26 މެއި 2017
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ މާދަމާ ފަށާ މި އަހަރުގެ ރޯދަމަހަށް މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ މާދަމާ ފަށާ މި އަހަރުގެ ރޯދަމަހަށް މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނާޒިމާއި އިމްރާން ގެ އަށް ބަދަލުކުރީ ރޯދަމަހަށް ކަމަށެވެ.
"އިތުރު އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ގޭ ބަންދުގައި ހުންނަތާ އަހަރެއްހާ ދުވަސް ވެފައި ވަނިކޮށް، އޭނާ އަލުން މާފުށީ ޖަލަށް ގެންދިޔައީ މިދިޔަ މާޗް 29ގަ އެވެ. އިމްރާން ވެސް ގޭ ބަންދުގައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އަލުން ޖަލަށް ގެންދިޔައީ މިދިޔަ އޭޕްރީލް 23ގަ އެވެ.
ކަރެކްޝަނަލް ސާވިސް އިން އޭރު ބުނެފައި ވަނީ ނާޒިމާއި އިމްރާން އަނބުރާ ޖަލަށް ގެންދިޔައީ އެއީ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ދެ ބޭފުޅުން ކަމަށް ވާތީ ކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް: މާދަމާ ފަށާ ރޯދަމަހަށް އޭނާ ވަނީ މިއަދު ގެ އަށް ބަދަލުކޮށްފައި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ ޖެނުއަރީ 2015 ގައި، ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ.
ނާޒިމްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް، ނާޒިމަށް ހުކުމް ކުރިތާ ދުވަސްތަކެއް ފަހުން ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ ނުބަލަން ފުލުހުން ނިންމާފައިވާ ކަމަށް ނާޒިމްގެ އާއިލާ އަށް ވަނީ އަންގައިފަ އެވެ.
އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވަނީ މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވުމުންނެވެ. އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ މިދިޔަ އޭޕްރީލްމަހު ތާއީދުކޮށްފަ އެވެ.
ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު
އިމްރާން ގޭބަންދަށް ބަދަލުކޮށްފި
އިމްރާންގެ އާއިލީ ބައްދަލުވުން ކެންސަލްކޮށްފި
އާއިލީ ބައްދަލުވުންތައް ނުދޭތީ އަނބިން ކަރެކްޝަންސަށް
އިމްރާންގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުން: އަދާލަތު
އިމްރާން އަލުން ޖަލަށް ބަދަލުކޮށްފި
އިމްރާން އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!