Roadha Mihaaru

މި އަހަރު ކާންސް ފިލްމު ފެސްޓިވަލް އޮންނާނެ

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ކާންސް ފިލްމު ފެސްޓިވަލް ނުބޭއްވި ނަމަވެސް މި އަހަރުގެ ފެސްޓިވަލް ކުރިއެކޭ އެއްގޮތަށް ކުލަގަދަކޮށް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މި އަހަރު ކާންސް ފިލްމު ފެސްޓިވަލް އޮންނާނެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

13 ޖޫން 2021

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ކާންސް ފިލްމު ފެސްޓިވަލް ނުބޭއްވި ނަމަވެސް މި އަހަރުގެ ފެސްޓިވަލް ކުރިއެކޭ އެއްގޮތަށް ކުލަގަދަކޮށް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ފްރާންސްގައި ބާއްވާ ކާންސް ފިލްމު ފެސްޓިވަލަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލްގެ ތެރެއިން އެއް ފެސްޓިވަލެވެ. މިދިޔަ އަހަރު ބާއްވަން އުޅުނު 73 ވަނަ ފެސްޓިވަލް މި އަހަރަށް ފަސްކުރުމަށް ފަހު މި އަހަރު ބާއްވާނީ އަންނަ މަހުގެ 6-17 އަށެވެ.

އެކަމަކު ކުރިއާ ހިލާފަށް މި އަހަރުގެ ފެސްޓިވަލްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ފިލްމީ ދާއިރާގެ މީހުންގެ އަދަދު މަދުވާނެ އެވެ. އެއީ އަދިވެސް ކޮވިޑްގެ ވަބާގެ ތެރޭގައި ދުނިޔެ އޮތުމާއި ގައުމުތަކުގައި ދަތުރުފަތުގެ ހާލަތު އޮތް ގޮތާއި އަޅާފައި ހުރި ފިޔަވަޅުތަކާ ހެދި އެވެ.

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ހުޅުވައިދޭނީ އެޑަމް ޑްރައިވާ އާއި މެރިއޯން ކޮޓިލާޑްގެ މިއުޒިކަލް "އެނެޓް" އެވެ.

ފެސްޓިވަލްގައި ރަސްމީކޮށް ވާދަކުރާ ފިލްމުތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ޖުމްލަ 24 ފިލްމު ރަސްމީކޮށް ވާދަކުރާ ފެސްޓިވަލްގެ ޖޫރީ ހެޑަކީ މަޝްހޫރު ޑައިރެކްޓަރު ސްޕައިކް ލީ އެވެ. ވާދަކުރާ ކެޓަގަރީގެ އިތުރުން ވެސް އިތުރު ކެޓަގަރީތަކުން ގިނަ އަދަދެއްގެ ފިލްމުތައް ކާންސްގައި ދައްކާނެ އެވެ.

މި އަހަރުގެ ފެސްޓިވަލްގައި މަޝްހޫރު ބަތަލާ ޖޮޑީ ފޮސްޓާ، 58، ފިލްމީ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފުގެ އެވޯޑް ޕާމް ޑިއޯ ދޭނެ އެވެ.

ކާންސް ފިލްމު ފެސްޓިވަލް ބާއްވަމުން އަންނަނީ 1946 އިން ފެށިގެންނެވެ.