Roadha Mihaaru
މައްޔިތުން އަލުން ހުޅުމާލެ އަށް، ޝަކުވާ އެބަ ހުރި

މައްޔިތުން އަލުން ހުޅުމާލެ އަށް، ޝަކުވާ އެބަ ހުރި

03 ފެބުރުއަރީ 2017

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންގޮސް ވަޅުލާން ފުރަތަމަ ފެށީ މިދިއަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު އިންތިޒާމްތައް ދޯދިޔާވުމާއި އާންމުން އުފުލަން ޖެހުނު ބުރަ ބޮޑުވުމުން، އެންމެ ފަހުން އާއިލާތަކުން އަމިއްލަ އަށް އަލުން އާ ސަހަރާގައި ވަޅުލާން ފެށުމުން، ހުޅުމާލެ އަށް ގަބުރު އުފުލުން ހުއްޓުމަކަށް އަ އެވެ. ފެބްރުއަރީ 1 ގައި އަނެއްކާވެސް މާލެ އާއި ވިލާމާލެ އިން ހުޅުމާލެ އަށް ގަބުރު ގެންގޮސް ވަޅުލަން މި ވަނީ ފަށައިފަ އެވެ. އެކަމަކު އަދިވެސް އިވެނީ އާންމުންގެ ޝަކުވާ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންގޮސް ވަޅުލާން ފުރަތަމަ ފެށީ މިދިއަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު އިންތިޒާމްތައް ދޯދިޔާވުމާއި އާންމުން އުފުލަން ޖެހުނު ބުރަ ބޮޑުވުމުން، އެންމެ ފަހުން އާއިލާތަކުން އަމިއްލަ އަށް އަލުން އާ ސަހަރާގައި ވަޅުލާން ފެށުމުން، ހުޅުމާލެ އަށް ގަބުރު އުފުލުން ހުއްޓުމަކަށް އަ އެވެ. ފެބްރުއަރީ 1 ގައި އަނެއްކާވެސް މާލެ އާއި ވިލާމާލެ އިން ހުޅުމާލެ އަށް ގަބުރު ގެންގޮސް ވަޅުލަން މި ވަނީ ފަށައިފަ އެވެ. އެކަމަކު އަދިވެސް އިވެނީ އާންމުންގެ ޝަކުވާ އެވެ.

މަރުވާ މީހުން ހުޅުމާލެއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެކަމަށްޓަކައި މަސްވެރިންގެ ޕާކު ކައިރިން އިސްލާމިކް މިނިސްޓްރީއަށް ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފަ އެވެ. މައްޔިތާ އުފުލުމަށް އެމްޓީސީސީގެ ހާއްސަ ފެރީއެއް އޮވެ އެވެ. އެކަމަކު އެ ފެރީގައި މަސައްކަތް ކުރާ ބައެއް ފަޅުވެރިންގެ ވެސް ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ބައެއް ފަޅުވެރިން "މިހާރު"އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އެމީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްވެރިންގެ ޕާކުގެ ކަނޑު ތޮއްޓާ ފެރީ ކައިރި ކުރަން ޖެހުމެވެ. ފަޅުތެރެއިން ފެރީ ނެރެން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ މީހުން ބުނެ އެވެ.

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ. - ފޮޓޯ: މިހާރު

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ. - ފޮޓޯ: މިހާރު

"ފެރީ ފަހަތަށް ޖަހައިގެން ފަޅު ތެރެއިން ނެރޭއިރު ގިނަ ވަގުތު ނަގާނެ ކަމަށް ބެލެވެނީ، އަނެއްކާ ފަޅުތެރެ ވަރަށް ބޮޑަށް ބާރުބޮޑުވާ ގަޑިތަކުގައި ނިކުންނަން ވަރަށް އުނދަގޫވާނެ،" ފަޅުވެރިއަކު ބުންޏެވެ.

