Roadha Mihaaru
މާލޭގައި މީހުން ވަޅުލާން މިރޭ އަލުން ފަށަނީ

މިރެއިން ފެށިގެން މާލޭގައި މީހުން ވަޅުލާން އަލުން ފަށަނީ

04 މެއި 2017

މާލޭގައި މީހުން ވަޅުލާން އަލުން ފަށާ ގޮތަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގައި މީހުން ވަޅުލާން އަލުން ފަށާ ގޮތަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން މިރޭ ދަންވަރު 12 އިން ފެށިގެން ވަޅުލާނީ މާލޭގެ އާސަހަރާގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާސަހަރާގައި ވަޅުލާ ގޮތަށް ނިންމީ އަންނަ ރޯދަމަހާ ގުޅިގެން، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. އަދި ރޯދައިގެ ފަހުން ވެސް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ މާލޭގެ އާސަހަރާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އަނެއްކާވެސް މާލޭގައި ވަޅުލާ ގޮތަށް ނިންމިއިރު، މިދިޔަ މަހުގެ އެކަކުން ފެށިގެން ވަޅުލަމުން އައީ ހުޅުމާލޭގެ ގަބުރުސްތާނުގަ އެވެ. އެ ކަމަށްޓަކައި ހުޅުމާލޭގެ ގަބުރުސްތާނުގައި ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެކަމަކު މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލުމަށް ހުޅުމާލެ އަށް ގެންދިއުމުގައި ދިމާވާ ތަކުލީފުތަކާ ހެދި އާންމުންގެ ޝަކުވާ އިންތިހާ އަށް އޮތެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އައީ ހުޅުމާލޭގެ ސަހަރާގައި މީހުން ވަޅުލުމަށް ނިންމި ނިންމުން ދިފާއު ކުރަމުންނެވެ.

މާލޭގެ ހުރިހާ ސަހަރާއެއްހެން މިހާރު ފުރިފައި ވާއިރު، އާސަހަރާގައި ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފަސް އަޅައި، މަތިމައްޗަށް މީހުން ވަޅުލައިފަ އެވެ. އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލާ ގޮތަށް މީގެ އަހަރެއްހާ ދުވަސް ކުރިން ނިންމި އެވެ. އެކަމަކު އެކަން ފަހަށް މަޑުޖައްސައިލި އެވެ.