24 މެއި 2017
ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕުގެ ތަށި އިންޑިއާ އުފުލާލިއިރު، ދިވެހިރާއްޖޭން ފަހު މެޗުގައި ސްރީ ލަންކާ އަތުން 69-63 ޕޮއިންޓުން، ތާރީހީ މޮޅެއް ހޯދައިފި އެވެ.
ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕުގެ ތަށި އިންޑިއާ އުފުލާލިއިރު، ދިވެހިރާއްޖޭން ފަހު މެޗުގައި ސްރީ ލަންކާ އަތުން 69-63 ޕޮއިންޓުން، ތާރީހީ މޮޅެއް ހޯދައިފި އެވެ.
ކުޅުނު ހަތަރު މެޗުން މޮޅުވެ އަށް ޕޮއިންޓާ އެކު އިންޑިއާ ޗެމްޕިއަންކަން ހޯދިއިރު ހަތް ޕޮއިންޓާ ދެ ވަނަ ހޯދީ ބަންގްލަދޭޝް އެވެ. ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ފަސް ޕޮއިންޓް ލިބުނުއިރު މެޗު ޕޮއިންޓް ތަފާތުން ތިން ވަނަ ހޯދީ ލަންކާ އެވެ. ރޭގެ މެޗުން ރާއްޖެ އިތުރަށް ތިން ޕޮއިންޓް ހޯދި ނަމަވެސް ރާއްޖެ އަށް ތިން ވަނަ ލިބުނީހެވެ. ރާއްޖެ ހަތަރު ވަނައިގައި ނިންމާލިއިރު ނޭޕާލް ދިޔައީ ފަސް ވަނަ އަށެވެ.
ބާސްކެޓްބޯޅައިގައި ރާއްޖޭން ފުރަތަމަ ފަހަރަށް ލަންކާ ބަލިކުރިއިރު އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ، 15 ޕޮއިންޓާ އެކު އަހުމަދު ޒަބީރެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޒުވާން ކުޅުންތެރިއާ ހުސެއިން ހަލީމް (ޗިކަނޭ) އެވެ. އޭނާ ވަނީ 13 ޕޮއިންޓް ހޯދައިދީފަ އެވެ. މި މެޗުގައި ރާއްޖެ އަށް 10 ޕޮއިންޓް އެއްކޮށްދިން އަބްދުﷲ އަމްޒަރު އަދި ރިޝްފާން ރަޝީދު ފަދަ ކުޅުންތެރިން ތަފާތު ދެއްކި އެވެ. އަދި މުޅި ޓީމު ލީޑުކޮށް، މުހައްމަދު ޒިލާލް ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޑިފެންސުގައި މުހިއްމު ދައުރެއް އަދާކުރި އަހުމަދު އަފްސަން ރަޝާދު ވެސް ވަނީ މުހިއްމު ވަގުތު ދެ ތުރީ ޕޮއިންޓް ރާއްޖެ އަށް ހޯދައިދީފަ އެވެ.
ރާއްޖޭގެ ޗިކަނޭ: މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒުވާނުންގެ މަރުކަޒުގައި ކުޅުނު މި މެޗުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ވަރުގަދަ ތަރުހީބެއް ޓީމަށް ވަނީ ލިބިފަ އެވެ. ފުރަތަމަ ކުއާޓަރު ރާއްޖޭން ކާމިޔާބުކުރީ 21-11 އިންނެވެ. ދެ ވަނަ ކުއާޓާރުގައި ރާއްޖޭން ވަނީ ލަންކާގެ މައްޗަށް ނަގާފައި އޮތް ލީޑު ދަމަހައްޓައިފަ އެވެ. އެގޮތުން މި ކުއާޓަރު ވެސް ނިންމާލީ 11 ޕޮއިންޓުގެ ފަރަގާ އެކު، 44-33 އިންނެވެ.
މެދަށް ހުއްޓުމަށް ފަހުން އަލުން ފެށިއިރު ލަންކާ ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން މި ކުއާޓަރުގައި އެ ޓީމުން ވަނީ ރާއްޖެއާ ކައިރިކޮށްފަ އެވެ. މި ކުއާޓަރުގައި ލަންކާ އިން 17 ޕޮއިންޓް އެއްކުރިއިރު ރާއްޖެ އަށް ހޯދުނީ 12 ޕޮއިންޓެވެ. އެއާ އެކު އެ ޓީމުން ކުއާޓަރު ނިންމާލީ ރާއްޖެއާ ހަ ޕޮއިންޓް ކައިރިން 56-50 ޕޮއިންޓުންނެވެ.
