Roadha Mihaaru
ރަޝްފޯޑް ޔުނައިޓެޑްގައި މަޑުކުރާނެ: ޓެން ހަގް

ރަޝްފޯޑް ޔުނައިޓެޑްގައި މަޑުކުރާނެ: ޓެން ހަގް

20 މެއި 2023

މެންޗެސްޓާ (މެއި 20) - މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު އެކެޑަމީ އިން ތަމްރީނުވެ، އެ ކްލަބުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރަޝްފޯޑް ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށް އެޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެންޗެސްޓާ (މެއި 20) - މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު އެކެޑަމީ އިން ތަމްރީނުވެ، އެ ކްލަބުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރަޝްފޯޑް ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށް އެޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ޔުނައިޓެޑުން އަންނަނީ ރަޝްފޯޑަށް އާ އެއްބަސްވުމެއް ދީ ކްލަބުގައި މަޑުކުރުވަން މަސައްކަތް ކުރަމުންނެވެ. ރަޝްފޯޑް މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ ގެންދަން ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ވެސް ޝައުގުވެރިވެ އެވެ.

ރަޝްފޯޑް، 25، ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޔުނައިޓެޑަށް 29 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

"ރަޝްފޯޑްގެ އެއްބަސްވުން އާކުރަން ވަގުތު ނަގާކަން އެނގޭ. އެކަމަކު އެއީ ޕްރޮސެސް އެއް. މިވަގުތު ޓީމަށް އެކަމަށް ވުރެ މުހިއްމީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރުން،" ރަޝްފޯޑްގެ އާ އެއްބަސްވުމާ ގުޅޭގޮތުން ސުވާލުކުރުން ޓެން ހަގް ބުނެފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް މިއަދު ނުކުންނާނީ ރަށުން ބޭރުގައި ބޯންމަތާ ދެކޮޅަށެވެ. އަނިޔާއިން ރަނގަޅުވެ ރަޝްފޯޑް މިހާރު އަންނަނީ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެކަމަކު ބަލިވެ އުޅޭތީ މިރޭގެ މެޗުގައި ރަޝްފޯޑް ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ޓެން ހަގް ބުނީ ރަޝްފޯޑްގެ އަމާޒަކީ ސީޒަން ނިމުމުގެ ކުރިން ގިނަ ގޯލުތަކެއް ޖެހުން ކަމަށެވެ.

"ރަޝްފޯޑް ބޭނުންވަނީ މަޑުކުރަން، ޔުނައިޓެޑް ވެސް ބޭނުންވަނީ އެގޮތް. އެހެންވީމަ އެކަމުގައި ކޮންމެވެސް ރަނގަޅު ގޮތެއް ހޯދޭނެ" ރަޝްފޯޑް ހުންނާނެ ކަމުގެ ޔަގީންކަން ދެމުން ޓެން ހަގް ބުނެފައިވެ އެވެ.

ޓެން ހަގްގެ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑް ވަނީ އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ. އެފްއޭ ކަޕްގެ ފައިނަލުގައި އެޓީމު ވާދަކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.

ލީގުގައި ޔުނައިޓެޑް މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެން އެޓީމަށް ގަދަ ހަތަރެއް ޔަގީންކުރެވޭނެ އެވެ. ޔުނައިޓެޑްގެ ފަހަތުން ގަދަ ހަތަރަކަށް އެރުމަށް މަސައްކަތްކުރަނީ ލިވަޕޫލް އެވެ.