31 ޖެނުއަރީ 2017
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންދިއުމަށް ހަމަޖެއްސި ހާއްސަ އުޅަނދުގައި ދަތުރު ކުރެވޭނީ މައްޔިތާގެ އާއިލާގެ ތިން މީހުންނަށް އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންދިއުމަށް ހަމަޖެއްސި ހާއްސަ އުޅަނދުގައި ދަތުރު ކުރެވޭނީ މައްޔިތާގެ އާއިލާގެ ތިން މީހުންނަށް އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމްޓީސީސީގެ އުޅަނދަކީ ވީހާ ވެސް ފަސޭހަ ގޮތެއްގައި މައްޔިތުން އުފުލޭ އުޅަނދަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އެހެންވެ، އުޅަނދުގައި އެންމެ ގިނަ ވެގެން ތިބެވޭނީ އާއިލާގެ ތިން މީހުންނަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މައްޔިތާ އުފުލުމަށް ހާއްސަ ކުރާ އުޅަނދުގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ހުންނަ ހިނަވާގެ. މި ތަނުގައި އެއް ފަހަރާ ހަތަރު މީހުން ހިނަވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ. - ފޮޓޯ: މިހާރު
"އާއިލާގެ މީހުން ހުޅުމާލެ އަށް ގޮސް، އެނބުރި މާލެ އައުމަކީ އަމިއްލަ އަށް ކުރަން ޖެހޭ ކަމެއް. ޖަނާޒާގައި ބައިވެރިވާން ބޭނުންވާ މީހުން ހާއްސަ އުސޫލުގެ ތެރެއިން އެކަން ކުރެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް ހުއްޓާލާ ގަޑިތަކުގައި އެމްޓީސީސީގެ ހާއްސަ ފެރީއެއްގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެމްޓީސީސީން ހުޅުމާލެ އާއި މާލެ އަށް ކުރާ ދަތުރުތައް ދަންވަރު 2:30 އިން ފަތިހު 5:30 އަށް މެދުކަނޑައިލަ އެވެ.
"އާންމު އުސޫލުގެ ތެރެއިން ޓިކެޓު ނަގައިގެން އެކަން ކުރަން ޖެހޭނީ، އެއީ އިސްލާމިކް މިނިސްޓްރީން ނުވަތަ އިންތިޒާމު ކުރާ ފަރާތުން ކޮންމެހެން ޒިންމާ ނަގައިގެން ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު މިހެން ވިދާޅުވިއިރު، މަރުވާ މީހުން ހުޅުމާލެ އަށް ގެންދާނީ އެމްޓީސީސީގެ ހާއްސަ ފެރީއެއްގައި ކަމަށާއި އެ ފެރީން 60 މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ރާއްޖެ މިއަދުގެ ޕްރޮގްރާމްގައި ވާޙަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ރޭ ވަނީ ވިދާޅުވެފަ އެވެ.
- ވިލިމާލޭގައި މަރުވާ މީހުން މާލެ ނުގެނެސް، ހުޅުމާލެ އަށް ގެންދިއުން
- މާލޭގައި މަރުވާ މީހުން ގެންދާނީ މަސްވެރިންގެ ޕާކުގައި އޮންނަ އުޅަނދެއްގައި
- ހުޅުމާލެ އަށް އުޅަނދު ކައިރި ކުރާނީ އެޗްޑީސީގެ ޖެޓީ އަށް
- ޖެޓީން މައްޔިތާ ސަހަރާ އަށް ގެންދާނީ ރެޑްކްރެސެންޓްގެ އެމްބިއުލާންސްގައި
އަލީ ވަހީދު ވިދާޅުވީ މީހަކު މަރުވުމުން ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރުމުގެ އިންތިޒާމުތައް ހުޅުމާލޭގައި ހުންނަ ހިނަވާގޭގައި ގާއިމު ކުރެވިފައިވާ ކަމަށާއި އެ ތަނުގައި އެއް ފަހަރާ ހަތަރު މީހުން ހިނެވޭނެ ކަމަށެވެ. އަދި އެމްޓީސީސީގެ އުޅަނދުން ދެ މައްޔިތުން އެއް ފަހަރާ ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާސަހަރާގައި ކަށުކަމާކެމީގެ އެއްވެސް ކަމެއް ދެން ނުކުރާނެ. އެކަމަކު އާސަހަރާ މިސްކިތް ކުރިއެކޭ އެއްގޮތަށް ބޭނުން ކުރާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި ހުންނަ ހިނަވާ ގޭގައި ހިނަވާ މީހުންނަށް ހާއްސަ ތަނަކާއި ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ ތަނަކާއި އޮފީސް ބަޔަކާއި، ސަންދޯއް ބަހައްޓާނެ ތަނަކާއި ކަފުން ކުރާ ތަނަކާއި، ޖަނާޒާގައި ބައިވެރިވާން ބޭނުންވާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޑީސީގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް އިސްމާއިލް ޝާން ވިދާޅުވީ ހުޅުމާލޭގައި މީހުން ވަޅުލުމަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި ސަހަރާގައި ކުރަން ޖެހޭ ބައެއް ކުދިކުދި ކަންތައްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ޝާން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 20،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި މަސްޖިދު ޒައިދު ބިން ސާބިތު މިސްކިތާއި ހިނަވާގެ އާއި ސަހަރާ ހެދުމަށް ދިހަ މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި މާލޭގެ ހުރިހާ ސަހަރާތަކެއް ވަނީ ޖާގަ ފުރިފަ އެވެ. އާސަހަރާގައި މިހާރު މީހުން ވަޅުލާ ސަރަހައްދުގައި ޖެހިގެން އޮންނަ ހުސް ޖާގަ ބޭނުން ކުރާނެ ގޮތަކާ ބެހޭ ގޮތުން ފަހުން މައުލޫމާތު ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ތަނުގައި ހުންނަ ހިނަވާގެ ވަރަށް ބޮޑަށް މަރާމާތު ކުރުމަށް ވަނީ ބޭނުންވެފައި. އެތަން މަރާމާތު ކުރުމުގެ މަސައްކަތް މާދަމާ ފަށާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.
މާލޭގެ ހުރިހާ ސަހަރާއެއްހެން މިހާރު ފުރިފައި ވާއިރު، އާސަހަރާގައި ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފަސް އަޅައި، މަތިމައްޗަށް މީހުން ވަޅުލައިފަ އެވެ. އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލާ ގޮތަށް މީގެ އަހަރެއްހާ ދުވަސް ކުރިން ނިންމި އެވެ.
މާލޭގައި މީހުން ވަޅުލާން މިރޭ އަލުން ފަށަނީ
މައްޔިތުން އުފުލާ ފެރީ އަލުން ހިދުމަތަށް ނެރެފި
މާލޭގައި މީހުން ވަޅުލާން މަހުލޫފް އެދިވަޑައިގެންފި
މައްޔިތުން އަލުން ހުޅުމާލެ އަށް، ޝަކުވާ އެބަ ހުރި
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
އާ ސަހަރާގައި ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން:ރައީސް
މައްޔިތުން އުފުލާ ފެރީ ހަލާކުވެ އިތުރު ބުރައެއް
މާލޭގައި ވަޅުލުން ހުއްޓާލައި ހުޅުމާލެއަށް ބަދަލުކޮށްފި
އާސަހަރާގެ ބަދަލުގަ ހުޅުމާލޭގައި މީހުން ވަޅުލަން ފަށަނީ
ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއެއް ހިންގަނީ