Roadha Mihaaru
ފުރަތަމަ ލެގުން ޔުނައިޓެޑަށް ހަނި މޮޅެއް

ފުރަތަމަ ލެގުން ޔުނައިޓެޑަށް ހަނި މޮޅެއް

05 މެއި 2017

ވީގޯ، ސްޕެއިން (މެއި 5) - ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ސެލްޓާ ވީގޯ އަތުން 1-0 އިން މޮޅުވެ މުބާރާތުގެ ފައިނަލާ ގާތަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވީގޯ، ސްޕެއިން (މެއި 5) - ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ ސެލްޓާ ވީގޯ އަތުން 1-0 އިން މޮޅުވެ މުބާރާތުގެ ފައިނަލާ ގާތަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފި އެވެ.

އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިން ނެތި ކުޅުނު ޔުނައިޓެޑަށް މި މެޗުގައި ހަމައެކަނި ލަނޑު ޖަހައިދިނީ 67 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ. ރަށުން ބޭރުގައި ޖެހި މި ލަނޑާ އެކު އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނުކުންނައިރު ޔުނައިޓެޑަށް ފައިދާ ބޮޑުވާނެ އެވެ. ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ޔުނައިޓެޑް އަތުން ވަނީ ބޭކާރުވެފަ އެވެ. އެކަމުގެ ޝުކުރު ހައްގުވަނީ ސެލްޓާގެ ގޯލްކީޕަރު ސާޖިއޯ އަލްވަރޭޒަށެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ނަތީޖާ ރަނގަޅު ނޫން ކަމަށެވެ. ފުރަތަމަ ހާފު ނިމުނުއިރު އޭނާގެ ޓީމު އޮންނަން ޖެހޭނީ ތިން ލަނޑު ނުވަތަ ދެ ލަނޑުގެ ލީޑެއްގައި ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ރަނގަޅު ނަތީޖާއެއް ނެރެވޭ ފެންވަރަށް ކުޅުނު،" މޮރީނިއޯ ބުންޏެވެ.

މި ވަގުތު ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ބޭރުގައި އޮތް ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން އޮތް އެންމެ ފަސޭހަ މަގަގަކީ މި މުބާރާތް ކާމިޔާބުކުރުމެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރަތަމަ ލެގުގައި ނެދަލެންޑްސްގެ އަޔަކްސް ވަނީ ފްރާންސުގެ އޮލިމްޕިކް ލިޔޯން އަތުން 4-1 އިން މޮޅުވެފަ އެވެ.