Roadha Mihaaru
އެމްޓީޑީސީން ހިއްސާ އަކަށް 60 ލާރި ބަހަނީ

އެމްޓީޑީސީން ހިއްސާ އަކަށް 60 ލާރީގެ މަގުން 20 މިލިއަން ރުފިޔާ ބަހަނީ

21 ޖުލައި 2024

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޓީޑީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.

މެންހަޓަން ބިޒްނަސް ހޮޓެލްގައި މިރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ގޮތަށް ފާސްކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ 99 ޕަސެންޓު ވޯޓުންނެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ވޯޓު ދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ވޯޓު ދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހިއްސާދާރުންނަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހާނެ އެވެ. އެ ކުންފުނިން މިދިޔަ ދެ އަހަރު ވެސް ހިއްސާއަކަށް ބަހާފައި ވަނީ 60 ލާރި އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ ވަނީ 6.7 މިލިއަން ޑޮލަރު (103 މިލިއަން ރުފިޔާ) ދަށްވެފަ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނު 7.3 މިލިއަން ޑޮލަރާއި (113 މިލުއަން ރުފިޔާ) އަޅާބަލާއިރު މިއީ 9 ޕަސެންޓު ދަށް އަދަދެކެވެ. އެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މި ދިޔަ އަހަރު ލިބުނީ 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 2.5 މިލިއަން ޑޮލަރާއި(38 މިލިއަން ރުފިޔާ)އާ އަޅާބަލާއިރު 41 ޕަސެންޓުގެ ދަށްވުމެކެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން މަޝްވަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން މަޝްވަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކުންފުނީގެ އާމްދަނީ ދަށްވީ ހދ. ނާގޮށީގެ ސަބްލީސް އުވާލުމާއި ގުޅިގެންނެވެ. އަދި ސާފު ފައިދާ ދަށްވީ ޑިފާޑް ޓެކްސް ދަރަނި އިތުރުވެފައި ވާތީ އެވެ.

އެމްޑީޓީސީ އަށް 11 އަހަރަށް ފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރު އެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ. އެމްޓީޑީސީ އަށް އާމްދަނީ ލިބެނީ ޓޫރިޒަމްގެ ބޭނުންތަކަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދީގެންނެވެ.