Roadha Mihaaru

އިޒްރޭލްގެ މިނިސްޓަރު ކާންސްގައި ދައްކާލި ހެދުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ

ކާންސް ފިލްމް ފެސްޓިވަލުން އަބަދުވެސް ވަރަށް ތަފާތު ހެދުންތައް ފެނެ އެވެ. ފެޝަން ޑިޒައިނަރުންގެ ކުޅަދާނަ ފަރުމާތަކާ އެކު، ބައެއް ފަހަރު ސެލެބްރިޓީން ލާ ހެދުންތައް ވަރަށް ބޮޑު ބަހުސެއްގެ ތެރެއަށް ވެސް ދެ އެވެ. ހާއްސަކޮށް އަންހެން ފަންނާނުންލާ ހެދުންތަކާ ގުޅިގެންނެވެ.

އިޒްރޭލްގެ މިނިސްޓަރުގެ ހެދުމަކީ "ފުރައްސާރައެއް"
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

19 މެއި 2017

ކާންސް ފިލްމް ފެސްޓިވަލުން އަބަދުވެސް ވަރަށް ތަފާތު ހެދުންތައް ފެނެ އެވެ. ފެޝަން ޑިޒައިނަރުންގެ ކުޅަދާނަ ފަރުމާތަކާ އެކު، ބައެއް ފަހަރު ސެލެބްރިޓީން ލާ ހެދުންތައް ވަރަށް ބޮޑު ބަހުސެއްގެ ތެރެއަށް ވެސް ދެ އެވެ. ހާއްސަކޮށް އަންހެން ފަންނާނުންލާ ހެދުންތަކާ ގުޅިގެންނެވެ.

ފްރާންސްގައި މިހާރު ކުރިއަށްދާ 70 ވަނަ ކާންސް ފިލްމް ފެސްޓިލްގައި ބުދަ ދުވަހު އިޒްރާއީލްގެ ކަލްޗަ އެންޑް ސްޕޯޓްސް މިނިސްޓަރު މިރީ ރެގޭވް ލައިގެން ހުރި ހެދުމަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ފިލްމް "އިސްމާއީލްސް ގޯސްޓް" ގެ ޕްރިމިއާ އަށް މިނިސްޓަރު ދިޔައީ ރަން ކުލަ އާއި ހުދު ކުލައިގެ ހެދުމެއްގަ އެވެ.

އެކަމަކު އެ ހެދުން އެތައް ބައެއްގެ ލޮލުގައި އަޅައިގަތީ، ޔަހޫދީން އަތްގަދަކޮށް އެ މީހުންގެ ތަނެއްގެ ގޮތުގައި ދައުވާ ކުރާ ފަލަސްތީންގެ ގުދުސްގެ މަލަމަތި ދައްކުވައިދޭ މަންޒަރުތަކެއް ހެދުމުގައި ފަސްބައިގައި ހުރުމުންނެވެ.

އެ ހެދުމުގައި މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަގްސާ އާއި އެ މިސްކިތް ހިމެނޭ ސަރަހައްދުގެ މަންޒަރުތައް ހިމެނެ އެވެ. މި ހެދުން ފަރުމާކޮށްފައި ވަނީ އިޒްރޭލްގެ ޑިޒައިނަރެއް ކަމަށްވާ އަވިއާޑް އެރިކް ހާމަން އެވެ.

މިފަދަ ހެދުމެއް މިނިސްޓަރު ބޭނުންކުރީ އިޒްރޭލާއި ފަލަތީސްނާ ދެމެދު 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމަ އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކަމަށްވެ އެވެ.

އެ ހެދުމާ ބެހޭ ގޮތުން މިނިސްޓަރު މިރީ، 51، ބުނީ ތާރީހީ ދުވަހެއް ފާހަގަކުރަން އެފަދަ ހެދުމެއް ލާން ފުރުސަތު ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ.

ޕާކިސްތާންގެ ލިޔުންތެރިޔާ ބިނާ ޝާހް މިނިސްޓަރުގެ ހެދުމާ ބެހޭ ގޮތުން ޓްވީޓްކޮށްފައި.

"ތާރީހީ މުނާސަބަތެއް ފާހަގަ ކުރަން އަހަރެމެންގެ އަސްލު ވެރި ރަށް ކަމަށްވާ ޖެރޫސަލަމްގެ މަންޒަރުތަކެއް ހިމެނޭ ހެދުމެއް ލާން ފުރުސަތެއް ލިބުމަކީ އަޅުގަނޑު އެހާމެ ބޮޑަށް ފަހުރުވެރިވާ އަދި އެހާމެ ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމެއް،" ޓައިމްސް އޮފް އިޒްރާއީލަށް މިނިސްޓަރު ބުނެފައިވެ އެވެ. "މިފަދަ ހެދުމެއް ފަރުމާކޮށް ދިނީތީ ޑިޒައިނަރަށް ޝުކުރު ވެސް އަދާ ކުރަން."

ކާންސްގައި މިނިސްޓަރުގެ ހެދުން ދައްކައިލުމާ އެކު، ސޯޝަލް މީޑިއާގައި ވަނީ އެ ހެދުމަށް ފާޑު ކިޔުންތައް ވަރަށް ބޮޑަށް އޮއްސާލައިފަ އެވެ.

އެގޮތުން ބައެއް މީހުން ބުނެފައި ވަނީ އެއީ މުސްލިމުންގެ ބިންތައް ފޭރިގަނެގެން އުޅޭ ޔަހޫދީން ފަލަސްތީނަށާއި އެ ގައުމުގެ މުސްލިމު ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.

މިނިސްޓަރުގެ އެ ހެދުން ބައެއް މީހުން ފޮޓޯޝޮޕްކޮށްގެން ވެސް ސޯޝަލް މީޑިއާގައި ދައުރު ކުރި އެވެ.

އޭގެ ތެރޭގައި ފަލަސްތީންގެ ގާޒާގައި އިޒްރޭލުން ގަވައިދާ ހިލާފަށް ރާނާފައިވާ ބޮޑު ފާރުގެ މަންޒަރު ހެދުމުގެ ފަސް ބައިގައި ހިމަނައިގެން ހަދާފައިވާ ފޮޓޯތަކެއް އިންޓަނެޓްގައި މިހާރު ވެސް އަންނަނީ ދައުރުވަމުންނެވެ.