Roadha Mihaaru
"ބައްޕަ"ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި

"ބައްޕަ"ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި

24 މެއި 2017

ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު 1996 ވަނަ އަހަރު ސްރީ ލަންކާ އަށް ކުރި ޓުއާއެއްގައި، ޓީމުގެ މެނޭޖަރު އަހުމަދު އިސްމާއިލް ގާތު ލަންކާ ކޯޗެއް ކަމަށްވާ ސުޕުން ވިމާލް ބުންޏެވެ؛

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު 1996 ވަނަ އަހަރު ސްރީ ލަންކާ އަށް ކުރި ޓުއާއެއްގައި، ޓީމުގެ މެނޭޖަރު އަހުމަދު އިސްމާއިލް ގާތު ލަންކާ ކޯޗެއް ކަމަށްވާ ސުޕުން ވިމާލް ބުންޏެވެ؛

"ތި ޓީމުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި. ތަމްރީންކޮށްފި ނަމަ ރަނގަޅު ހިސާބަކަށް ދެވިދާނެ. އަހަރެން މިހިރީ ތިކަން ކޮށްދޭން ތައްޔާރަށް،"

އޭގެ ތިން އަހަރު ފަހުން އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމާ އަހުމަދު ހަވާލުވެވަޑައިގެންނެވިތަނާ ބޭރުން ކޯޗެއް ގެނައުމުގެ ފުރުސަތު ކުޅިވަރާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ދެއްވި އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އަހުމަދު މެން ސުޕުން ރާއްޖެ ގެނަ އެވެ. އޭނާ ފުރަތަމަ ވެސް ބުނީ ލަންކާގެ މައްޗަށް ރާއްޖެ އަށް ކުރި ހޯދައިދޭނެ ކަމަށެވެ. ސުޕުން ކޯޗަކަށް ހުރެގެން ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތް ފުރަތަމަ ފަހަރު، ސާބާ ޗެމްޕިއަންޝިޕުގައި ރޭ ރާއްޖޭން އެވަނީ ލަންކާ ބަލިކޮށްފަ އެވެ. މުބާރާތުގެ ކުރިން ވެސް "މިހާރަ"ށް ވާހަކަދައްކަމުން ސުޕުން ބުނީ ލަންކާ ބަލިކުރުމުގެ ހުވަފެން ދެކޭތާ 18 އަހަރުވެއްޖެ ކަމަށެވެ.

"އެ ދުވަހު ނޫހުގައި އެ ވާހަކަ ޖެހީމާ ވެސް މީހުން އަހަންނާ ދިމާލަށް ހޭން ފެށީ. ބުނީ ކިހިނެއްހޭ ލަންކާ ބަލިކުރެވޭނީ. އަހަރެން ޖަވާބު ދިނިން އަހަންނަށް އެނގެޔޭ އެކަން ކުރާނެ ގޮތް،" ރޭ 69-63 ޕޮއިންޓުން އުފަން ގައުމު ބަލިކުރުމަށް ފަހު ސުޕުން ބުންޏެވެ.

އޭނާ ބުނީ މިހާރު ދެން ހިތްހަމަޖެހިލައިގެން ގައުމީ ޓީމުން ރިޓަޔާކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގެ ކްލަބްތަކަށް އެހީވުމުގައި ދެމި ހުންނާނެ ކަމަށް ސުޕުން ބުންޏެވެ.

"އަހަރެން ގައުމީ ޓީމުން ދެން ނުފެންނާނެ،" ގައުމީ ޓީމަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި ސާބާ ޗެމްޕިއަންޝިޕްތަކުގައި ކޯޗުކޮށްދީފައިވާ ސުޕުން ބުންޏެވެ.

މިދިޔަ 17 އަހަރު އެކި ފަހަރު މަތިން ސުޕުން ހިދުމަތްކޮށްދިނީ ހަމައެކަނި ގައުމީ ޓީމަކަށް ނޫނެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަށް މަސައްކަތްކުރި އެވެ. ރެފްރީކަން ކުރި އެވެ. ރެފްރީންނާއި ކޯޗުން އުފެއްދި އެވެ. ޔޫތު ޑިވެލޮޕްމަންޓުގައި މަސައްކަތްކޮށް ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރި އެވެ. ރޭގެ މޮޅާ އެކު އޭނާގެ އުފާވެރިކަން ދެގުނަވާ އަނެއް ސަބަބަކީ އެޔެވެ. އޭނާ އުފެއްދި ކުޅުންތެރިންގެ ޓީމަކުން އޭނާގެ ހުވަފެނުގައި ކުލަ ޖައްސައިދިނުމެވެ.

ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ކެޕްޓަން މުހައްމަދު ޒިލާލާއި އަލީ ފަޒްލީ އާއި އަހުމަދު އަފްސަން ރަޝާދު އަދި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަކީ އެ ކުޅުންތެރިން އެންމެ ކުޑައިރުން ފެށިގެން ސުޕުން ތަމްރީންކުރި ކުޅުންތެރިންނެވެ. ޓީމުގެ އެންމެ ޒުވާން ކުޅުންތެރިން ކަމަށްވާ އިބްރާހިމް ރަޝްވާން (ޗިކު) އާއި އަބްދުﷲ އަމްޒަރާއި ހުސެއިން ހަލީމް (ޗިކަނޭ) އަދި އިސްމާއިލް ވިލްދާން ފަދަ ކުޅުންތެރިންނަކީ އޭނާ ތަމްރީންކުރި އެންމެ ފަހުގެ ބެޗެވެ.

މީގެ ތެރެއިން ޗިކާއި ވިލްދާނަކީ، ސުޕުންގެ ކޯޗުކަމުގެ ދަށުން 2012 ވަނަ އަހަރު ލަންކާގެ އިންޓަނޭޝަނަލް ސްކޫލް މުބާރާތެއްގެ ތަށި ރާއްޖޭގެ ޖޫނިއާ ޓީމު ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

"އަހަރެން ރޭ ބުނިން އަހަންނަށް ތި ކުދިންނަށް ހިދުމަތްކޮށްދެވިއްޖެޔޭ. އަހަންނަށް މިއަދު ކަމެއް ކޮށްދެންޏާ ލަންކާ ބަލިކޮށްދޭށޭ. އެ ކުޅުންތެރިން މި މެޗުގައި އެ ހިތްވަރުލައިފި. އަހަރެން ކޮށްދިން މަސައްކަތުގެ ބަދަލު ލިބިއްޖެ ކަމަށް ގަބޫލުކުރަނީ،" ސުޕުން ބުންޏެވެ.

ރޭގެ މެޗުގައި ކެޕްޓަން ޒިލާ ބާސްކެޓެއް ވައްޓާލަން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭގެ މެޗުގައި ކެޕްޓަން ޒިލާ ބާސްކެޓެއް ވައްޓާލަން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީމުގެ ކެޕްޓަން ޒިލާ ބުނީ ސުޕުން އަކީ ބާސްކެޓްބޯޅައިގައި އެ ކުޅުންތެރިންގެ ބައްޕަ ކަމަށާއި މި ކުޅިވަރަށް ބަދަލުތަކެއް ގެނައީ އޭނާ ކަމަށެވެ. އެހެންވެ މެޗަށް ހުރިހާ ކުޅުންތެރިން ވެސް ނުކުތީ ކޯޗަށްޓަކައި ވެސް މެޗުން މޮޅުވާން ކަމަށް ޒިލާ ބުންޏެވެ.

"ކޯޗު މިތަނަށް އައީއްސުރެ އަޒުމަކަށް ވެފައި އޮތީ ސްރީ ލަންކާގެ މައްޗަށް ކުރި ހޯދުން. ޒިލާމެން އެންމެ ކުޑައިރުއްސުރެ ޒިލާ އާއި ފަޒްލީ އާއި އަފްޝަނާއި ފިރާޝާއި ޒަބީ މިހިސާބަށް ގެނެސްދިނީ ކޯޗު. ކޯޗަކަށްޓަކައި މުޅި ޓީމު ޓީމެއްގެ ގޮތުގައި ނުކުމެ ކުރި މަސައްކަތުގެ ނަތީޖާ މިއީ،" ޒިލާ ބުންޏެވެ.

އޭނާ ބުނީ ސުޕުން ގެންއުޅުނީ މުހިއްމު ކުޅުންތެރިން ކޯޗިން އަށް ވެސް ނެރެގެން، މުޅި ބާސްކެޓްބޯޅައިގެ ތެރޭ އުޅެވޭނެ ސިސްޓަމަކަށް ކަމަށާއި އޭގެ ނަތީޖާ އަކީ ކުޅުންތެރިންނަށް އިތުރު ކުރިއެރުން ލިބުން ކަމަށެވެ.

