Roadha Mihaaru

ކުރީގެ އުއްތަމަ ފަނޑިޔާރު ގައުމާ ހަވާލުވުމާ އެކު ނޭޕާލަށް ހަމަޖެހުމެއް

ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލުގައި ޒުވާނުން ކުރި ނުރައްކާތެރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުކަމުގެ މަގާމުން ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ އިއްޔެ ވަގުތީ ގޮތުން ސަރުކާރާ ހަވާލުވެ މަގާމުގެ ހުވާކުރެއްވުމާ އެކު ގައުމުގެ ހަލަބޮލިކަން ކުޑަވާން ފަށައިފި އެވެ.

އާ ބޮޑުވަޒީރާ އެކު ނޭޕާލަށް ހަމަޖެހުމެއް

ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލުގައި ޒުވާނުން ކުރި ނުރައްކާތެރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުކަމުގެ މަގާމުން ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ އިއްޔެ ވަގުތީ ގޮތުން ސަރުކާރާ ހަވާލުވެ މަގާމުގެ ހުވާކުރެއްވުމާ އެކު ގައުމުގެ ހަލަބޮލިކަން ކުޑަވާން ފަށައިފި އެވެ.

ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސުޝިލާ، 73، އިއްޔެ މަގާމުގެ ހުވާކުރައްވާފައި ވާއިރު ސިފައިން ވަނީ ކާފިއުތަކަށް ލުއި ދީ، މަގުތަކުން ސިފައިންނާއި ފުލުހުން މަދުކޮށްފަ އެވެ. އާންމުން ވެސް ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ފަށައި ފިހާރަތަކާއި އޮފީސްތައް ވަނީ ހުޅުވަން ފަށައިފަ އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާ އެކު މުޒާހަރާތައް ފެށުނަސް ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއަކަށް ބަދަލުވެ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ގާނޫނުހަދާ މަޖިލީހާއި ސިޔާސީ ބައެއް ބޭފުޅުންގެ ގެދޮރުގައި ވަނީ ހުޅުޖަހައިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 51 މީހަކު ވަނީ މަރުވެފަ އެވެ.

ނޭޕާލުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ސިފައިން މަގުމަތީގައި ފޯރިމަރަނީ: މިހާރު ވަނީ ގައުމު އާންމު ހާލަތަށް ބަދަލުވާން ފަށާފައި. -- ފޮޓޯ: އޭއެފްޕީ

ނޭޕާލުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ސިފައިން މަގުމަތީގައި ފޯރިމަރަނީ: މިހާރު ވަނީ ގައުމު އާންމު ހާލަތަށް ބަދަލުވާން ފަށާފައި. -- ފޮޓޯ: އޭއެފްޕީ

މިއީ އެތައް އަހަރެއްވީ ދާހިލީ ހަނގުރާމައަށް ފަހު 2008 ވަނަ އަހަރު ރަސްކަން އުވާލި ފަހުން ނޭޕާލްގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސަރުކާރެއް އުފެއްދުމުގެ ޒިންމާ މަތިކޮށް ސުޝިލާއާ ވަގުތީ ގޮތުން ވެރިކަން ހަވާލުކޮށްފައި ވާއިރު މިހާރު ވަނީ ގާނޫނުހަދާ މަޖިލިސް ވެސް އުވާލައިފަ އެވެ. އަދި މިހާރު ވަނީ މާޗް 5، 2026 ގައި އިންތިހާބު ބާއްވަން އިއުލާނުކޮށްފަ އެވެ.

މި ނިންމުންތަކަށް ފަހު މިއަދު ފެށުނު އިރު މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ހަމައަކަށް އެޅި، މާރުކޭޓުތައް ހުޅުވައި ޓްރެފިކް ވެސް ވަނީ ބާރު ބޮޑުވެފަ އެވެ. އަދި އާއިލާތައް އެކުގައި އެކި ތަންތަން ގޮސް އުޅުނެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރި ކަރްކީ އަކީ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި އިރު ވެސް އޭނާގެ މިނިވަންކަމާ މެދު އާންމުންގެ އިތުބާރު ބޮޑު ފަނޑިޔާރެކެވެ. ވަގުތީ ސަރުކާރު އޭނާއާ ހަވާލުކުރަން ނިންމީ މުޒާހަރާތައް ރޭވި ޒުވާނުންނާއި އަސްކަރީ ލީޑަރުންނާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި ކުރި މަޝްވަރާތަކަށް ފަހުގަ އެވެ. -- އޭއެފްޕީ