"އާންމުކޮށް ލޯންޗާއި ދޯނިތައް އަޅާފައި އޮންނަ ސަރަހައްދެއް މަސްވެރިންގެ ޕާކު ކައިރީގައި އޮންނަ ފަޅުތެރެއަކީ. ގިނަ ފަހަރު އެއިން އުޅަނދެއްގައި މީހުން ނުތިބޭނެ، އެ ހިސާބުން ކިހިނެއް ފެރީ ނެރެނީ،؟"

ފަޅުވެރިން ބުނި ގޮތުގައި މި މައްސަލައަށް އޮތީ އެންމެ ހައްލެކެވެ. އެއީ މައްޔިތުން އުފުލާ ހާއްސަ ފެރީއަށް އެހެން މީހުން ޖާގަ ދިނުމެވެ. އެހެންނޫން ނަމަ މައްޔިތާ ގިނަ ވަގުތު ބާއްވަން ޖެހިދާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ކަށުކަމާކެމީގެ ހުރިހާ އިންތިޒާމުތަކެއް ހުޅުމާލޭގައި ހުންނަ ހިނަވާގޭގައި ވަނީ ގާއިމުކޮށްފަ އެވެ. ހުޅުމާލެ އަށް ފުރަތަމަ މައްޔިތާ ރޭ ގެންދިޔައީ އެމްޓީސީސީގެ ހާއްސަ އެ ފެރީގަ އެވެ. އޭގައި ގަބުރު ބާއްވާނެ އަށިގަނޑެއް ނެތެވެ. އެހެންވެ، މައްޔިތާ ބޭއްވީ އޭޑީކޭ ހޮސްޕިޓަލްގެ އަށިގަނޑުގަ އެވެ.

ފެރީގައި ޖާގަ އޮތް ވަރުން ދަތުރުކުރެވޭނެ

މަރުވާ މީހުން ހުޅުމާލެ އަށް ގެންދަން ހަމަޖެއްސި ފެރީއަކީ 60 މީހުންގެ ޖާގައިގެ އުޅަނދެކެވެ. އެ ފެރީގައި އެއް ފަހަރާ ދެ މައްޔިތުން ގެންދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެކަމަކު މައްޔިތާއާ އެކު އޭގައި ދެވޭނީ އާއިލާގެ އެންމެ ތިން މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން މިނިސްޓްރީ އަށް އަމާޒުވި އެވެ. މިހާރު ހަމަޖައްސާފައި ވަނީ ފެރީގައި ޖާގަ އޮތް މިންވަރަކުން އާއިލާގެ މީހުން ވެސް ގެންދާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މައްޔިތާއާ އެކު އުޅަނދުގައި ދެވޭނީ އާއިލާގެ ތިން މީހުންނަށް ކަން އެންގީ މައްޔިތުން ގެންދާނެ އުޅަނދަކާ މެދު ގޮތެއް ނުނިމިގެން ކަމަށެވެ.

"އުޅަނދުގައި ޖާގަ އޮތް ވަރަކުން މައްޔިތާއާ އެކު އާއިލާގެ މެމްބަރުންނަށް ދަތުރު ކުރެވޭނެ (މިހާރު). ޖާގަ ފުރިއްޖެ ނަމަ އާންމު އުސޫލުން ޓިކެޓު ނަގައިގެން ހުޅުމާލެ އަށް ދިއުމުގެ ފުރުސަތު އޮންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ. މިއީ 60 މީހުންގެ ޖާގައިގެ ފެރީއެއް. - ފޮޓޯ: މިހާރު

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީ. މިއީ 60 މީހުންގެ ޖާގައިގެ ފެރީއެއް. - ފޮޓޯ: މިހާރު

ފެރީގައި މައްޔިތާ އުފުލާ އިރު ރައްކާތެރި ގޮތަކަށް އެކަން ހަމަޖެހިފައި އޮންނަން ޖެހޭނެ އެވެ. އެކަމަކު ފުރަތަމަ މައްޔިތާ ގެންދިޔައިރު އަށިގަނޑުން ކައްސާލާފާނެތީ އާއިލާގެ މެމްބަރުން ކަންބޮޑުވި އެވެ. އެ މީހުންނަށް ޖެހުނީ މައްޔިތާގެ ގައިގައި ބާރަށް ހިފަހައްޓައިގެން ތިބޭށެވެ. ކަނޑު ގަދަ ދުވަހެއް ނަމަ، މައްޔިތާ އަށް ޖެހޭނެ ހާލެއް އެއްގޮތަކަށް ވެސް ނޭނގޭނެ އެވެ. ވިއްސާރަ ދުވަހެއްނަމަ، ފެރީގެ ދިރުނބާކޮޅުން ގަބުރު ބާލަން އުޅުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ.

