Roadha Mihaaru
ކާނިވަލުގެ ޗިލެކްސް ކެފޭ ފުލުހުން ބަންދުކޮށްފި

ކާނިވަލުގެ ޗިލެކްސް ކެފޭ ފުލުހުން ގޮސް ބަންދުކޮށްފި

10 ޖޫން 2017

ކާނިވަލުގައި ހިންގާ މަޝްހޫރު ކެފޭ "ޗިލެކްސް" ފުލުހުން ގޮސް މިއަދު ހަވީރު ބަންދުކޮށްފި އެވެ.

ކާނިވަލުގައި ހިންގާ މަޝްހޫރު ކެފޭ "ޗިލެކްސް" ފުލުހުން ގޮސް މިއަދު ހަވީރު ބަންދުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ޗިލެކްސް ކެފޭ ބަންދުކުރީ، އެތަން ހުސްކުރަން ހައުސިން މިނިސްޓްރީން މަސައްކަތް ކުރާތީ، އެ މިނިސްޓްރީގެ އެދުމަކަށެވެ.

"އެތަން ހުސްކުރުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީން. އެކަމަށް އަޅުގަނޑުމެން ސެކިއުރިޓީ އެބަ ފޯރުކޮށްދެން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ޗިލެކްސް ކެފޭ ހިންގުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން އެކަކީ ނައިބު ރައީސް އަބްދުﷲ ޖިހާދާ އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ޗިލެކްސް ބަންދުކުރީ އެތަނުގައި ގާނޫނީ މައްސަލަތަކެއް ހުރުމާއި އެ ކެފޭ ހުރި ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

"ކާނިވާ ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް މި އަހަރުގެ ބަޖެޓުގައި ވެސް އަޅުގަނޑުމެން ވާނީ ހިމަނާފައި. ހަމައެކަނި ޗިލެކްސްއެއް ނޫން. އެ ސަރަހައްދުގެ އެހެން ބައެއް ތަންތަނަށް ވެސް ވާނީ މިހާރު ނޯޓިސް ދީފައި،" ފަޒާލް ވިދާޅުވި އެވެ.

ޗިލެކްސް ކެފޭ: މިތަން ބަންދުކުރީ ހައުސިން މިނިސްޓްރީގެ އެދުމަކަށް ކަމަށް ފުލުހުން ބުނޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޗިލެކްސް ކެފޭ: މިތަން ބަންދުކުރީ ހައުސިން މިނިސްޓްރީގެ އެދުމަކަށް ކަމަށް ފުލުހުން ބުނޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި ވެރިކަންކުރާ ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ވަރަށް ގިނައިން ވަޑައިގެން ޚިދުމަތް ހޯއްދަވާ ޗިލެކްސް އިން ވާހަކަ ދެއްކެވި އިސްވެރިއަކު މިރޭ ވިދާޅުވީ އެ ކެފޭ ބަންދުކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ކޯޓު އަމުރެއް ވެސް އަޅުގަނޑުމެންނަކަށް ނުދައްކާ. ކުއްލި ގޮތަކަށް އައިސް ބަންދުކުރަން އެންގީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން މިހާރު ވަނީ ޗިލެކްސް ކެފޭގެ ވަށައިގެން ޓޭޕް ދަމައި، އެތަން ހުޅުވުން މަނާކޮށްފައި ކަމަށް އެ ކެފޭގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗިލެކްސް ބަންދުކުރަން އިއްޔެ ވެސް ފުލުހުން ދިޔަ އެވެ. އެކަމަކު ކޯޓު އަމުރެއް ނެތުމުން އެ ޝަކުވާ ކުރުމުން ފުލުހުން އަނބުރާ ދިޔައީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.