"ރާއްޖޭގެ ބާސްކެޓްބޯޅައިގެ ބައްޕަ ސުޕުން އަކީ. ދިވެހި ބާސްކެޓްބޯޅައަށް ބޮޑު ބަދަލެއް ގެނެސްދިން ކޯޗެއް އޭނާ އަކީ. އެކަން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ބަލައިގަންނަން،" ޒިލާ ބުންޏެވެ.

އޭނާ ބުނީ ކޯޗުގެ އަޒުމަމީ ސަރަހައްދުގައި ރާއްޖެ ރަނގަޅު ހިސާބަކަށް ދިއުން ކަމަށާއި، ސުޕުން ގައުމީ ޓީމާ ވަކިވި ނަމަވެސް އޭނާގެ އިތުރު އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުޅުންތެރިން މަސައްކަތްކުރާނެ ކަމަށެވެ.

"ކޯޗަށްޓަކައި ވެސް ބާސްކެޓްބޯޅަ ޑިވެލޮޕްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޒިލާ ބުންޏެވެ.

ސުޕުން ބުނީ މި މުބާރާތުގެ ގަދަ ތިނަކަށް ނޭރި ނަމަވެސް ކުޅުމުގެ ފެންވަރަށް ބަލާއިރު މިއީ ތަފާތު ފަހަރެއް ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށްފަ އެވެ.

"އަމިއްލަ ގައުމުގައި މޮޅަށް ކުޅެ، އަދި ވާދަވެރި ޓީމު ބަލިކުރެވިއްޖެ. މިއީ ރަނގަޅު ބިންގަލެއް. ވަރަށް ގިނަ ޒުވާން ކުޅުންތެރިން އެބަތިބި. ކުރިމަގު ފެންނަނީ އުޖާލާކޮށް،" ސުޕުން ބުންޏެވެ.

މެޗަށް ފަހު ސުޕުންއާ އެކު ކާމިޔާބީގެ އުފާ އެންމެ ބޮޑަށް ހިއްސާކުރި އެކަކީ އަހުމަދު އިސްމާއީލެވެ. މިވަގުތު ބާސްކެޓްބޯޅައާ ދުރުގައި ހުރި ނަމަވެސް، އެސޯސިއޭޝަނުގެ ނައިބް ރައީސްކަން ގިނަ ދުވަސްތަކެއް ކުރެއްވި އަހުމަދު އިސްކޮށް ހުންނަވައި ހިންގެވި ވައިޑީޕީ ޕްރޮގްރާމަކީ ރޭ ގައުމީ ޓީމު ތަމްސީލްކުރި ކުޅުންތެރިންގެ އެކަޑަމީ އެވެ.

"ވަރަށް އުފާވެއްޖެ މިރޭ. ސުޕުން އަހަރެން ގާތު އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ވެސް ބުނި ލަންކާ ބަލިކުރެވޭނެޔޭ. އެކަން ތިމަންނަށް ކޮށްދޭނަމޭ. މިއަދު އެކަން މިވީ ހަގީގަތަކަށް. ހަގީގަތުގައި ސުޕުން އަކީ ޒާހިރު ހުސެއިން ބާސްކެޓްބޯޅައަށް ދެއްވި ހަދިޔާއެއް،" އަހުމަދު ވިދާޅުވި އެވެ.

ފުޓްބޯޅައިގައި ވެސް ރާއްޖޭގެ ފިޔަގަނޑު ފަޅައި އުދުހިގަތީ، އޭރު އެންމެ ވާދަވެރި އެއް ޓީމު ކަމަށްވާ ލަންކާގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ. އެކަންވީ ކުޅުންތެރިންނަށް ލިބުނު ބޮޑު އިތުބާރަކަށެވެ. ބާސްކެޓްބޯޅައިގައި ރާއްޖެއާ މިވަގުތު އެންމެ ވާދަވެރި ލަންކާ ބަލިކުރެވުމަކީ އެގޮތަށް ބަލާއިރު އެ ކުޅިވަރަށް ހެޔޮ ފާލެއް ކަމަށް ބެލިދާނެ އެވެ. ސުޕުން ގައުމީ ޓީމަށް އަލްވަދާއު އެކީ އެކަން ކޮށްދީފަ އެވެ!