26 މެއި 2017
އެސްޓީއޯ މާލޭ ލީގުގެ ކުރީކޮޅު ހާސްކަމުގެ ތެރެއަށް ވެއްޓުނު ވިކްޓަރީ ސްޕޯޓްސް ކްލަބުން ދެ ވަނަ ބުރުގައި ކުޅުނު ދެ ވަނަ މެޗުން މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން 3-2 އިން މޮޅުވެ ހަމަޖެހުމުގެ ނޭވާއެއް ލައިފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ކުރީކޮޅު ހާސްކަމުގެ ތެރެއަށް ވެއްޓުނު ވިކްޓަރީ ސްޕޯޓްސް ކްލަބުން ދެ ވަނަ ބުރުގައި ކުޅުނު ދެ ވަނަ މެޗުން މިއަދު ޔުނައިޓެޑް ވިކްޓަރީ އަތުން 3-2 އިން މޮޅުވެ ހަމަޖެހުމުގެ ނޭވާއެއް ލައިފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހު ހާފުގައި ޔުނައިޓެޑް ވިކްޓަރީން އެއްވަރުކުރި ނަމަވެސް ވިކްޓަރީ ވަނީ ފަހު ވަގުތު ގޯލް ޖަހައި ސަލާމަތްވެފަ އެވެ.
ރޯދައިގެ ކުރިން ކުޅޭ ދެ މެޗުން މަދުވެގެން ހަތަރު ޕޮއިންޓް ހޯދަން އެ ޓީމުން ޓާގެޓްކުރި ނަމަވެސް އެ ދެ މެޗުން މި ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އޭގެ ތެރޭގައި ގަދަފަދަ މާޒިޔާ އަތުން ހޯދި ތިން ހިމެނެ އެވެ.
މިއަދުގެ މޮޅާ އެކު ވިކްޓަރީ ވަނީ 14 ޕޮއިންޓާ އެކު، ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސްއާ ހަމަކޮށްފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ޓީސީ ތިން ވަނައިގައި، ގްރީން ހަތަރު ވަނައިގައި އޮތްއިރު ވިކްޓަރީ އޮތީ ފަސް ވަނައިގަ އެވެ. މިރޭ ނިއު ރޭޑިއަންޓާއި ގްރީން ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ވިކްޓަރީ ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތް މާޒިޔާ އާއި ދެ ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ގާތްގަނޑަކަށް ގަދަ ހަތަރެއް ކަށަވަރުކޮށްފައިވާއިރު އަނެއް ދެ މަގާމަށް އެންމެ ބޮޑަށް ވާދަކުރަމުން އަންނަނީ ޓީސީ، ގްރީން، ވިކްޓަރީ އަދި އީގަލްސް އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މި މެޗުގެ 11 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލީޑު ނަގައިދިނީ އަންދްރޭ ކެރިޗެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުސްތަފާ ސެޑިކް އަރިމަތިން ހުރަސްކުރި ބޯޅަ ކެރިޗް ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.
ވިކްޓަރީގެ ދެ ވަނަ ލަނޑު 18 ވަނަ މިނެޓުގައި ހަސަން އަދުހަމް (ސަޑޭ) އޭރިއާ ތެރެއިން ވައްދާލީ ވެސް ސެޑިކް ނެގި ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހަން ސަޑޭ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ އޭރިއާ ތެރެއިން ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ.
ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ވިކްޓަރީގެ ކެރިޗަށް ތިން ފުރުސަތު ލިބި ބޭކާރުވި އެވެ. ދެ ބޯޅަ ގޯލް ކައިރިން ބޭރަށް ދިޔައިރު އެހެން ފުރުސަތެއް ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު އާމިރޯފް ރުސްލާން މަތަކުރި އެވެ.
ޔުނައިޓެޑް ވިކްޓަރީން ތަފާތު ކުޑަކުރީ 70 ވަނަ މިނެޓުގައި އަބްދުލްވާހިދު އިބްރާހިމް (ވާޑު) ޖެހި ލަނޑުންނެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ މިނެޓެއް ފަހުން ވިކްޓަރީ އަށް ތަފާތު ބޮޑުކުރަން ފުރުސަތެއް ލިބުނެވެ. އެކަމަކު ސެޑިކް ދިން ބޯޅަ އޭރިއާ ތެރެއިން ސަޑޭ ހުހަށް ހުރެ އެއް ފަހަރުން ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.
