Roadha Mihaaru
ނިޔާމަ ވިއްކާލުމުގެ ނުބައި އަސަރު އެމްޓީޑީސީ އަށް

ނިޔާމަ ވިއްކާލުމުގެ ނުބައި އަސަރު އެމްޓީޑީސީ އަށް ކޮށްފި

17 މެއި 2017

ދ. އަތޮޅުގައި އޮންނަ ނިޔާމަ މޯލްޑިވްސް ރިސޯޓް ވިއްކާލުމުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ލިބުނު އާމްދަނީ ދަށްވެ، ފައިދާ ވެސް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދ. އަތޮޅުގައި އޮންނަ ނިޔާމަ މޯލްޑިވްސް ރިސޯޓް ވިއްކާލުމުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ލިބުނު އާމްދަނީ ދަށްވެ، ފައިދާ ވެސް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވީ މިދިޔަ ކުއާޓަރުގައި އާމްދަނީ ދަށްވީ ކުރިން އާމްދަނީ ލިބެމުން ދިޔަ އެ ކުންފުނީގެ ރިސޯޓް ނިޔާމަ ވިއްކާލުމުން ކަމަށެވެ. އެމްޓީޑީސީ އަށް ދިން އެނބޫދޫފުއްޓާއި އޮޅުވެލީގައި އޯ ޕްލަސް އީ ހޮލްޑިންގެ ފަރާތުން ތަރަައްގީކޮށް ހިންގަމުން އައި ނިޔާމަ މޯލްޑިވްސް އެ ކުންފުންޏަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން އެމްޓީޑީސީން ނިންމީ މިދިޔަ އޯގަސްޓް 16 ގަ އެވެ. "މިދިޔަ އަހަރުގެ ނިޔާމަ ވިއްކާލުމުން އެތަނުން ލިބޭ އާމްދަނީއެއް ނުލިބޭނެ. އެއީ މިދިޔަ ކުއާޓަރަށް ވުރެ އާމްދަނީ އެހާ ބޮޑަށް ދަށްވި މައިގަނޑު ސަބަބަކީ،" ޝިޖާއު ވިދާޅުވި އެވެ.

ނިޔާމަ ވިއްކާލީ އެމްޓީޑީސީ އަށް ސަރުކާރުން ދީފައި ހުރި ރަށްރަށުގެ ކުއްޔަށް ދައްކަން ޖެހި ނުދެއްކި އޮތް ފައިސާ ހަލާސްކުރުމުގެ އިތުރުން، ރައްޔިތުން ހިއްސާވާ ކުންފުނީގެ ވިޔަފާރި މޮޑެލް ބަދަލުކުރުމުގެ މަގުސަދުގައި ކަމަށް، އެމްޓީޑީސީގެ ބޯޑުން ބުނެފައިވެ އެވެ.

ބޯޑުން އޭރު ބުނެފައި ވަނީ މި އަހަރު ތެރޭގައި އަމިއްލައަށް ރިސޯޓެއް ތަރައްގީކުރަން މަގުފަހިވެގެންދާނެ ކަމަށެވެ. ނަމަވެސް ރިސޯޓް ތަރައްގީކުރުމުގެ އެފަދަ އެއްވެސް މަސައްކަތެއް އަދި ފަށާފައެއް ނުވެ އެވެ.

ފުރަތަމަ ކްއާޓަރުގެ އާމްދަނީ 2.6 މިލިއަން ޑޮލަރު

ޓޫރިޒަމްގެ ވިޔަފާރިން އާއްމުންނަށް ފައިދާ ހޯދައިދޭން އުފެއްދި ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ލިބުނީ 2.6 މިލިއަން ޑޮލަރެވެ. އަދި ފައިދާގެ ގޮތުގައި ލިބުނީ 424،546 ޑޮލަރު (6.5 މިލިއަން ރުފިޔާ) އެވެ.

އެ ކުންފުނިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބުނެވެ. އަދި ފައިދާ އުޅުނީ 5.8 މިލިއަން ޑޮލަރު (89.4 މިލިއަން ރުފިޔާ) ގަ އެވެ.

މިދިޔަ ކުއާޓަރުގައި ވިޔަފާރިކުރަން 946،00 ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށް ވުރެ 246،816 ޑޮލަރު އިތުރު އަދަދެކެވެ.

ޝިޖާއު ވިދާޅުވީ ވިޔަފާރިކުރުމަށް ހޭދަކުރި މިންވަރު އިތުރުވީ އެކައުންޓިން މިންގަނޑުތަކާ އެއްގޮތަށް ޕްރޮވިޝަން ހެދުމުން ކަމަށެވެ.