Roadha Mihaaru
އާއިލީ ބައްދަލުވުންތައް ނުދޭތީ އަނބިން ކަރެކްޝަންސަށް

އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ނުދޭތީ އަނބިން ކަރެކްޝަންސަށް

05 މާޗް 2018

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ މައްސަލާގައި އެ ބޭފުޅުންގެ އަނބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ މައްސަލާގައި އެ ބޭފުޅުންގެ އަނބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މިދިޔަ މަހުގެ 5ގައި ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވި ފަހުން، މާފުށީ ޖަލުގައި ތިބި ބައެއް ގައިދީންގެ އާއިލީ ބައްދަލުވުންތައް ވަނީ މެދުކަނޑާލައިފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ނުދޭ ސަބަބު އޮޅުންފިލުއްވުމަށް ކަރެކްޝަންސަށް ވަޑައިގަތީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިންގެ އަނބިކަނބަލުންނެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ކަރެކްޝަންސަށް ވަޑައިގަތީ، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއާ ބައްދަލުކުރައްވަން ކަމަށެވެ. އެކަމަކު ކަރެކްޝަންސްގައި އެތައް އިރެއްވިއިރު ވެސް ޝިހާން ބައްދަލު ނުކުރައްވައި ފޮނުއްވީ އެހެން މުވައްޒަފެއް ކަމަށް ނަޝްވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަރެކްޝަންސްގެ އިސް ބޭފުޅަކާ ބައްދަލުކުރައްވަން އެދިވަޑައިގަތީ އެންމެން އެއްކޮށް ތިބެގެން ކަންބޮޑުވުން ހުށަހަޅުއްވާ ގޮތަށެވެ. އެކަމަކު ކަރެކްޝަންސް އިން ބައްދަލުކުރީ ވަކިވަކިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދީބުގެ ބަލި ހާލަތު ސާފުކޮށްދިނުމަށް ފަހު އަޅުގަނޑު ދެންނެވިން، އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ނުދެނީ ކީއްވެހޭ. ދެން ޖަވާބުގައި [ކަރެކްޝަންސްގެ ބޭފުޅާ] ވިދާޅުވީ އެ ފުރުސަތު ދެއްވުމުގެ މަސައްކަތް ކޮމިޝަނާ އޮފް ޕްރިޒަންސް ކުރައްވަމުން އެބަގެންދަވައޭ. އަޅުގަނޑު އެހިން އެއީ ކޮން މަސައްކަތެއްތޯ އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ދެއްވަން [ޝިހާން] ކުރައްވަން ޖެހިވަޑައިގަންނަވަނީ،" ނަޝްވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސުވާލަކަށް ކަރެކްޝަންސްގެ ޖަވާބެއް ނުލިބުނެވެ. އަދި މިކަމާ ބެހޭ ގޮތުން "މިހާރު"ން ގުޅުމުން ވެސް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ފޯނެއް ނުނަންގަވަ އެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، އަދީބާއި ނާޒިމާއި އިމްރާން އަދި މުހްތާޒު ވެސް ދޫކޮށްލަން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އެންގި އެވެ. އެކަމަކު މި ބޭފުޅުންނަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ބޮޑެތި ކުށްވެރިން ކަމަށާއި އެ ބޭފުޅުން ދޫކުރެވެން ނެތް ކަމަށް ބުނެ ސަރުކާރުން އެ ހުކުމް ތަންފީޒެއް ނުކުރި އެވެ.

އެއާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ކުރިން އެ ބޭފުޅުން އަމުރު ނެރުއްވީ ރިޝްވަތުގެ ފައިސާގައި ހިއްޕަވައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ސަރުކާރުން އެގޮތަށް ބުނެފައި ވަނިކޮށް، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރިން ނެރުއްވި އަމުރު ބާތިލްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އިރު އޭގެ ތެރެއިން 36 މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އިދިކޮޅު ޕާޓީތަކުގެ ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.