Roadha Mihaaru
ޕޮގްބާ އަށް ޑިޝޯމްޕްގެ ތައުރީފް

ޕޮގްބާ އަށް ޑިޝޯމްޕްގެ ތައުރީފް

20 ޖޫން 2016

ލިލް، ފްރާންސް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑާ ދެކޮޅަށް ރޭ ފްރާންސުގެ ޕައުލް ޕޮގްބާ ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ތައުރީފްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިލް، ފްރާންސް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޒަލެންޑާ ދެކޮޅަށް ރޭ ފްރާންސުގެ ޕައުލް ޕޮގްބާ ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ތައުރީފްކޮށްފި އެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ރުމޭނިއާއާ ދެކޮޅަށް ޕޮގްބާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުން އެ މެޗުގެ ދެ ވަނަ ހާފްގައި އޭނާ ބަދަލުކުރި އެވެ. ދެ ވަނަ މެޗުގައި އަލްބޭނިއާއާ ދެކޮޅަށް ފްރާންސުން ފެށީ ފުރަތަމަ އެގާރައިގައި ޕޮގްބާ ނުހިމަނަ އެވެ. އެހެން ނަމަވެސް އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޕޮގްބާ ވަނީ މޮޅަށް ކުޅެ، ދެ ވަނަ ލަނޑު ޖަަހަން ޑިމިޓްރީ ޕަޔެޓަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ރޭގެ މެޗުގައި ޕޮގްބާ ވަނީ ސްވިޒަލެންޑާ ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮގްބާ ފޮނުވާލި ދެ ހަމަލާއެއް ސްވިޒަލެންޑުގެ ކީޕަރު ޔަން ސޮމާ މަތަކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

"ފުރަތަމަ ހާފްގައި މުޅި މެޗު ކޮންޓްރޯލް އޮތީ ޕޮގްބާ އަތުގައި. ލަނޑެއް ޖެހުމުގެ ނަސީބު އޭނާގެ ނެތީ. އެހެން ހުރިހާ ކަމެއް ވަރަށް ފުރިހަމަ،" ޕޮގްބާގެ ކުޅުމަށް ތައުރީފް ކުރަމުން ޑިޝޯމްޕް ބުންޏެވެ.

އޭނާ ބުނީ ޕޮގްބާ އަށް އަލްބޭނިއާ މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުދިނީ ތިން ދުވަހުން މެޗު ކުޅެން ޖެހިފައިވާތީ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ޕޮގްބާގެ ކުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޑިޝޯމްޕް ބުންޏެވެ.

"ގްރޫޕްގެ އެއް ވަނަ ލިބުމުން އަހަރެމެންގެ އެއް ޓާގެޓް ހާސިލްވެއްޖެ. ދެން އޮތީ މުޅިން ފައިނަލް. ވަރަށް ސަމާލުވެގެން ކުޅެން ޖެހޭނީ،" ޑިޝޯމްޕް ބުންޏެވެ.

ދެ ވަނަ ބުރުގައި ފްރާންސް ކުޅެން ޖެހޭނީ ގްރޫޕް ސީ، ޑީ ނުވަތަ އީ އިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ޓީމާ ދެކޮޅަށެވެ.