Roadha Mihaaru
ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރު: ތޯރިގު

ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރު: ތޯރިގު

20 ޖޫން 2016

ކަރަންޓުގެ އަގުތަކުގެ މައްސަލާގައި ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރު ކަމަށާއި ރައްޔިތުންގެ މަޖިލިހަށް ވަޑައިގަތުމަށް ފަސްޖެހުމެއް ނެތް ކަމަށް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކަރަންޓުގެ އަގުތަކުގެ މައްސަލާގައި ރައްޔިތުންނަށް ޖަވާބުދާރީވާން ތައްޔާރު ކަމަށާއި ރައްޔިތުންގެ މަޖިލިހަށް ވަޑައިގަތުމަށް ފަސްޖެހުމެއް ނެތް ކަމަށް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކަރަންޓުގެ އަގުތަކުގެ މައްސަލާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތަކުރާރުކޮށް ދެންނެވުމުން ވެސް ތޯރިގު އިޖާބަ ނުދެއްވި ކަމަށް ބުނެ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެކަން ހޫނުވެފައި ވަނިކޮށެވެ. އަދި މި މައްސަލާގައި ކޮމިޓީއަށް ތޯރިގު ވަޑައިގަތުމުގެ އަމުރެއް، ދެން އޮންނަ ބައްދަލުވުމެއްގައި ނެރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮމިޓީގެ މުގައްރިރު ވިލުފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް މިނިސްޓަރު ތޯރިގަށް ތަކުރާރުކޮށް އަންގަވާފައިވާ ކަމަށެވެ.

އެކަމަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ތޯރިގު ވަނީ ރިޔާޒްގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އޭނާ އަށް މަޖިލިހުން އެންގެވީ އެންމެ ފަހަރަކު އެވެ. އެގޮތުން މިދިޔަ ބުދަދުވަހު ކޮމިޓީއަށް ވަޑައިގަތުމަށް އަންގައި މިދިޔަ ހޯމަދުވަހު ސިޓީއެއް ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ދުވަހު ކޮމިޓީއަށް ވަޑައިގަތުމަށް ދަތިކަމަށް ސިޓީއަކުން މަޖިލިހަށް އެންގެވި ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ ކޮމިޓީއަށް ދާން ފަސޭހައީ މި މަހުގެ 20 ނުވަތަ 21ގައޭ. އެ ދެ ދުވަހުން ކުރެ ދުވަހަކަށް ބަދަލުކޮށްދީފިއްޔާ ކޮމިޓީއަށް ދެވިދާނެއޭ ދެންނެވިން. އެކަމަކު އެ ޝެޑިއުލް ކޮންފާމް ކޮށްފައި އަޅުގަނޑަށް [މަޖިލިހުން] ޖަވާބެއް ވެސް ނާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ކަންކަން ގޮސްފައިވާ ގޮތަށް ބަލާއިރު، މުއާސަލާތުގެ މައްސަލައެއް އުޅޭ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑު ނެތިން މަޖިލިހަށް ނުދާކަށް. މަޖިލިހަށް ގޮސް ރައްޔިތުންނަށް ޖަވާބުދާރީވުމަކީ އުނދަގޫ ކަމެއް ނޫން. އެކަމަކު އެބޭފުޅުން ދެއްވި ޝެޑިއުލް އަށް އަޅުގަނޑަށް ދަތިވީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގަށް ތަކުރާރުކޮށް ދެންނެވުމުން ވެސް، ކޮމިޓީއަށް ވަޑައިނުގެންނެވި ކަމަށް ރިޔާޒް މިއަދު ވިދާޅުވުމުން، ކޮމިޓީގެ ބައެއް މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.