07 މެއި 2017
ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައި ވިކްޓަރީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައި ވިކްޓަރީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
މި މޮޅާ އެކު ވިކްޓަރީ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން އަށް ޕޮއިންޓާ އެކު އެވެ. އެ ޓީމު މި ވަގުތު ފަސް ވަނައިގައި އޮތްއިރު، ހަ ވަނައިގައި ހަ މެޗުން ހަތް ޕޮއިންޓާ އެކު އޮތް އީގަލްސް މިރޭ ކުޅޭ މެޗުން ނިއު ރޭޑިއަންޓް އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އީގަލްސް އަށް ފަސް ވަނަ ލިބޭނެ އެވެ. އީގަލްސް ބަލިވެއްޖެނަމަ ވިކްޓަރީ ފުރަތަމަ ބުރު ނިންމާލާނީ ފަސް ވަނައިގަ އޮވެ އެވެ.
ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން ތިން ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އޮވެ އެވެ.
ވިއްސާރައިގެ ތެރޭގައި މެޗު ފެށިއިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ވިކްޓަރީ އަށް ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.
މެޗުގެ ތިން ވަނަ މިނިޓްގައި ހަސަން އަދުހަމް (ސަޑޭ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ރުސްލާން އާމިރޯފް ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާ ތެރެއިން މުހައްމަދު ރިސްވާން ނަގައިދިން ބޯޅަ ކުޑަ އޭރިއާ ތެރޭގައި ހުރެފައި އިސްމާއިލް އީސަ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ދެން ފެނިގެންދިޔައީ ގާތްގާތުގައި ޔުނައިޓެޑް ވިކްޓަރީން ތިން ހަމަލާއެއް ފޮނުވާލި ތަނެވެ. ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ބިދޭސީ ފޯވާޑް ޒިވްކޮވިކް ޓިހޮމިރް ފޮނުވާލި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އޭނާ ދެން ފޮނުވާލި ދެ ހަމަލާ ވެސް ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ވަނީ މަތަކޮށްފަ އެވެ.
ވިކްޓަރީ އަށް ޔުނައިޓެޑް ވިކްޓަރީގެ އެޓޭކް ނުހިފެހެއްޓުމުގެ ނަތީޖާއަކަށްވީ މެޗުގެ 32 ވަނަ މިނިޓްގައި އެޓީމުން ލީޑު ނެގުމެވެ. މި ލަނޑު ޖެހީ ޒިވްކޮވިޗެވެ. ހާފްގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ވުކޮބްރަޓް ޑޯޑޭ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ އެ ޓީމުގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ގޯލުގެ ކުރި މައްޗަށް ބޮލުން ހުރަސްކޮށްލި ބޯޅަ ޒިވްކޮވިޗް ވަނީ ހަމަޖެހިލައިފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން މެޗުގެ ލީޑުނެގުމުން ވިކްޓަރީން ކުރިއަށް ޖެހިގެން އެޓޭކް ވަރުގަދަކުރި އެވެ. އަދި ފުރަަތަމަ ހާފްގެ އިތުރު ވަގުތުގައި ސަޑޭގެ ލަނޑުން ވިކްޓަރީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ މައިޝާން (ކ) ކައިރިން ވިކްޓަރީގެ ސެޑިކް ބޯޅަ ހިފައިގެންދާން މަސަައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ޔުނައިޓެޑް ވިކްޓަރީ ހާފްގެ ތެރެއިން ވިކްޓަރީގެ ކެރިޗް އަންދްރޭ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ހުރަސްކޮށްލުމުން ސަޑޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީން ދެ ވަނަ ހާފް ފެށީ ވަރުގަދަކޮށެވެ. މި ހާފްގެ ފުރަތަމަ ހަމަލާ ފޮނުވާލީ އެ ޓީމުންނެވެ. މެޗުގެ 48 ވަނަ މިނިޓްގައި އެރިއާ ބޭރުން ކުޑޫސް ކެލާނީ ނަގައިދިން ހުރަހަކުން ޒިވްކޮވިޗް ބޮލުން ފޮނުވާލި ބޯޅަ ކުޑަ އިންމަ ވަނީ މަތަކޮށްފަ އެެވެ.