ޔުނައިޓެޑް ވިކްޓަރީން އެއްވަރުކުރީ 75 ވަނަ މިނެޓުގަ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް، ގޯލުގެ މަތީ ކަނަށް ވައްދާލީ ހުސްކޮށް ހުރި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ.
އަލުން ކުރި ހޯދަން ވިކްޓަރީން ކުރި މަސައްކަތަށް ބޯ ވާރޭގެ ސަބަބުން ހުރަސްތަކެއް އެޅުނެވެ. އެކަމަކު ފުލުފުލުގައި ފޮނުވަމުން ދިޔަ ހަމަލާތަކުގެ ތެރެއިން، 88 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްކުރި ބޯޅައެއް ކެރިޗް ވަނީ ގޯލް ތެރެއަށް ވައްދާލައިފަ އެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން ބޭނުންވި ކަންތައް ހާސިލްވެއްޖެ ކަމަށާއި އެކަމަކު ދެ ވަނަ ހާފުގައި އެ ޓީމު ޕްރެޝަރަށް ދިޔަ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ހުންނަ ޓީމުތައް އާއްމުކޮށް ފަހު ވަގުތު ގޯލް ޖަހާނެ. މިދިޔަ ސީޒަނުގައި މާޒިޔާ އަށް ލީގު ކަށަވަރުކުރީ ވެސް އުމެއިރު ފަހު ވަގުތު ހިލޭ ޖެހުމަކުން ޖެހި ގޯލުން. އަޅުގަނޑު ފަހު ވަގުތާ ހަމަށް ވެސް އުއްމީދު ދޫކޮށްނުލަން،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ މިއަދު ކަންތައްވީ ގޮތުން ވިކްޓަރީ އަށް ފިލާވަޅެއް ހޯދޭނެ ކަމަށެވެ. އަދި މި ލިބުނު ބޮޑު ބްރޭކާ އެކު ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެއްވަރުކުރުމާ ހަމަޔަށް ރަނގަޅަށް ކުޅުނު ކަމަށާއި އެއްވަރުކުރެވުނު ހިސާބުން އަނެއްކާ ވެސް ފަސޭހަކޮށްލެވުނީ ކަމަށެވެ.
"އެ ހިސާބުން ވެސް ރަނގަޅަށް ޖެއްސި ނަމަ މިއަށް ވުރެ ޕޮޒިޓިވް ނަތީޖާއެއް ލިބުނީސް. މުޅި މެޗަށް ބަލާއިރު ވެސް ކުޅުންތެރިން މިއަށް ވުރެ ރަނގަޅަށް މަސައްކަތްކުރަން ޖެހޭ. ބޯޅަ ހޯދަން އެބަޖެހޭ ފިޒިކަލީ މަސައްކަތްކުރަން. މެޗުގައި އެބަތިބޭ މެދުގައި އަދި ދެ އަރިމަތީގައި ރެފްރީން، ކަމެއް ގޯސްވޭތޯ ބަލަން. އެހެންވީމާ ކުޅުންތެރިން ނުޖެހޭ އެކަމަށް ވިސްނައިގެން މަޑުމަޑުން ކުޅެން. ގަޔާގަޔާ ޖެހިގެން ބޯޅަ ހޯދަން އެބަ މަސައްކަތްކުރަން ޖެހޭ،" ނަޒީހު ބުންޏެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އެރުވި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) ވަނީ ފަހުން ބާލައިފަ އެވެ. ނަޒީހު ބުނީ ކުޅުންތެރިން މިހާރަށް ވުރެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ކަމަށާއި ކުޅުންތެރިއާ އަރުވަނީ އޭނާގެ ފިޓްނަސް ސަތޭކަ ޕަސެންޓް ހުރި ކަމަށް އެ ކުޅުންތެރިއަކު އަދި ޑޮކްޓަރުން ނިންމުމުން ކަމަށެވެ.
ނަޒީހު ބުނީ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތު ދޭން ވިސްނާ ކަމަށާއި އެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ޔޫވީ ބަލިކޮށް ވިކްޓަރީ ފަސް ވަނަ އަށް
ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ވިކްޓަރީ އަތުން ފަހަތުން އަރައި ޔޫވީ މޮޅުވެއްޖެ
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
"ޓީސީ އަށް ވުރެ ވިކްޓަރީ އަށް އެޑްވާންޓޭޖް ބޮޑު"
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