Roadha Mihaaru
މަހުގެ އަގު އިންތިހާއަށް އުފުލިއްޖެ

މަހުގެ އަގު އިންތިހާއަށް އުފުލިއްޖެ، ހެޔޮވަރު މަހެއް 375ރ. އަށް ވުރެ މަތީގައި!

30 މެއި 2017

މާލޭ މަސް މާރުކޭޓަށް ގެންނަ މަހުގެ އަދަދު މަދުވެ، މަހުގެ އަގު އިންތިހާއަށް އުފުލިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭ މަސް މާރުކޭޓަށް ގެންނަ މަހުގެ އަދަދު މަދުވެ، މަހުގެ އަގު އިންތިހާއަށް އުފުލިއްޖެ އެވެ.

މާރުކޭޓުގައި މިހާރު އެވްރެޖްކޮށް ކަޅުބިލަ މަސް އަދި ގޮދާ ކިލޯއެއް އުޅެނީ 75ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެހެން ކަމުން ހެޔޮވަރު ސައިޒުގެ މަހެއްގެ އަގު އުޅެނީ 375ރ. އަށް ވުރެ މަތީގަ އެވެ.

މާލޭ މަސް މާރުކޭޓުގައި މަސް ވިއްކަން ހުރި މީހަކު ބުނީ ރޯދަމަސް ފެށުމާއެކު ބައެއް ރަށްރަށުގެ މަސްވެރިން މަހަށް ފުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

މަސް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ގޮދާތަކެއް: ގޮދާ ކިލޯއެއް އުޅެނީ 70ރ. އަށް ވުރެ މަތީގައި. ފޮޓޯ: ނިޝާން އަލީ /މިހާރު

މަސް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ގޮދާތަކެއް: ގޮދާ ކިލޯއެއް އުޅެނީ 70ރ. އަށް ވުރެ މަތީގައި. ފޮޓޯ: ނިޝާން އަލީ /މިހާރު

"އާއްމުކޮށް ރޯދަމަހުގެ ފުރަތަމަ ހަފުތާގައި ވަރަށް މަދު ބަޔަކު މަހަށް ފުރާނީ. އެހެންވެ މަސްވެރިން ގެންނަ މަހުގެ އަދަދު ވަރަށް ބޮޑަށް މަދު. އަންނަ ހަފުތާއިން ފެށިގެން މަސް ތިޔާގިވެ އަގު ހެޔޮވާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.

މަސް މާރުކޭޓަށް އެންމެ ގިނަ އަދަދަކަށް މަސް ގެނެސްފައި ހުރީ ހުވަދު އަތޮޅުންނާއި މ. އަތޮޅުންނެވެ. ހުވަދޫން އެންމެ ގިނައިން ގެނެސްފައި ހުރީ ކަޅުބިލަމަހާއި ގޮދާ އަދި ކަންނެލި އެވެ. މ. އަތޮޅުން އާއްމުކޮށް ގެނެސްފައި ހުރީ ލައްޓި އާއި ރާގޮނޑި އެވެ.

މާރުކޭޓުގައި ހެޔޮވަރު ސައިޒުގެ ކަނޑުމަހެއްގެ އަގު 375ރ. އަށްވުރެ މަތީގައި އުޅޭއިރު ލައްޓި އާއި ރާގޮނޑި އުޅެނީ އާއްމުކޮށް ކިލޯއެއް 45ރ. އަށެވެ. އަދި ބައެއް މީހުން 20ރ. އަށް ރާގޮނޑިއެއް ވެސް ވިއްކަ އެވެ. އަދި ކަންނެލި ކިލޯއެއްގެ އަގު އުޅެނީ 55ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ. ފަރުމަހުގެ ބާވަތްތަކުގެ ތެރެއިން އާއްމުކޮށް ގަންނަ ރަތްމަސް އުޅެނީ ކިލޯއެއް 90ރ. އަށެވެ.

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ފަރުމަސްތަކެއް: ފަރުމަހުގެ އަގު ވެސް އިންތިހާއަށް ބޮޑު. ފޮޓޯ: ނިޝާން އަލީ /މިހާރު

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ފަރުމަސްތަކެއް: ފަރުމަހުގެ އަގު ވެސް އިންތިހާއަށް ބޮޑު. ފޮޓޯ: ނިޝާން އަލީ /މިހާރު

"މިތަނުގެ މަހުގެ އަގު ކަނޑައެޅިގެން ދަނީ މަހުގެ ތާޒާކަމަށް ބަލައިގެން. ގިނަ ދުވަސްވާ ވަރަަކަށް އަގު ދާނީ ތިރިވަމުން،" ގދ. މަސް ހިފައިގެން އައިސް ހުރި މީހަކު ބުންޏެވެ.

އެ މީހާ ބުނީ މާލޭގެ މާރުކޭޓުގައި މިވަގުތު އެންމެ ތާޒާ ކަނޑުމަސް ވިއްކަނީ ހުވަދޫ މަސްވެރިން ކަމަށެވެ. އެގޮތުން ބާނާތާ ދެ ދުވަސްތެރޭގައި މާލެ ގެންނަ ކަމަށް އޭނާ ބުންޏެވެ.

"މި ދުވަސްވަރު ކޫއްޑު އަށް ވިއްކުމަށްވުރެ ފައިދާ މާބޮޑު މާލެ ގެނެސް ވިއްކުމުން. ކޫއްޑު އަށް ގަންނަނީ ކިލޯއެއް 19ރ. އަށް. މިތަނުގައި އެބަ ވިކޭ ކިލޯއެއް 70ރ. އަށް،" އެ މީހާ ބުންޏެވެ.