Roadha Mihaaru
މަޝްހޫރު ބައެއް ބްރޭންޑްތަކުން އެއާޕޯޓަށް ޝައުގުވެރި

އެއާޕޯޓުގައި ރެސްޓޯރަންޓް ހިންގަން މަޝްހޫރު ބައެއް ބްރޭންޑްތަކުން ޝައުގުވެރިކަން ފާޅުކޮށްފި

09 މެއި 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކެފޭ، ރެސްޓޯރަންޓް ހިންގަން ދުނިޔޭގެ އެންމެ މަޝްހޫރު ބައެއް ބްރޭންޑްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކެފޭ، ރެސްޓޯރަންޓް ހިންގަން ދުނިޔޭގެ އެންމެ މަޝްހޫރު ބައެއް ބްރޭންޑްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓުގެ ވޯޓާ ފްރަންޓްގައި ހަދާ އިމާރާތުގައި ރެސްޓޯރަންޓާއި ކެފޭ ފަދަ އައުޓްލެޓް ހިންގަން ބިޑްތައް ލިބިފައިވާ ކަމަށެވެ. އަދި އެ ބްރޭންޑްތަކާ އެކު މި އަހަރުގެ ފަހުކޮޅު އެތަން ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ ގިނަ ބްރޭންޑްތައް ލިބިފައި އެބަހުރި. ބައެއް ބްރޭންޑްތައް ގެންނަން ވަކި ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭ. އެހެންވެ އެކަންތައްތައް ފުރިހަމަކުރުމަށް ފަހު އެ ފަރާތްތަކާ ވާހަކަދައްކަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެއާޕޯޓުގެ އާ ފުޑްކޯޓު ހުޅުވާނީ ކުރިން އިއުލާންކުރި ގިނަ ބްރޭންޑްތަކާ އެކު ކަމަށެވެ.

"އަޅުގަނޑުމެން އެތަން ހުޅުވާނީ އޭރު އިއުލާންކުރި ގިނަ ބްރޭންޑްތަކާ އެކު. އާއްމުންގެ މެދުގައި މަގުބޫލް ގިނަ ބްރޭންޑްތައް އަންނާނެ ކަމުގެ އުއްމީދު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ރެސްޓޯރަންޓާއި ކެފޭ ހިންގަން ހަދާ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެއާޕޯޓުން ފުރާ ފެރީތަކަށް ހާއްސަ ސަރަހައްދުގައި ހަދާ އިމާރާތުގައި ބޭނުންކުރާ ޕްރީފެބް ބައިތައް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން އޭރު ހުޅުވާލީ ކޮފީ ކޮންސެޕްޓަށް ކެފޭއެއް ހިންގަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮފީ ބްރޭންޑް، އެމެރިކާގެ ސްޓާ ބަކްސް އަށާއި ޑޯނަޓާއި ޕޭސްޓްރީ ވިއްކާ ތަނެއް ހިންގަން މަޝްހޫރު "ޑަންކިން ޑޯނަޓްސް" އަށާއި "ކްރިސްޕީ ކްރީމް" އަށާއި ކެޝުއަލް ޑައިނިން އަށް މަޝްހޫރު ނަންޑޯސް އަދި ހާޑްރޮކް ކެފޭ އަށާއި ފާސްޓް ފުޑް ވިއްކުމަށް ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ނުވަތަ މެކްޑޮނަލްސް އަށެވެ. މީގެ އިތުރުން ޕިއްޒާ އަށް ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓަށް ހުޅުވާލިއިރު އައިސް ކްރީމް ވިއްކުމަށް ހާގެންޑާޒް ނުވަތަ ބާސްކިން ރޮބިންސް އަށް ފުރުސަތު ދީފައިވެ އެވެ.

އިއުލާނުގައިވާ ގޮތުން ސްޓާބަކްސް ކޮފީ ޝޮޕެއް ހިންގަން 231 އަކަމީޓަރުގެ ސަރަހައްދެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޑޯނަޓް ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރު، ކެޝުއަލް ޑައިނިން އަށް 302 އަކަމީޓަރު، ފާސްޓްފުޑް ކޮންސެޕްޓް ރެސްޓޯރަންޓަކަށް 171 އަކަމީޓަރު، ޕިއްޒާ ވިއްކަން 99 އަކަމީޓަރު އަދި އައިސްކްރީމް ވިއްކަން 14 އަކަމީޓަރުގެ ސަރަހައްދު ހަމަޖައްސާފައިވެ އެވެ.

އެފްއެންޑްބީ އައުޓްލެޓުތައް ހަދާއިރު، އެމްއޭސީއެލް އިން އަންނަނީ އާ ޓާމިނަލާ ދިމާވާނެ ގޮތަށް އާ ޖެޓީތަކެއް ހަދަމުންނެވެ. އޭގެ ތެރެއިން ބައެއް ޖެޓީތައް މިހާރު ވަނީ ބޭނުންކުރަން ވެސް ފަށައިފަ އެވެ. އެއާޕޯޓުގައި މިހާރު ވެސް ބޭރުގެ ބޮޑެތި ބައެއް ފްރެންޗައިޒް ރެސްޓޯރަންޓުތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބާގާ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އިތުރުން، ދަ ޕިއްޒާ ކޮމްޕެނީ އަދި ޑެއިރީ ކުއީން ހިމެނެ އެވެ.