Roadha Mihaaru

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި

ކޮރޯނާޗައިރަހުގެ ބިރު ބޮޑުވެފައި ވާތީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި އެވެ.

ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

21 މާޗް 2020

ކޮރޯނާޗައިރަހުގެ ބިރު ބޮޑުވެފައި ވާތީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި އެވެ.

ކާންސް ފިލްމު ފެސްޓިވަލްގެ ޑިރެކްޓަރު ތިއެރީ ފްރެމޯޒް މިދިޔަ ހަފުތާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރު ބާއްވާ 73 ވަނަ ކާންސް ފިލްމު ފެސްޓިވަލް ބޭއްވުމާ މެދު އަންނަ މަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށްގެން އަންނަ މަހުގެ 16 ގައި ނޫސް ކޮންފަރަންސެއް ވެސް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ކޮރޯނާވައިރަހުގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، ނޫސް ކޮންރެންސް ވެސް ނުބާއްވަން ނިންމައި ހުކުރު ދުވަހު ވަނީ ފެސްޓިލް ނުބާއްވާނެކަން އިއުލާންކޮށްފަ އެވެ. މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 12-23 އަށެވެ.

ނަމަވެސް ކޮރޯނާވައިރަސް ފެތެރެމުންދާތީ މި ހާލަތަކީ ފެސްޓިވަލް ބާއްވަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށާއި މި ދަނޑިވަޅުގައި އެންމެ މުހިއްމީ އާންމު ސިއްހީ ރައްކާތެރިކަން ކަމަށް ކާންސްގެ އިންތިޒާމު ކޮމިޓީން ބުންޏެވެ.

އޭގައި ބުނީ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ފެސްޓިވަލް މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ބޭއްވިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ފެސްޓިވަލްގެ ޖޫރީ ރައީސް އަދި މަޝްހޫރު ޑައިރެކްޓަރު ސްޕައިކް ލީ ވެސް ވަނީ މި ދަނޑިވަޅުގައި ފެސްޓީވަލް ނުބޭއްވުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށާއި މިއީ ހުރިހާ އެންމެންނަށް ވެސް ވަރަށް ދަތި ހާލަތެއް ކަމަށް ބުނެފަ އެވެ.

ފްރާންސްގެ ކާންސްގައި ބާއްވާ ކާންސް ފިލްމު ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ބާއްވާ ފިލްމީ ދާއިރާގެ އެންމެ ނުފޫޒު ގަދަ އެއް ފެސްޓިވަލެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ޖަމާވާ ފެސްޓިވަލެކެވެ.