އޭގެ ފަހުން ވިކްޓަރީގެ ރިސްވާން އާއި އީސަ އަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އީސަ ފޮނުވާލި ބޯޅަ ދަނޑިކައިިރިން ދިޔައިރު، ރިސްވާން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްްޓަރީ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފަ އެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ޝަފްލޭ ޔުނައިޓެޑް ވިކްޓަރީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލި އެވެ. އަބްދުލް ވާހިދު (ވާޑު) އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހޯދުމަށް ފަހު ޝަފްލޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އޭގެ ހަތަރު މިނިޓް ފަހުން ރިސްވާން ވަނީ ވިކްޓަރީ އަށް ލީޑު ނަގައިދީފަ އެވެ. ކެރިޗް އޭރިއާ ތެރެއިން ހުސްކޮށްލާފައި ރިސްވާނަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވަނީ ގޯލުގެ ކަނަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އޭގެ ފަހުން ވިކްޓަރީގެ ލީޑުފުޅާކުރަން ރިސްވާނާއި ސަޑޭ އަށް ރަނުގެ ދެ ފުރުސަތު ލިބުނެވެ. ރިސްވާން ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، ސަޑޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ 83 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ ޝަފްލޭ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ޝަފްލޭ ފޮނުވާލި ބޯޅަ ކުޑަ އިންމަ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ރެފްރީ ޝިފާން އަބްދުލް ރަހީމްގެ ނިންމުމަކަށް ޔުނައިޓެޑް ވިކްޓަރީގެ ބެންޗުން ހިތްހަމަ ނުޖެހުން ފާޅުކޮށް ބުނި އެއްޗެއްގެ ސަބަބުން ހަސަން ފައިރޫޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެމަކު ފައިރޫޒަށް ރަތް ކާޑު ދެއްކީ އެހެން މީހަކު ބުނި އެއްޗަކަށް ބަލައިގެން ކަމަށް ޔުނައިޓެޑް ވިކްޓަރީން ވަނީ ބުނެފަ އެވެ.
މެޗަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށެވެ.
"އަޅުގަނޑަކީ ރެފްރީންނަށް ފާޑުކިޔާ މީހެއް ނޫން. ވިކްޓަރީން ޖެހި ދެ ގޯލަކީ އަޅުގަނޑުމެން އަމިއްލަ އަށް ހެދުނު ވަރަށް އާދައިގެ ދެ ގޯހެއްގެ ސަބަބުން ވަދެފައި އިން ދެ ލަނޑު. ކުރި މަސައްކަތާ އެހެން ކަންތައްތަކަށް ބަލާއިރު މިއީ ވިކްޓަރީ އަށް ހައްގު މޮޅެކޭ އަޅުގަނޑު ބުނާނީ،" ނަޒީހު ބުންޏެވެ.
އޭނާ ބުނީ މި ނަތީޖާއާ އެކު ގަދަ ހަތަރަކަށް ވަނުމަށް ޔުނައިޓެޑް ވިކްޓަރީ އަށް އޮތް ފުރުސަތު ވަރަށް ހަނިވެގެން ގޮސްފި ކަމަށެވެ.
"ދޮގު ހަދައިގެން ވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެއް ނޫން. ގަދަ ހަތަރެއްގެ ފުރުސަތު ގާތްގަނޑަކަށް 95 ޕަސެންޓް މި ބަންދުވީ. 100 ޕަސެންޓެކޭ އަޅުގަނޑު ނުބުނާނަން. އެއީ ކުޑަ ފުރުސަތެއް އޮތަސް އަޅުގަނޑުމެން މަސައްކަތް ކުރާނަން އެ ހިސާބަށް ދެވޭތޯ،" ނަޒީހު ބުންޏެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ޔުނައިޓެޑް ވިކްޓަރީ އޮތް ފޯމަށް ބަލާއިރު މެޗަށް ނުކުތްއިރު ވެސް އުނދަގޫވާނެކަން އެނގޭ ކަމަށާއި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.
"މިއީ އަޅުގަނޑުމެން ލީގުގެ ގަދަ ހަތަކަށް ވަންނަން ބަލާއިރު ވަރަށް މުހިއްމު ތިން ޕޮއިންޓް. އެއީ ނިއު އާއި މާޒިޔާ ފިޔަވާ ދެން އޮތް ޓީމުތަކާ ގާތަށް ޖެހިލެވިއްޖެ މި ތިން ޕޮއިންޓާ އެކު. އޭގެ މާނަ އަކީ ގަދަ ހަތަރަކުން ދެ ޖާގަ ހުޅުވިއްޖެޔޭ،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުގައި ވިކްޓަރީ ގޯލަށް ކުޅުނު ކުޑަ އިންމަ އޭނާގެ ފެންވަރު ސާބިތުކޮށްދީފި ކަމަށާއި ގައުމީ ޓީމަށް ވެސް އޭނާ ތައްޔާރުކަން ފެނިގެންދިޔަ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
ލީގުގައި މިރޭ ކުޅޭނީ އީގަލްސް އާއި ނިއު ރޭޑިއަންޓް އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ވިކްޓަރީ ސަލާމަތުގެ އައްސޭރިއަކަށް
ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ވިކްޓަރީ އަތުން ފަހަތުން އަރައި ޔޫވީ މޮޅުވެއްޖެ
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
"ޓީސީ އަށް ވުރެ ވިކްޓަރީ އަށް އެޑްވާންޓޭޖް ބޮޑު"
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