Roadha Mihaaru

ނޭޕާލު އަނދަނީ: ލީޑަރުންގެ ގެތަކުގައި ހުޅުޖަހައި މީހުންނަށް ވެސް ހަމަލާދެނީ

ނޭޕާލު ސަރުކާރާ ދެކޮޅަށް ޒުވާނުން ފަށާފައިވާ މުޒާހަރާ މިއަދު އަލުން ވަރުގަދަވެ މަގުތައް ފުރާލާފައި ވާއިރު ގާނޫނު ހަދާ މަޖިލީހުގެ މައި އިމާރާތާއި ބޮޑުވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވި ކޭޕީ ޝަރްމާ އޮލީގެ އަމިއްލަ ގެޔާއި ސިޔާސީ އެހެން ބައެއް މީހުންގެ ގެތަކުގައި ހުޅުޖަހަމުން އެބަދެ އެވެ.

ނޭޕާލު އަނދަނީ، ސިޔާސީ މީހުންގެ ގެތަކުގައި ހުޅުޖަހަނީ

ނޭޕާލު ސަރުކާރާ ދެކޮޅަށް ޒުވާނުން ފަށާފައިވާ މުޒާހަރާ މިއަދު އަލުން ވަރުގަދަވެ މަގުތައް ފުރާލާފައި ވާއިރު ގާނޫނު ހަދާ މަޖިލީހުގެ މައި އިމާރާތާއި ބޮޑުވަޒީރުކަމުން މިއަދު އިސްތިއުފާ ދެއްވި ކޭޕީ ޝަރްމާ އޮލީގެ އަމިއްލަ ގެޔާއި ސިޔާސީ އެހެން ބައެއް މީހުންގެ ގެތަކުގައި ހުޅުޖަހަމުން އެބަދެ އެވެ.

ސޯޝަލް މީޑިއާ މަނާކުރުމާ އެކު މުޒާހަރާތައް ފެށުނު ކަމުގައި ވިޔަސް މިހާރު ވަނީ ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަނާއި ފަސާދަ އާއި ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ކަންކަން ފަހިކޮށްފައި އޮތުމާއި ވަޒީފާގެ ދަތިކަން ފަދަ މައްސަލަތަކަށް މުޒާހަރާ ހާއްސަވެފަ އެވެ.

ނޭޕާލުގެ ޒުވާނުންގެ މުޒާހަރާގެ ބައިވެރިޔަކު ސަރުކާރާ ދެކޮޅަށް މިއަދު އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ނޭޕާލުގެ ޒުވާނުންގެ މުޒާހަރާގެ ބައިވެރިޔަކު ސަރުކާރާ ދެކޮޅަށް މިއަދު އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ޒުވާނުން އިއްޔެ ފެށި މުޒާހަރާ މުޅި ގައުމަށް ފުޅާވެ ހުރިހާ ފަންތިއެއްގެ މީހުން ބައިވެރިވާން ފަށާފައި ވާއިރު މިއަދު ދަނީ ސިޔާސީ އެކި ލީޑަރުންގެ ގެދޮރަށް ވެސް ވަދެގަނެ ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދެމުންނެވެ. އަދި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށް ވެސް ދަނީ ގެއްލުންދެމުންނެވެ. މަސްރަހު ހޫނުވެ ބޮޑުވަޒީރާއި އެތައް މިނިސްޓަރުންނެއް ވަނީ އިސްތިއުފާ ވެސް ދީފަ އެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ކޭޕީ ޝަރްމާ އޮލީގެ ގޭގައި ހުޅުޖަހާފައި

އިއްޔެ މުޒާހަރާ ހުއްޓުވަން ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުންކުރުމުން 19 މީހަކު މަރުވެ މައްސަލަ އިތުރަށް ހޫނުވެފައި ވަނިކޮށް މިއަދު މުޒާހަރާ ފެށީ ވެސް ކަތުމަންޑޫގައި ހުންނަ ގާނޫނުހަދާ މަޖިލިސް އިމާރާތުގެ ބަޔަކަށް ވަދެގަތުމާ އެކުގަ އެވެ. މަގުތަކުގައި ޓަޔަރާއި އެކި އެއްޗެހީގައި ހުޅުޖަހައި މަގުތައް ބަންދުކުރަމުން ދާއިރު ފުލުހުން ދަނީ ކަރުނަ ގޭސް ޖަހައި ކޮންޓްރޯލްކުރަން މަސައްކަތްކުރަމުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ސެކްރެޓޭރިއޭޓްގެ ތަރުޖަމާނު އެކްރަމް ގިރީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މަޖިލިސް އިމާރާތުގެ ތެރެއަށް އެތައް ސަތޭކަ ބަޔަކު ވަދެގަނެ މައި އިމާރާތުގައި ހުޅުޖަހާފައިވާ ކަމަށެވެ.

މި ހަމަނުޖެހުންތަކާ ހެދި ކަތުމަންޑޫ ޓްރިބުވާން އިންޓަނޭޝަނަލް އެއާޕޯޓްގެ ދަތުރުތައް ވެސް މެދުކަނޑާލާފައިވާ ކަމަށް ނޭޕާލްގެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެއާޕޯޓްގެ ހާލަތު ކަށަވަރުވާނެ މައުލޫމާތެއް އަދި ނެތެވެ.

ނޭޕާލުގެ ގާނޫނު ހަދާ މަޖިލިސް ކައިރިން މީހުން ދުރަށް ޖައްސަން ފުލުހުން ކަރުނަގޭސް ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

ނޭޕާލުގެ ގާނޫނު ހަދާ މަޖިލިސް ކައިރިން މީހުން ދުރަށް ޖައްސަން ފުލުހުން ކަރުނަގޭސް ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

އާބާދީ 30 މިލިއަނަށް އަރާ ނޭޕާލްގައި ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ފޭސްބުކާއި އެކްސް އާއި އިންސްޓަގްރާމާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނޭހެން 26 ޕްލެޓްފޯމެއް ބަންދުކުރި އެވެ. އެއީ އެ ޕްލެޓްފޯމްތައް ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް ނުހިންގޭނެ ކަމަށް ކޯޓުން ހުކުމް ކުރުމުންނެވެ. އެކަމަކު ހަމަނުޖެހުންތަކާ ހެދި މިހާރު ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.

މިދިޔަ ޖުލައި މަހު ނޭޕާލުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ހުއްދަކުރި އެވެ. އެއީ ނޭޕާލުގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ޓިކްޓޮކުން ބުނުމުންނެވެ.