ނޭޕާލުގެ މައްޗަށް ވެސް ލީޑު ލިބިފައި އޮއްވާ ރާއްޖެ ބަލިވެފައިވާތީއާ އެކު ފަހު ކުއާޓަރަށް ދިވެހި ކުޅުންތެރިން ނުކުތީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ފައުލްތައް ގިނަވެ ރާއްޖެ އަށް މައްސަލަތަކެއް ދިމާވި އެވެ. ދެ ޓީމުން ވެސް މި ކުއާޓަރުގައި ހޯދީ 13 ޕޮއިންޓެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ލަންކާ އިން ވައްޓާލި ބާސްކެޓަކާ އެކު އެ ޓީމު ރާއްޖެއާ 69-63 ޕޮއިންޓަށް ކައިރިކުރި އެވެ. ބާކީ ހަތް ސިކުންތުގެ ތެރޭގައި ތުރީ ޕޮއިންޓެއް ވައްޓާލައިގެން ރާއްޖެ އަށް ތަފާތު ބޮޑުކޮށް ތިން ވަނަ ހޯދެން އޮތެވެ. އެކަމަކު ނަތީޖާއަށް ބަދަލެއް ނައިސް، އެ ތަފާތުގައި މެޗު ނިމިގެން ދިޔައީ ރާއްޖެ އަށް ތިން ވަނަ ނުލިބުނަސް ލަންކާ އަށް އަތުން ހޯދި ތާރީހީ މޮޅާ އެކު އެވެ.
އިންޑިއާ ކުޅުންތެރިންނާއި އޮފިޝަލުން ތަށި އުފުލާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންޑިއާ އިން ފަސް ވަނަ ފަހަރަށް ތަށި ޔަގީންކުރީ އިއްޔެ ހަވީރު ނޭޕާލް އަތުން 90-44 ޕޮއިންޓުން މޮޅުވެގެންނެވެ. އޭޝިއާގެ ބާސްކެޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އިންޑިއާ އިން މުބާރާތް ކާމިޔާބުކުރީ މާބޮޑު އުނދަގުތަލެއް ނެތި އެވެ. ފުރަތަމަ ދެ މެޗުގައި ރާއްޖެ އާއި ލަންކާ އިން އިންޑިއާ އަށް ވަރުގަދަ ފައިޓެއް ދިން ނަމަވެސް، އެ ޓީމާ އެންމެ ބޮޑަށް ވާދަކުރި ބަންގްލަދޭޝް އަތުން މޮޅުވީ ސެންޗަރީއަކާ އެކު 142-71 ޕޮއިންޓުންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޖަޕާން ލީގުގައި ކުޅޭ އިންޑިއާގެ އަމްރިތު ޕާލް ސިންހެވެ.
ރޭގެ މެޗަށް ފަހު މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ވަނީ ބާއްވައިފަ އެވެ. އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން، ރަނަރަޕް އަދި ތިން ވަނަ ޓީމަށް މެޑެއްޔާއި އިނާމް ދެއްވީ ޝަރަފްވެރި މެހެމާން ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމެވެ.
ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބިއްޖެ: ޒިލާލް
"ބައްޕަ"ގެ ހުވަފެނުގައި ކުޅުންތެރިން ކުލަ ޖައްސައިދީފި
ދިވެހި ކުޅުންތެރިންނަށް އިންޑިއާ ކޯޗުގެ ތައުރީފް
ގަދަ ދޭއްގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ
އިންޑިއާ އަށް މޮޅެއް، ރާއްޖޭން ވަރުގަދަ ފައިޓެއް ދީފި
ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް
ދިވެހި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް
"ސާބާ ޗެމްޕިއަންޝިޕަކީ ދިވެހި ބާސްކެޓުގެ އާ ފެށުމެއް"
ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި
ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުން ރާއްޖެ ކަޓައިފި