Roadha Mihaaru
ޓީ ޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އަޅަނީ

ރޯދައަށް ހާއްސަކޮށްގެން ޓީ ޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އަޅަނީ

15 މެއި 2017

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން، ޓީ ޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށްގެން، ޓީ ޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމައިފި އެވެ.

އެގްރިކަލްޗަ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ގިނަ އަދަދެއްގެ ތަކެތި ދަނޑުވެރިން މާލެ ގެންނަ ކަމަށާއި އޭގެ ސަބަބުން ދަތުރުވެރިންގެ މާރުކޭޓަށް ވަރަށް ބާރުބޮޑުވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތަކެތި ވިއްކަން ޖެހުމުން ދަނޑުވެރިންނާއި ދަތުރުވެރިންގެ އިތުރުން ވިޔަފާރިކުރާ މީހުންނަށް ވެސް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހޭ ކަމަށް ބުންޏެވެ.

މިކަން ހައްލު ކުރުމުގެ ގޮތުން އެ މިނިސްޓްރީން ނިންމާފައިވަނީ މާލޭ ހުޅަނގު ފަރާތު ބަނދަރު ނުވަތަ ޓީ ޖެޓީ ސަރަހައްދުގައި، ވަގުުތީ މާރުކޭޓެއް އަޅައި، އެއްޗެހި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެގްރިކަލްޗާއިން ބުނިގޮތުގައި އެތަނުގައި ވިއްކާނީ ހަމައެކަނި ދިވެހި އުފެއްދުންތަކެވެ. ތަން ކުއްޔަށް ދެނީ ވެސް ހަމައެކަނި ދިވެހިންނަށް ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހޯދަން ރަށު ކައުންސިލްތަކަށް ވެސް ރޯލެއް އަދާކުރެވެ އެވެ. އެގޮތުން މިދިއަ ރޯދަމަހު އެރަށަކުން ބޭރުކުރި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަންދާސީ މިންވަރެއް ހުށަހަޅަން ޖެހެ އެވެ.

ވަގުތީ މާރުކޭޓުން ޖާގަ ހޯދުމުގެ ފުރުސަތު ވަކިިވަކި ދަނޑުވެރިންނަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.