20 މެއި 2017
މާލޭގައި މިއަދު ފެށި ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން މިރޭ އޭޝިއާގެ ބާސްކެޓްބޯޅައިގެ ގަދަބާރު އިންޑިއާ އަތުން 84-42 ޕޮއިންޓުން ބަލިވި ނަމަވެސް، ރާއްޖޭން ވަރުގަދަ ވާދައެއްކޮށްފި އެވެ.
މާލޭގައި މިއަދު ފެށި ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން މިރޭ އޭޝިއާގެ ބާސްކެޓްބޯޅައިގެ ގަދަބާރު އިންޑިއާ އަތުން 84-42 ޕޮއިންޓުން ބަލިވި ނަމަވެސް، ރާއްޖޭން ވަރުގަދަ ވާދައެއްކޮށްފި އެވެ.
ރާއްޖެ އަތުން އިންޑިއާ ވަނީ މީގެ ކުރިން ކުޅުނު ކޮންމެ މެޗެއްގައި 100 އަށް ވުރެ ގިނަ ޕޮއިންޓް ހޯދައިފަ އެވެ. އެހެންކަމުން މިއީ އޭޝިއާގެ 10 ވަނައިގައި އޮތް އިންޑިއާ އަށް ރާއްޖޭގެ މައްޗަށް ސެންޗަރީއެއް ނުހެދުނު ފުރަތަމަ ފަހަރެވެ.
އިންޑިއާ ވަނީ މިހާތަނަށް ބޭއްވި ފަސް ސާބާ ޗެމްޕިއަންޝިޕްގެ ތެރެއިން އެ ޓީމު ބައިވެރިވި ހަތަރު މުބާރާތުގެ ވެސް ތަށި އުފުލާލައިފަ އެވެ. އަދި 2015 ގެ ފީބާ އޭޝިއާ ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކުރި އެވެ. ކުއާޓާ އިން ކެޓީ ޗެމްޕިއަން ޗައިނާ އަތުން ބަލިވެގެންނެވެ.
ދުނިޔޭގެ ބާސްކެޓްބޯޅައިގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ އިންޑިއާގެ އިސްކޮޅުން ދިގު، ބިޔަ ވަރުގަދަ ޓީމާ ދެކޮޅަށް ދިވެހި ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، ހިތްވަރުކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޭޕާލް އަތުން 76-66 ޕޮއިންޓުން ބަންގްލަދޭޝް މޮޅުވި މެޗާ، މިރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗުގެ ފެންވަރަށް ބަލާއިރު ރާއްޖެ އަށް އެ ދެ ޓީމާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ބާސްކެޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ.
އިންޑިއާގެ ކުޅުންތެރިއަކު ސްކޯކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ ދިވެހި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގެ ވިސްނުން އޮތީ މާދަމާ ރޭ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށާއި އަނިޔާގެ މައްސަލަތައް އުޅޭތީއާ އެކު މިރޭ މެޗުގެ ތެރޭގައި ގިނަ ބަދަލުތަކެއް ގެނައީ އެހެންވެ ކަމަށެވެ.
"ސީނިއާ ބައެއް ކުޅުންތެރިން ތިބީ އަނިޔާގައި. އެ ކުޅުންތެރިން ފުލްކޮށް ކުޅެފި ނަމަ ރިކަވާކުރަން އެއް ދުވަސް ބޭނުންވާނެ. މާދަމާ ރޭގެ މެޗަށް އަހަރެމެންގެ ވިސްނުން އޮތީ،" ސުޕުން ބުންޏެވެ.
"އިންޑިއާގެ ފެންވަރަށް ބަލާއިރު އެއީ ބަލިކުރަން އުނދަގޫވާނެ ޓީމެއް. އަހަރެމެންގެ ވިސްނުން ހުރީ ދެން ހުރި ޓީމުތައް ބަލިކުރަން. އެހެންވެ ކުޅުންތެރިން ވަރަށް ބޮޑަށް ރޮޓޭޓްކޮށްގެން ކުޅުނީ. އިންޑިއާގެ އިސްކޮޅުން ދިގު ކުޅުންތެރިންނާ ދެކޮޅަށް ދިވެހި ކުޅުންތެރިން ދެއްކި ކުޅުން ވަރަށް މޮޅު."
ރާއްޖޭގައި ގައުމީ ޓީމު ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗަށް ފަހު ކެޕްޓަން މުހައްމަދު ޒިލާލް ބުނީ އެންމެ ފުރަތަމަ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދިޔައީ ސަލާމަތްނުވެގެން ކަމަށާއި އެކަމަކު މިރޭ ފެނުނީ ކޮންސެންޓްރޭޓްކޮށްގެން، މޮޅަށް ކުޅުނު ތަން ކަމަށެވެ.
"އަހަރެމެންގެ ޓާގެޓަކީ މި މެޗެއް ނޫން. މި މެޗުގައި ބޭނުންވީ އިންޑިއާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެ، ކުރިއަށް ހުރި މެޗުތަކަށް ހިތްވަރު ހޯދަން. އެކަން ހާސިލްވެއްޖެ،" ޒިލާލް ބުންޏެވެ.
ރާއްޖޭގެ ޒަބީރު (ކ) އަތުން ބޯޅަ ހޯދަން އިންޑިއާގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ ރާއްޖޭން މެޗު ފެށީ ޑިފެންސަށް އިސްކަންދީގެން ތަޖުރިބާކާރު ކުޅުންތެރިންނާ އެކު އެވެ. ފުރަތަމަ ފަހެއްގައި ހިމެނުނީ ކެޕްޓަން ޒިލާލާއި ވައިސް ކެޕްޓަން ޒަކަރިއްޔާ އަބްދުލްލަތީފް (ޒަކިއްޓެ) އާއި އަހުމަދު އަފްޝަން ރަޝާދާއި އަލީ ފަޒްލީ އަދި ޒުވާން ކުޅުންތެރިޔާ އަމްޒަރު އަލީއާ އެވެ. އިންޑިއާގެ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިން ކައިރީގައި ރާއްޖޭގެ ކުޅުންތެރިން ކުރީކޮޅު ވަރުގަދަ ޑިފެންސިވް ކުޅުމެއް ދެއްކި އެވެ. އެކަމަކު މައްސަލައަކަށް ވީ އެ ކުޅުންތެރިން ހުއްޓުވުމުގައި، ފިޒިކަލް ކުޅުން ގިނަވެ އިންޑިއާ އަށް ފައުލްތަކެއް ކާމިޔާބުވުމެވެ. އިންޑިއާ އިން 11 ޕޮއިންޓްގައި އޮއްވާ ރާއްޖެ އަށް ފުރަތަމަ ތިން ޕޮއިންޓް ހޯދައިދިނީ އަފްޝަން އެވެ.
ދިވެހި ސަޕޯޓަރުންގެ ހަޅޭއްކާ އެކު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާރުގެ ވަކި ހިސާބަކުން ރާއްޖޭން މުޅި ޓީމު ބަދަލުކުރި އެވެ. އަހުމަދު ފިރާޝާއި އަހުމަދު ޒަބީރާއި އިސްމާއިލް ވިލްދާނާއި ހުސެއިން ހަލީމް (ޗިކަނޭ) އަދި އިބްރާހިމް ރަޝްވާންއާ އެކު ރާއްޖޭން ފެށީ އެޓޭކިން ގޭމެކެވެ. ނަތީޖާއަކަށް ވީ އިންޑިއާ އަށް، ރާއްޖޭގެ ޑިފެންސްގެ ތެރެއިން ލުއިތަކެއް ލިބުމެވެ. އެ ދަނޑިވަޅުގައި އިންޑިއާ އިން އުފެއްދި އެޓޭކްތަކާ އެކު އެ ޓީމުން ފުރަތަމަ ކުއާޓާރު ނިންމާލީ 22-3 ޕޮއިންޓުން ކުރީގައި އޮވެ އެވެ.
ދެ ވަނަ ކުއާޓާރުގެ ކުރީކޮޅު ރާއްޖޭގެ ޒަކިއްޓެ ވަނީ ފްރީތުރޯ އިން ރާއްޖެ އަށް ދެ ޕޮއިންޓް ހޯދައިދީފަ އެވެ. އޭގެ ފަހުން ޗިކަނޭ އިންޑިއާ ކުޅުންތެރިއެއް ކައިރިން ދެމި ގަނެ، ފަހަތަށް އެއްލި ބޯޅައަކުން ރާއްޖެ އަށް އިތުރު ދެ ޕޮއިންޓް ހޯދައިދިނެވެ. މި ކުއާޓާރުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ކުރިއަށް ވުރެ އިތުބާރާ އެކު ކުޅެ އިންޑިއާ އަށް ބާރު ބޮޑުކޮށްފަ އެވެ. މި ކުއާޓަރުގައި ރާއްޖޭން ތަފާތު ކުޑަކުރިއިރު، އިންޑިއާ ކުރީގައި އޮތީ 46-15 ޕޮއިންޓުންނެވެ.
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމުގައި ބައިވެރިވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ތިން ވަނަ ކުއާޓާރު ވެސް ރާއްޖޭން ފެށީ ވަރުގަދަކޮށެވެ. ޒުވާން ކުޅުންތެރިޔާ ޗިކަނޭ ވިދިވިދިގެން ހޯދައިދިން ޕޮއިންޓްތަކާ އެކު މި ކުއާޓަރުގައި ރާއްޖޭން ޖުމްލަ 13 ޕޮއިންޓް ހޯދި އެވެ. އެކަމަކު އިންޑިއާ ވަނީ 68-28 ޕޮއިންޓުގެ ލީޑަކާ އެކު ކުރީގައި އޮވެ ކުއާޓަރު ނިންމައިފަ އެވެ.
ފަހު ކުއާޓަރަށް ނުކުތްއިރު، ރާއްޖޭގެ ކުޅުންތެރިން ވަނީ ބޮޑު އިތުބާރެއް ހޯދައިފަ އެވެ. ހާއްސަކޮށް މި ކުއާޓާރުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރެވުނެވެ. އެގޮތުން ޓީމުގެ އެންމެ ކުރު އެއް ކުޅުންތެރިޔާ އަފްލާހު ވަނީ މޮޅު މޫވްތަކާ އެކު ރާއްޖެ އަށް ރަނގަޅު އެޓޭކްތަކެއް އުފައްދައިދީފަ އެވެ. އިންޑިއާ އިން ވެސް ޒުވާން ބައެއް ކުޅުންތެރިންނަށް މި ކުއާޓަރުގައި ފުރުސަތު ދިނެވެ.
މި މެޗުގައި ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ކެޕްޓަން ޒިލާލެވެ. އޭނާ ވަނީ 12 ހޯދައިފަ އެވެ. ޗިކަނޭ ހަތް ޕޮއިންޓް ހޯދައިދިން އިރު ޒަކިއްޓެ، އަމްޒަރު އަދި ޗިކު، ކޮންމެ ކުޅުންތެރިއަކު ހަތަރު ޕޮއިންޓެވެ.
މުބާރާތުގައި މާދަމާ ހަވީރު ބަންގްލަދޭޝާއި ސްރީ ލަންކާ ވާދަކުރާއިރު މާދަމާ ރޭ ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބިއްޖެ: ޒިލާލް
"ބައްޕަ"ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި
ރާއްޖޭން ލަންކާ އަތުން ތާރީހީ މޮޅެއް ހޯދައިފި
ދިވެހި ކުޅުންތެރިންނަށް އިންޑިއާ ކޯޗުގެ ތައުރީފް
ގަދަ ދޭއްގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ
ކުޅުން ރަނގަޅު، ފޯކަސް ގެއްލުވާނުލުން މުހިއްމު: ޒިލާ
ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް
ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ޒިލާލް، ކޯޗަކީ ސުޕުން
ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް
"ސާބާ ޗެމްޕިއަންޝިޕަކީ ދިވެހި ބާސްކެޓުގެ އާ ފެށުމެއް"