Roadha Mihaaru
ޗިލެކްސް ހުސްކުރަނީ މައްސަލަ އިސްތިއުނާފްގައި އޮއްވާ

ޗިލެކްސް ހުސްކުރަން ފެށިއިރު މައްސަލަ އޮތީ އިސްތިއުނާފްގައި

11 ޖޫން 2017

ކާނިވަލުގައި ހިންގާ "ޗިލެކްސް" ކެފޭ ކޯޓު ހުކުމަކާ ގުޅިގެން ހުސް ކުރުމަށްޓަކައި ފުލުހުން އެ ތަން ބަންދުކުރީ، އެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮއްވާ ކަމަށް ޗިލެކްސް ހިންގާ އޯޝަން ޕާޗް ކުންފުނިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކާނިވަލުގައި ހިންގާ "ޗިލެކްސް" ކެފޭ ކޯޓު ހުކުމަކާ ގުޅިގެން ހުސް ކުރުމަށްޓަކައި ފުލުހުން އެ ތަން ބަންދުކުރީ، އެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮއްވާ ކަމަށް ޗިލެކްސް ހިންގާ އޯޝަން ޕާޗް ކުންފުނިން މިއަދު ބުނެފި އެވެ.

ޗިލެކްސް ހިންގި ބިން، އޯޝަން ޕާޗް ކުންފުންޏާ ސަރުކާރުން 2015 ގައި ހަވާލުކުރީ، ކުރިން އެ ބިން ހަވާލު ކޮށްފައިވާ އިބްރާހިމް ނަސީމް ކިޔާ މީހާ އަތުން އެ ތަން އަތުލުމަށް ފަހު އެވެ.

މިދިޔަ މަހު ކޯޓުން ހުކުމް ކޮށްފައިވަނީ ނަސީމް އަތުން ސަރުކާރުން އެ ތަން އަތުލާފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށާއި އޭނާ އާއި ސަރުކާރާ ދެމެދު ހެދި އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ. ޗިލެކްސް ހުސް ކުރަން ހައުސިން މިނިސްޓްރީން އެންގީ އެ ހުކުމް ކުރި ފަހުންނެވެ.

އެ އެއްބަސްވުމުގެ ދަށުން ނަސީމަށް ލިބޭ ހައްގުތައް ނަސީމު އޮތީ އިސްމާއީލް ޝުޖާއު (ކާޓިއުންސް ޝުޖާއު) އަށް ބަދަލު ކޮށްފަ އެވެ. އެހެންކަމުން ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި އެ ބިން ޝުޖާއާ ހަވާލު ކުރުމަށެވެ. އަދި އެ ބިން ކުއްޔަށް ދިނުމާ ބެހޭ ގޮތުން ސަރުކާރުން އެހެން ފަރާތަކާ ދެމެދު އެއްބަސްވުމެއް ހަދާފައި އޮތަސް އެ އެއްބަސްވުމެއް ބާތިލްވާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

ޗިލެކްސް ހިންގާ އޯޝަން ޕާޗް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޒާހިރު ޖިނާހް ވިދާޅުވީ އެ ބިން ހުސް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށުމުގެ ކުރިން މިދިޔަ ހަފުތާގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ވެސް ކުރިން ބުނި ކަމަށާއި އެކަމަކު އޭގެ ތަފްސީލެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗިލެކްސް ހުސް ކުރަން ފުލުހުން ދިއުމުން، މައްސަލަ އިސްތިއުނާފަށް ހުށަހެޅި ކަން ފުލުހުންނަށް އެންގުމުން އެތަން ހުސްކުރަން ފުލުހުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފުލުހުން އައިމަ އަޅުގަނޑުމެން ދެންނެވިން އިސްތިއުނާފަށް ހުށަހަޅާފައޭ އޮންނާނީ. އެހެން ބުނީމަ ބުނެފި އެހެންވިއްޔާ މައްސަލައެއް ނެތޭ. ކިޔާފައި ދިޔައީ. އެކަމަކު ފަހުން އައި ފުލުސް މީހާ ބުނީ ހުސްކުރާށޭ ޖެހޭނީ." ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވި ގޮތުގައި އެ ތަނަށް މިހާރު ވެސް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވާނީ އިންވެސްޓްކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ތިއްބާ ކުއްލި ގޮތަކަށް ހުސް ކުރަން ޖެހުމަކީ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 60 ވަރަކަށް މުވައްޒަފުން އެބަ އުޅޭ. އެ އެންމެންގެ ވަޒީފާ މި ގެއްލުނީ. އެ މީހުން ގައުމަށް ފޮނުވާލަން މިޖެހެނީ. ވަރަށް ބޮޑު ގެެއްލުމެއް މިއީ. އެކަމަކު މި ވަގުތު މަސައްކަތް މިކުރަނީ މުދާކޮޅު ސަލާމަތް ކުރެވޭތޯ. އެއީ އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު 6:00 ގެ ކުރިން ހުސް ނުކޮށްފި ނަމަ ބުލްޑޯޒް ކުރާ ގޮތަށް އޮތީ،" ޒާހިރު ވިދާޅުވި އެވެ.

އޯޝަން ޕާޗް ކުންފުނިން ވަނީ އެ މައްސަލާގައި މިދިޔަ ހަފުތާގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލަށް ވެސް ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން އެ ތަން ތަރައްގީ ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް، ބޮޑެތި ލޯނުތަކެއް ނަގާފައި އޮތުމުން އެއަށް ޒިންމާ ނަގަން ވަނީ ޖެހިފަ އެވެ.