Roadha Mihaaru
ސީއެންއީއީސީއަށް ކޭބަލް އަޅަން ދޭންއުޅުނު ކަމެއް ނޭނގެ

ސީއެންއީއީސީއާ ކޭބަލް ޕްރޮޖެކްޓް ހަވާލުކުރަން ނިންމި ކަމެއް ނޭނގެ: ސްޓެލްކޯ

18 ޖެނުއަރީ 2018

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާ އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ)އާ ހަވާލުކުރަން އެނާޖީ މިނިސްޓްރީން ނިންމި ކަން އެނގިފައިނުވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާ އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ)އާ ހަވާލުކުރަން އެނާޖީ މިނިސްޓްރީން ނިންމި ކަން އެނގިފައިނުވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ފަހު އަލުން ހުއްދަ ދިނުމާ ގުޅިގެން، ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، އެނާޖީ މިނިސްޓްރީން އެ މަސައްކަތް ސީއެންއީއީސީއާ ހަވާލުކުރި ކަން ނޭނގެ ކަމަށެވެ.

ޒުހޫރު އެހެން ވިދާޅުވި އިރު އޭރު އެޕްރޮޖެކްޓް ކުރިޔަށް ގެންދިޔަ އެނާޖީ މިނިސްޓްރީން ވަނީ އެ ބިޑް ކާމިޔާބުވި ކަން މިދިޔަ އަހަރުގެ ނޮވެމްބަރު 13 ގައި ސިޓީއަކުން ސީއެންއީއީސީ އަށް އަންގައިފަ އެވެ. އެކަމަކު އެ މަސައްކަތް ސީއެންއީއީސީއާ އެވޯޑް ކުރިތާ 17 ދުވަސް ފަހުން، ކޮންޓްރެކްޓް އެވޯޑްކުރި ސިޓީ އަނބުރާ ގެންގޮސް ސްޓެލްކޯއާ ހަވާލުކުރުމުން، ސްޓެލްކޯ އިން ނިންމީ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލު ކުރުމަށެވެ.

"ސްޓެލްކޯ އަށް އެނގިފައިވާ ކަންތައްތަކެއް ނޫން [އެނާޖީ މިނިސްޓްރީން ވަކި ބަޔަކާ ހަވާލުކުރަން ނިންމި ކަމެއް]. ސްޓެލްކޯ އަށް އެއްވެސް ސިފައެއްގައި ތިފަދަ އެއްވެސް ލިޔުންތަކެއް ލިބިފައެއް ނެތް. ސްޓެލްކޯ އަށް މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައި އޮތް ސިޓީއަކީ މި ޕްރޮޖެކްޓް ވީއެންމެ އަވަހަކަށް ކުރިޔަށް ގެންގޮސްދިނުމަށް. އަޅުގަނޑުމެންނާ ހަވާލުކޮށްފައެއް ނެތް ވަކި ބަޔަކަށް އެވޯޑްކޮށްފައި އެ ބަޔަކާއެކީ ކުރިޔަށް ދިއުމަށް. އަދި ބަޔަކަށް އެވޯޑް ކުރި ލެޓާއެއް ވެސް ސްޓެލްކޯ އަށް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް މިހާރު ސްޓެލްކޯ އިން ކުރި އަށް ގެންދާ އިރު އެނާޖީ މިނިސްޓްރީއާ އެއްވެސް ވަރަކަށް މުއާމަލާތު ކުރެވޭތޯ އަދި ކުރިން އެކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު ހޯއްދެވިންތޯ ދެންނެވުމުން ޒުހޫރު ވިދާޅުވީ "އަޅުގަނޑުމެން އެނާޖީ މިނިސްޓްރީއާ ދައްކަން ޖެހޭ ވާހަކައެއް މި ޕްރޮޖެކްޓްގައި ނެތް" ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގީ ފިނޭންސް މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީ އޮފް ފިނޭންސްއަކީ ސަރުކާރުގެ އެންމެހާ ކުންފުނިތަކުގެ އިސް ފަރާތް. ކުންފުނީގެ ސަތޭކަ ޕަސެންޓް ހިއްސާ ރެޕްރެޒެންޓްކުރަނީ މިނިސްޓްރީ އޮފް ފިނޭންސް. އެންވަޔަރްމަންޓް މިނިސްޓްރީއަކީ ޕޮލިސީ މޭކާ. އެހެންވީމަ އެންވަޔަރްމަންޓް މިނިސްޓްރީން ޕޮލިސީ ލައިނުން ކަމެއް އަންގައިފި ނަމަ އަޅުގަނޑުމެން ފޮލޯ ކުރެވޭތޯ ބަލާނެ،" ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް ވަކި ބަޔަކާ ހަވާލުކުރަން އެނާޖީ މިނިސްޓްރީން އެ ކުންފުންޏަށް އަންގާފައިނުވާ ކަމަށެވެ. އަދި އެ މިނިސްޓްރީން ސްޓެލްކޯއާ ހިއްސާކުރީ ދެ ޕާޓީން ހުށަހެޅި އަގުތަކާއި ބިޑް ޑޮކިއުމަންޓް އެކަނި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

"އެ ބިޑް ސްޓެލްކޯ އިން އިވެލުއޭޓްކުރުމަށް ފަހު ސްޓެލްކޯ އަށް ފެންނަ އެންމެ ރަނގަޅު ގޮތް ވެސް އަޅުގަނޑުމެން ހަމަ ލިޔުމުން ވާނީ މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް އެންވަޔަރްމަންޓަށް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް މި ޓެންޑާ ބާތިލުކުރި ކަމެއް ވެސް. ޓެންޑާ ހުއްޓުވި ކަމެއް ވެސް. ޓެންޑާ އިން ކުރިޔަށް ނުދާން ނިންމި ކަމެއް ވެސް. އަދި ޓެންޑާގައި އޮތް އަގުތަކެއް ނެގޯޝިއޭޓްކުރެވިދާނެ ކަމަކަށް އަޅުގަނޑުމެންނަށް އެއްވެސް ސިފައެއްގައި ގަބޫލެއް ވެސް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ އިންޓަނޭޝަނަލް ޓެންޑާއެއްގައި ނެގޯޝިއޭޓްކުރުމަކީ ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައެއް ނެތް މާލިއްޔަތު ގަވައިދުގެ ތެރެއިން ވެސް އިންޓަނޭޝަނަލް ޓެންޑާއެއްގައި ޓެންޑާ ހުޅުވުމަށްފަހު، އެފަދަ ކަމެއް ކުރެވިދާނެ ކަމަކަށް. އަދި އެއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ތެރެއިން ވެސް އެނގެން އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ސްޓެލްކޯ އިން ޑޮންފެންއާ އެ ޕްރޮޖެކްޓް ހަވާލުކުރަން ނިންމީ ވަރަށް ބޮޑަށް ބެލުމަށްފަހު ވަރަށް ޕްރޮފެޝަނަލްކޮށް އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި މާލިއްޔަތު ގަވައިދާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ޒުހޫރު ވިދާޅުވީ އެ މައްސަލަ ކުރިޔަށް ގެންދަން އޭސީސީން އަލުން ހުއްދަ ދިނުމުން ދެން އެކަމާ ގުޅޭ ގޮތުން އިތުރަށް ދައްކާނެ ވާހަކައެއް އަދި އަޑުއަހާނެ އިތުރު ވާހަކައެއް ވެސް ނެތް ކަމަށެވެ.