Roadha Mihaaru
ކުޅުން ރަނގަޅު، ފޯކަސް ގެއްލުވާނުލުން މުހިއްމު: ޒިލާ

ކުޅުން ރަނގަޅު، ފޯކަސް ގެއްލުވާނުލުން މުހިއްމު: ޒިލާ

21 މެއި 2017

މާލޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ފުރަތަމަ ދެ މެޗުން ރާއްޖެ ބަލިވި ނަމަވެސް ދެ މެޗުގައި ވެސް ދެއްކި ކުޅުން ރަނގަޅުކަމަށާއި ފޯކަސް ގެއްލުވާނުލައި ކުރިއަށް ދިއުން މުހިއްމު ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާލޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ފުރަތަމަ ދެ މެޗުން ރާއްޖެ ބަލިވި ނަމަވެސް ދެ މެޗުގައި ވެސް ދެއްކި ކުޅުން ރަނގަޅުކަމަށާއި ފޯކަސް ގެއްލުވާނުލައި ކުރިއަށް ދިއުން މުހިއްމު ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ބުނެފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ މި މުބާރާތް ރާއްޖޭން ފެށީ ވަރުގަދަ އިންޑިއާއާ ދެކޮޅަށް ދެއްކި ހިތްވަރުގަދަ ކުޅުމާ އެކު އެވެ. ރާއްޖެ އަތުން އިންޑިއާ ވަނީ މީގެ ކުރިން ކުޅުނު ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް 100 އަށް ވުރެ ގިނަ ޕޮއިންޓް ހޯދައިފަ އެވެ. އެހެން ނަމަވެސް މި މުބާރާތުގައި އިންޑިއާ ފަރުޖައްސާލަން ޖެހުނީ 84-42 ޕޮއިންޓުންނެވެ.

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރޭ ނޭޕާލް އަތުން ރާއްޖެ މޮޅުވާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖޭން ރަނގަޅަށް ކުޅެ ލީޑުގައި އޮއްވައި ނޭޕާލުން ނަތީޖާ އަނބުރާލީ ފަހު ކުއާޓަރުގަ އެވެ. ނޭޕާލް މޮޅުވީ 61-59 އިންނެވެ.

ރާއްޖޭގެ ކެޕްޓަން ޒިލާ ބުނީ ޓީމަށް ދިމާވި މައްސަލަ އަކީ ރޭވުންތަކާ އެއްގޮތަށް ނުކުޅެވުން ކަމަށެވެ.

"ތައްޔާރުވި ގޮތަށް އެއް ޕޭސް އެއްގައި ގިނަ ވަގުތު ހިފަހައްޓާ ނުލެވުނީމަ ބަލިވީ. ރަނގަޅަށް ކުޅެވުނު އެކަމަކު މައްސަލަ އަކަށް ދިމާވީ އެޓޭކާއި ޑިފެންސްގައި ރަނގަޅު ބެލެންސެއް ނުހިފެހެއްޓުނީ. ބޭރު ޝޮޓްތައް ވެސް އަޅުގަނޑުމެންގެ ނަސީބު އެހާ ރަނގަޅަކަށް ނޫން ދިޔައީ،" ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއާ ބުންޏެވެ.

ފަސް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ. ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ޒިލާ ބުނީ ޓީމު އޮތީ އުއްމީދުގައި ކަމަށެވެ.

"ފުރަތަމަ ދެ މެޗުގައި ވެސް ރަނގަޅަށް ކުޅެވުނު. އެއްވެސް ގޮތަކަށް ފޯކަސް ގެއްލުވާނުލައި ކުރިއަށްދިއުން މީގެ އޮތީ. ކުރިއަށް އޮތް ދެ މެޗު ގެނެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ޒިލާ ބުންޏެވެ.

މި މުބާރާތުގައި މިރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން މޮޅުވިއިރު، އިއްޔެ ވަނީ ސްރީ ލަންކާ ބަލިކޮށްފަ އެވެ.

މިދިޔަ އަހަރު ބެންގަލޫރުގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ރާއްޖެ މޮޅުވީ 68-50 އިންނެވެ.

މިރޭ 9 ޖަހާއިރު ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާއިރު، ހަވީރު ކުޅޭނީ އިންޑިއާ އާއި ސްރީލަންކާ އެވެ.