Roadha Mihaaru
މާލޭގައި ވަޅުލުން ހުއްޓާލައި ހުޅުމާލެއަށް ބަދަލުކޮށްފި

އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލައިފި، މިހާރު ވަޅުލަނީ ހުޅުމާލޭގައި

02 ފެބުރުއަރީ 2017

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާސަހަރާގައި ވަޅުލުން ހުއްޓާލަން ސަރުކާރުން ނިންމައި ހުޅުމާލޭގައި ހުންނަ ގަބުރުސްތާނުގައި މީހުން ވަޅުލާން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާސަހަރާގައި ވަޅުލުން ހުއްޓާލަން ސަރުކާރުން ނިންމައި ހުޅުމާލޭގައި ހުންނަ ގަބުރުސްތާނުގައި މީހުން ވަޅުލާން ފަށައިފި އެވެ.

ކަށުކަމާކެމީގެ ހުރިހާ އިންތިޒާމުތައް ހުޅުމާލޭގައި ހުންނަ ހިނަވާގޭގައި ގާއިމުކޮށް މި މަހުގެ އެކަކުން ފެށިގެން މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާން ނިންމި ފަހުން ފުރަތަމަ މީހާ މިރޭ ވަނީ ވަޅުލައިފަ އެވެ. މިރޭ 10 ޖަހާކަންހާއިރު ހުޅުމާލޭގައި ހުންނަ ގަބުރުސްތާނުގައި ވަޅުލީ 69 އަހަރު ފިރިހެނެކެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވި މީހާ ހުޅުމާލެއަށް ގެންދިޔައީ އެމްޓީސީސީން މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮތް 60 މީހުންގެ ޖާގައިގެ ފެރީއެއްގަ އެވެ. މަސްވެރިންގެ ޕާކާ ދިމާލުން ނައްޓާލި މި ފެރީގައި މައްޔިތާގެ އާއިލާގެ ގިނަ މެމްބަރުންތަކެއް ވެސް ދަތުރު ކުރި އެވެ.

މާލޭގައި މަރުވި މީހާ އެމްބިއުލާންސްގައި ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ވައްދަނީ. - ފޮޓޯ: މިހާރު

މާލޭގައި މަރުވި މީހާ އެމްބިއުލާންސްގައި ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ވައްދަނީ. - ފޮޓޯ: މިހާރު

ގާތްގަނޑަކަށް 25 މިނެޓެއްހާއިރު ކަނޑުމަތީގައި ހޭދަކުރަން ޖެހުނު ދަތުރު ނިންމާލުމަށްފަހު، ފެރީ ކައިރި ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޖެޓީ ކައިރިއަށެވެ. ޖެޓީއަށް ކައިރި ކުރުމާއެކު ރެޑްކްރެސެންޓްގެ އެމްބިއުލާންސްއަށް އަރުވައިގެން މައްޔިތާ ގެންދިޔައީ ހިނަވާގެއަށެވެ. އާއިލާގެ މެމްބަރުން ހުޅުމާލެއަށް ފޭބުމުން ސަހަރާއަށް ގެންގޮސްދިނީ އެމްޓީސީސީގެ ބަހެއްގަ އެވެ.

ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރިއަށް ދިޔައީ ހުޅުމާލޭގައި ހުންނަ ހިނަވާގޭގަ އެވެ.

މަރުވާ މީހުން ހުޅުމާލެ އަށް ގެންދާ ހާއްސަ އުޅަނދުގައި ދަތުރު ކުރެވޭނީ މައްޔިތާގެ އާއިލާގެ ތިން މީހުންނަށް އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އުޅަނދުގައި ދަތުރު ކުރެވޭނީ މައްޔިތާގެ އާއިލާގެ ތިން މީހުންނަށް ކަން އެންގީ މައްޔިތާ ގެންދާނީ ކޮން ކަހަލަ އުޅަނދެއްގައި ކަން ނޭނގޭތީ ކަމަށެވެ. ނަމަވެސް މިހާރު މައްޔިތާއާއެކު އާއިލާގެ މެމްބަރުންނަށް ހިލޭ ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއިލާގެ މެމްބަރުންނަށް އުޅަނދުގައި ދަތުރު ކުރެވޭނެ، އެކަމަކު އުޅަނދު ފުރިއްޖެނަމަ، އާންމު އުސޫލުން ޓިކެޓު ނަގައިގެން ހުޅުމާލެއަށް ދިއުމުގެ ފުރުސަތު އޮންނާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

މާލޭގައި މަރުވި މީހަކު އެމްބިއުލާންސްއިން ބާލައި، ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ވައްދަނީ. - ފޮޓޯ: މިހާރު

މާލޭގައި މަރުވި މީހަކު އެމްބިއުލާންސްއިން ބާލައި، ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ވައްދަނީ. - ފޮޓޯ: މިހާރު

ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް ހުއްޓާލާ ގަޑިތަކުގައި އެމްޓީސީސީގެ ހާއްސަ ފެރީއެއްގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޓީސީސީން ހުޅުމާލެ އާއި މާލެ އަށް ކުރާ ދަތުރުތައް ދަންވަރު 2:30 އިން ފަތިހު 5:30 އަށް މެދުކަނޑައިލަ އެވެ.

ހުޅުމާލޭގައި ހުންނަ ހިނަވާ ގޭގައި ހިނަވާ މީހުންނަށް ހާއްސަ ތަނަކާއި ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ ތަނަކާއި އޮފީސް ބަޔަކާއި، ސަންދޯއް ބަހައްޓާނެ ތަނަކާއި ކަފުން ކުރާ ތަނަކާއި، ޖަނާޒާގައި ބައިވެރިވާން ބޭނުންވާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

ގާތްގަނޑަކަށް 20،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި މަސްޖިދު ޒައިދު ބިން ސާބިތު މިސްކިތާއި ހިނަވާގެ އާއި ސަހަރާ ހެދުމަށް އެޗްޑީސީން ދިހަ މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

މާލޭގެ ހުރިހާ ސަހަރާއެއްހެން މިހާރު ފުރިފައި ވާއިރު، އާސަހަރާގައި ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފަސް އަޅައި، މަތިމައްޗަށް މީހުން ވަޅުލައިފަ އެވެ. އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލާ ގޮތަށް މީގެ އަހަރެއްހާ ދުވަސް ކުރިން ނިންމި އެވެ. އެކަމަކު އާންމުންގެ މެދުގައި ވަރަށް ބޮޑެތި ޝަކުވާތަކެއް ހުރުމުން ސަރުކާރުން ނިންމި ނިންމުމަށް ބަދަލު ގެނެސް، މާލޭގައި އަލުން މީހުން ވަޅުލާން ނިންމި އެވެ.