Roadha Mihaaru
ކާށިހުޅުދޫ އަތުލި މައްސަލާގައި ބަދަލު ދޭކަށް ނުޖެހުނު

ކާށިހުޅުދޫ އަތުލި މައްސަލާގައި 74 މިލިއަންގެ ބަދަލު ދޭކަށް ނުޖެހުނު

30 އޮކްޓޯބަރ 2022

ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ދޫކުރި ގދ. ކާށިހުޅުދޫ ސަރުކާރުން އަތުލި މައްސަލައިގައި 74 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ދޫކުރި ގދ. ކާށިހުޅުދޫ ސަރުކާރުން އަތުލި މައްސަލައިގައި 74 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސަނީ ފާމް ކިޔާ ކުންފުންޏަކަށް 2013 ވަނަ އަހަރު ސަރުކާރުން ކާށިހުޅުދޫ ކުއްޔަށް ދޫކޮށްފައި ވަނިކޮށް، އެ ތަން ސަރުކާރުން އަތުލީ 2020 ވަނަ އަހަރު އެވެ. އެއީ އެ ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ނުކުރާ ކަމަށް ބުނެ އެވެ. އެކަމަކު އެ ކުންފުނިން ބުނާގޮތުން މަސައްކަތްތައް ކުރިއަށް ނުގެންދެވުނީ ކާށިހުޅުދޫގައި ތިން ވަނަ ފަރާތެއް އުޅޭތީ އެވެ.

އެ މައްސަލައިގައި 4.8 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސަނީ ފާމުން ސިވިލް ކޯޓަށް ހުށަހެޅުމުން މިދިޔަ ބުދަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ވަނީ އެ ރަށުގައި ތިން ވަނަ ފަރާތެއް އުޅެމުންދާތީ، އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ކުންފުންޏަށް ހުރަސް އެޅިފައިވާ ކަމަށް ބުންޏަސް، އެފަދަ ހާލަތުތަކުގައި އަމަލުކުރަންޖެހޭ ގޮތަށް އެއްބަސްވުމާ ހިމަނާފައިވާ އިޖުރައާތުތައް އެ ކުންފުނިން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ސަރުކާރުން ކާށިހުޅުދޫ އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ގެއްލުމުގެ ބަދަލަށް ފައިސާ ނަގައިދޭން ސަނީ ފާމުން އެދުނަސް، އެ ކުންފުނިން ހުށަހެޅި ލިޔުންތަކުން އެ އަދަދުތަކަށް ވާސިލްވި ގޮތެއް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެ ލިޔުންތަކަށް ބާރުދޭނެ ހެއްކެއް ނެތީސް، ހަމައެކަނި ރިޕޯޓަށް ބިނާކޮށް ބަދަލު ނަގައި ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.