މާލޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން މިރޭ ނޭޕާލް އަތުން ހަނިގޮތަކަށް 59-61 އިން ބަލިވެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
21 މެއި 2017
މާލޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން މިރޭ ނޭޕާލް އަތުން ހަނިގޮތަކަށް 59-61 އިން ބަލިވެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޭގެ މެޗުގައި ވަރުގަދަ އިންޑިއާއާ ދެކޮޅަށް ރާއްޖޭން ދެއްކި ހިތްވަރު ގަދަ ކުޅުން މިރޭ ނޭޕާލާ ދެކޮޅަށް ވެސް ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖޭން ދެއްކި އެވެ. އަދި ފުރަތަމަ ދެ ކުއާޓަރުގައި ރަނގަޅު ލީޑެއް ވެސް ނެގި އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުގައި ޓީމުގެ ކުޅުން ދަށްވި އެވެ. އަދި ނަތީޖާ އަކަށްވީ ނޭޕާލުން ރަނގަޅު ފޯމެއްގައި އޮވެ ފަހު ކުއާޓަރުގައި އެ ޓީމު ކޮޅަށް މެޗު އަނބުރާލުމެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝް ވަނީ ސްރީ ލަންކާގެ މައްޗަށް 90-80 އިން ކުރިހޯދައިފަ އެވެ. ރާއްޖެ އަށް ކުރިއަށް އޮތީ ލަންކާ އާއި ބަންގްލަދޭޝް މެޗެވެ. ބަންގްލަދޭޝް ވަނީ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް ބަލިކޮށްފަ އެވެ. މިދިޔަ އަަހަރު އިންޑިއާގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.-
މިރޭގެ މެޗަށް ފަހު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލަ) ބުނީ ބަލިވީ ރޭވި ގޮތާ އެއްގޮތަށް ނުކުޅެވިގެން ކަމަށާއި ރޭގެ މެޗުގެ ވަރުބަލިކަން ވެސް ކޮންމެވެސް ވަރަަކަށް ދިމާވި ކަމަށެވެ.
"ފުރަތަމަ ދެ ކުއާޓަރުގައި ވަރަށް ރަނގަޅަށް ކުޅުނު. މައްސަލަ ދިމާވީ ތިން ވަނަ ކުއާޓަރާ ހަމައިން. ބޭނުންވި ސްޕީޑުގައި ފަހުން ރަނގަޅަށް ނުކުޅެވުނީ. ހަގީގަތުގައި މި މެޗަށް ބަލާއިރު ސްކޯ އިން ވެސް އެނގޭ ރަނގަޅަށް ކުޅެވިފައި ހުރިކަން. އެކަމު ބައެއް ކަހަލަ ކަންތައްތައް އެންމެ ރަނގަޅަށް ނުދިޔައީމަ ފަހު ވަގުތު ބަލިމިވީ،" އިއްލަ ބުންޏެވެ.
ރާއްޖެ ޓީމުގެ އަފްޝަން (ކ) ހުއްޓުވަން ނޭޕާލްގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނޭޕާލްގެ ކޯޗު ދިނޭޝް ޗަންދުރާ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ކަމަށާއި މޮޅުވީ ހިތްވަރާ އެކު ފަހު ވަގުތާ ޖެހެންދެން ދެއްކި ހިތްވަރުން ކަމަށެވެ.
"ރާއްޖެއާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ. މިއީ އިތުރަށް އުނދަގޫވި މެޗެއް. އެއީ ރާއްޖޭގެ ސަޕޯޓަރުން ކުރިމަތީގައި ކުޅެން ޖެހުމުން. އެކަމަކު މި މޮޅާ އެކީ ކުރިއަށްދާން ހިތްވަރު ލިބިއްޖެ. ފުރަތަމަ ދެ ކުއާޓަރު ގެއްލުމުން އަހަރެމެން ބޭނުންވީ ރޭވުން ބަދަލުކޮށްލަން. އެ ހިސާބުން މެޗު އަހަރެމެންނަށް ލިބިއްޖެ،" ދިނޭޝް ބުންޏެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މި މެޗުގައި ރާއްޖޭން ފެށީ އެޓޭކް ވަރުގަދަ ކޮށެވެ. މި ގޮތުން ފުރަތަމަ ފަހެއްގައި ކުޅުނީ ކެޕްޓަން މުހައްމަދު ޒިލާލް، ހުސެއިން ހަލީމް (ޗިކަނޭ)، އިބްރާހިމް ރަޝްވާން (ޗިކު)، އަފްޝަން ރަޝާދު އަދި އަހުމަދު ޒަބީރެވެ. މެޗު ފަށައިގެން ރާއްޖޭން ދިޔައީ ލީޑު ދަމަހައްޓަމުންނެވެ. ނޭޕާލް ޓީމަކީ ވެސް ރާއްޖޭގެ ކުޅުންތެރިންނާ ދާދި އެއް އިސްކޮޅެއްގެ ކުޅުންތެރިން ކަމަށްވުމުން މާ ބޮޑު ތަފާތެއް އެ ޓީމަށް ނުދެއްކެ އެވެ. ކުއާޓަރުގައި ރާއްޖޭން ލީޑުގައި އޮއްވައި ނޭޕާލުން ވަނީ ފަހު ވަގުތުގައި 16-16 އިން އެއްވަރުކޮށްފަ އެވެ.
ދެ ވަނަ ކުއާޓަރުގައި ރާއްޖޭން މޮޅު ކުޅުމެއް ދެއްކި އެވެ. ޗިކަނޭގެ މޮޅު ޕޮއިންޓުތަކާ އެކު ރާއްޖޭން ކުއާޓަރުގައި 22-36 ޕޮއިންޓުން ވެސް ކުރީގައި އޮތެވެ. ޒިލާލާއި ވައިސް ކެޕްޓަން ޒަކަރިއްޔާ އަބްދުލްލަތީފް (ޒަކިއްޓެ) އާއި އަލީ ފަޒްލީ ވެސް ރަނގަޅު ކުޅުމެއް ދެއްކި މި ކުއާޓަރު ރާއްޖޭން ނިންމާލީ 29-36 އިންނެވެ.
ރާއްޖޭގެ ޗިކު (ވ) ނޭޕާލް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ ޓީމަށް މައްސަލަ ދިމާވަން ފެށީ ތިން ވަނަ ކުއާޓަރުން ފެށިގެންނެވެ. ނޭޕާލުން ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެން މި ކުއާޓަރުގައި ކުޅުނެވެ. އެ ޓީމުން ދިޔައީ ރާއްޖޭގެ ކުޅުންތެރިން ވަރުބަލިވުމުގެ ފުރިހަމަ އެޑްވާންޓޭޖް ނަގަމުންނެވެ. މި ކުއާޓަރުގައި ނޭޕާލްގެ ރަަބިން ކަތުރީ އާއި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އަޝިމް ޝްރެސްތާ ވަނީ ގިނަ ޕޮއިންޓްތަކެއް އެއްކޮށްފަ އެވެ. މި ކުއާޓަރު ނިމުނީ 49-49 އިން އެއްވަރުވެގެންނެވެ.
ފަހު ކުއާޓަރަށް ނޭޕާލުން ނުކުތީ އިތުބާރާ އެކު އެވެ. ރާއްޖޭގެ ކޯޗު ސުޕުން ވިމާލް ގާތްގާތުގައި މި ކުއާޓަރުގައި ޓީމަށް ބަދަލުގެނަ އެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ އެޓޭކް ދިޔައީ ރަނގަޅަކަށް ނޫނެވެ. އަދި ފައުލް ގިނަވެ، ނޭޕާލަށް އެޑްވާންޓޭޖް ބޮޑުވި އެވެ. ނޭޕާލުން ކުއާޓަރުގެ ކުރީކޮޅުގައި ފަރަގު ބޮޑު ކުރުމުން ރާއްޖެ އަށް އެއްވަރުކުރަން އުނދަގޫތަކާ ކުރިމަތިވި އެވެ. ނަތީޖާ އަކަށްވީ ނޭޕާލުން 59-61 އިން މެޗު ކާމިޔާބު ކުރުމެވެ.
މާދަމާރޭ ރާއްޖެ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. ރާއްޖެ ވަނީ އެންމެ ފަހުން އޮތް މުބާރާތުގައި ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ.
ގަދަ ދޭއްގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ
ކުޅުން ރަނގަޅު، ފޯކަސް ގެއްލުވާނުލުން މުހިއްމު: ޒިލާ
ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ޒިލާލް، ކޯޗަކީ ސުޕުން
ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލު މީހަކު ޒަހަމްކޮށްލައިފި
ހޮނުއަޅައިގެން އިންޑިއާ އާއި ނޭޕާލުން 69 މީހުން މަރު
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް
3 އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
މާލެއަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