Roadha Mihaaru

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމުން ޒުވާނުން މުޒާހަރާޔަށް، ހަމަނުޖެހުން ހިނގައި 17 މީހަކު މަރު

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައާ ގުޅިގެން، ވެރިރަށް ކަތުމަންޑޫގައި ޒުވާނުން ނުކުމެ ކުރަން ފެށި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި މިއަދު 17 މީހަކު މަރުވެއްޖެ އެވެ.

ސޯޝަލް މީޑިއާ މަނާކުރުމާ ދެކޮޅު މުޒާހަރާގައި 17 މަރު

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައާ ގުޅިގެން، ވެރިރަށް ކަތުމަންޑޫގައި ޒުވާނުން ނުކުމެ ކުރަން ފެށި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި މިއަދު 17 މީހަކު މަރުވެއްޖެ އެވެ.

ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ނޭޕާލުގައި ވަނީ މަނާކޮށްފަ އެވެ. ރަޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ ހިންގުން މަނާކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ފަހު 26 ޕްލެޓްފޯމެއްގެ އެކްސެސް ވަނީ ކަނޑާލައިފަ އެވެ.

އެތައް ހާސް ބަޔަކު މުޒާހަރާގައި ބައިވެރި، ގާނޫނު ހަދާ މަޖިލިސް ކައިރިއަށް އެއްވުމަށް ފަހު ވަނީ ކަށިނަރު ޖަހައި ބަންދުކޮށްފައި އޮތް މަނާ ސަރަހައްދަކަށް ވެސް ވަދެގެންފަ އެވެ. އެއާ އެކު ފުލުހުން ރަބަރު އުންޑަ އާއި ކަރުނަގޭހާއި ފެން ޖަހައި އަދި މުގުރުން ހަމަލާދޭން ވެސް ފެށި އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގައުމުގައި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައިގައި ޒުވާނުން މިއަދު ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގަމުން ދިޔައިރު ފުލުހުން ޝީލްޑްތަކުން ހިމާޔަތް ހޯދަނީ. -- ފޮޓޯ: އޭއެފްޕީ

"މިހާ އުނދަގޫ މަންޒަރުތަކެއް ދުވަހަކުވެސް ހޮސްޕިޓަލަކުން ނުދެކެން،" މުޒާހަރާގެ ތެރެއިން ޒަހަމްވި ގިނަ ބަޔަކު ގެންދިޔަ ސިވިލް ހޮސްޕިޓަލްގެ އިންފޮމޭޝަން އޮފިސަރު ރަޖަން ނޭޕާލް ބުންޏެވެ.

"ހޮސްޕިޓަލް ސަރަހައްދަށް ވެސް ކަރުނަގޭހުގެ އަސަރުކޮށް، ޑޮކްޓަރުންނަށް މަސައްކަތްކުރަން ވެސް ދަތިވި،" އޭއެފްޕީއަށް އޭނާ ބުންޏެވެ.

ނޭޕާލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ވަނީ އަސްލު ވަޒަން ވެސް ބޭނުންކޮށްފަ އެވެ. އެކަމަކު އޭއެފްޕީއަށް މިކަން ކަށަވަރެއް ނުކުރެވެ އެވެ.

"ސަތާރަ މީހަކު ވަނީ މަރުވެފައި،" ކަތުމަންޑޫ ޕޮލިހުގެ ތަރުޖަމާނު ޝޭކަރް ޚަނާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު ސަތޭކައެއްހާ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ފުލުހުން ވެސް ހިމެނޭ ކަމަށެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގައުމުގައި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައިގައި ޒުވާނުން މިއަދު ކުރި މުޒާހަރާގެ ބައިވެރިންތަކެއް ގާނޫނު ހަދާ މަޖިލިސް އިމާރާތުގެ މައްޗަށް އަރައި. -- ފޮޓޯ: އޭއެފްޕީ

ހަމަނުޖެހުން ހިނގި ސަރަހައްދުގައި މިހާރު ވަނީ ކާފިއު ވެސް އިއުލާނުކޮށްފަ އެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގޭޓުތަކުން މައްޗަށް އަރައި ގެއްލުން ވެސް ދީފަ އެވެ.

ކަތުމަންޑޫގެ އިތުރުން އެހެން ބައެއް ސިޓީތަކުގައި ވެސް މުޒާހަރާކުރި އެވެ.

ނޭޕާލުގައި ވެސް އެތައް މިލިއަން ބަޔަކު ބޭނުންކުރާ އިންސްޓަގްރާމް ފަދަ އެތައް ޕްލެޓްފޯމެއް މަނާކޮށްފައި ވާއިރު މިއީ މުނިފޫހިފިލުވުމާއި ޚަބަރާއި މައުލޫމާތު ހޯދުމުގެ އިތުރުން ވިޔަފާރިއަށް ވެސް އެތައް ބަޔަކު ބޭނުންކުރާ ވަސީލަތްތަކަށް ވުމުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގައުމުގައި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައިގައި ޒުވާނުން މިއަދު ކުރި މުޒާހަރާގައި ޒަހަމްވި ފުލުހަކަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާއި ގައުމުގައި ކޮރަޕްޝަން އާންމުވެފައިވާ މައްސަލައިގައި ޒުވާނުން މިއަދު ކުރި މުޒާހަރާގައި ޒަހަމްވި ފުލުހަކަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެންނަށް ނުތިބެވިގެން މި ނުކުތީ ސޯޝަލް މީޑިއާ ބަންދުކުރުމުން. އެކަމަކު އަހަރެމެން ނުކުމެ މި ތިބީ ހަމައެކަނި އެ ސަބަބާ ހެދިއެއް ނޫން،" މުޒާހަރާއަށް ނުކުމެ ހުރި، އުމުރުން 24 އަހަރުގެ ޔުޖާން ރަޖުބަންދަރީ އޭއެފްޕީއަށް ބުންޏެވެ.

"އަހަރެމެން މި މުޒާހަރާކުރަނީ ނޭޕާލުގެ މުޅި ނިޒާމުގައި ކޮރަޕްޝަން އާންމުވެފައި ވާތީ."

ނޭޕާލްގައި ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް މަނާކޮށްފައި ވާއިރު މިދިޔަ ޖުލައި މަހު އެ ގައުމުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި ޓިކްޓޮކް މަނާކޮށްފައި އޮންނަތާ ނުވަ މަސް ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަލުން ހުއްދަކުރި އެވެ. އެއީ ނޭޕާލުގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ޓިކްޓޮކުން ބުނުމުންނެވެ. -- އޭއެފްޕީ