނީ ފިލައެއް މިއަދު އަރުވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

އޭނާ ވަނީ ހުރިހާ މުވައްޒަފުން ވެސް ފަރުވާތެރިކަމާ އެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

މިއަދު ބޭއްވި މި ޖަލްސާގައި، ސްޓެލްކޯ އާއި އެކި ރަށްރަށުގައި ހުރި އެ ކުންފުނީގެ އިންޖީނު ގެތަކުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް ސެޓްފިކެޓް ދިނެވެ. އަދި 20 އަހަރާއި 30 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރި އެވެ. މީގެ އިތުރުން ހައްޖާއި އުމުރާ ދަތުރާއި އެކި މުވައްޒަފުންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވެސް ދީ، މުވައްޒަފުންނަށް އެކަމުގެ ލިޔުން ދިނެވެ.

ސްޓެލްކޯ އަށް 20 އަހަރު ފުރުން އަދި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަތާ 67 އަހަރު ފުރުން ފާހަގަކުރުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ސްޓެލްކޯގައި 35 އަހަރު ހިދުމަތް ކުރައްވާފައިވާ އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރެވެ. އޭނާގެ އަގު ވަޒަންކޮށް ޚާއްސަ ފިލައެއް ވެސް މިއަދު ވަނީ އަރުވައިފަ އެވެ.