ޖަނާޒާގައި މީހުން މަދުވާނެ

ގާތްގަނޑަކަށް 25 އެއްހާ މިނެޓުގެ ދަތުރަކަށް ފަހު، ފެރީ ކައިރި ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޚާއްސަ ޖެޓީއަށެވެ. ޖެޓީން މައްޔިތާ ސަހަރާ އަށް ގެންދަން ރެޑްކްރެސެންޓްގެ އެމްބިއުލާންސެއްގައި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު ހޭދަވެ އެވެ. ފެރީން ދަތުރު ކުރާ އެންމެން ސަހަރާއަށް ގެންދަން އެމްޓީސީސީގެ ބަހެއް ހަމަޖައްސާފައި އޮތެވެ. އެކަމަކު ފެރީން ދަތުރު ކުރާ އެންމެން އެނބުރި މާލެ ދިއުމުގެ އެއްވެސް އިންތިޒާމެއް ނެތެވެ.

އެކަމަކު މާލެ އިން އުފުލަން ޖެހުނު ދެ ވަނަ މައްޔިތާ ފެރީގައި އެޗްޑީސީ ޖެޓީ އަށް ކައިރި ކުރިއިރު، އެ ބަހެއް ނެތެވެ. އެހެންވެ، އާއިލާގެ މީހުންނާއި ފެރީން ދަތުރު ކުރި މީހުން ހިނަވާގެއާ ހަމައަށް ދާން ޖެހުނީ ހިނގައިފަ އެވެ. އެހެންކަމުން މީގައި ވެސް ވާނުވާ ގޮތެއް ނޭނގެ އެވެ.

ހުޅުމާލޭގައި ހުންނަ ހިނަވާ ގޭގެ ތަނަވަސްކަން އާ ސަހަރާގައި ހުންނަ ހިނަވާގެއަށް ވުރެ ބޮޑުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގޮތުން ހިނަވާ މީހުންނަށް ހާއްސަ ތަނަކާއި ފިރިހެނުންނާއި އަންހެނުންނަށް ކޮޓަރިއަކާއި އޮފީސް ބަޔަކާއި، ސަންދޯއް ބަހައްޓާނެ ތަނަކާއި ކަފުން ކުރާ ތަނަކާއި، ޖަނާޒާއަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ވެސް ހިމެނެ އެވެ.

މާލޭގައި އިއްޔެ މަރުވި މީހަކު އެމްބިއުލާންސްއިން ބާލައި، ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ރޭ ވައްދަނީ. - ފޮޓޯ: މިހާރު

މާލޭގައި އިއްޔެ މަރުވި މީހަކު އެމްބިއުލާންސްއިން ބާލައި، ހުޅުމާލޭގައި ހުންނަ ހިނަވާގެއަށް ރޭ ވައްދަނީ. - ފޮޓޯ: މިހާރު

ސަހަރާއާ ޖެހިގެން ހުންނަ މަސްޖިދު ޒައިދު ބިން ސާބިތުގައި އެއްފަހަރާ 650 މީހުންނަށް ނަމާދުކުރެވެ އެވެ.

ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ކޮންމެ އާއިލާއަކުން ވެސް އެދޭނެ ކަމެކެވެ. ޖަނާޒާ އަކީ އެންމެ ފަހުގެ އިހުތިރާމެވެ. އެކަމަކު ހުޅުމާލެ އަށް ދާން އުނދަގޫތަކެއް ހުރުމުން، ވަރަށް ގިނަ ބަޔަކަށް ޖަޒާނާތައް ގެއްލޭނެ އެވެ. އާ ސަހަރާގައި ކޮންމެ ޖަނާޒާއެއްގައި ބައިވެރިވާ ބައެއް މީހުން ބުނާ ގޮތުގައި ދަތުރުފަތުރު ހުރި ގޮތުން އެކަމަށް މިހާރު މިވަނީ ހުރަސް އެޅިފަ އެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަކުރަން މިހެން ވުމުން. ހުޅުމާލެ އަށް ގޮސް ޖަނާޒާގައި ބައިވެރިވާން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ،" އޭގެ ތެރެއިން އެކަކު ބުންޏެވެ.

ދީނީ ގޮތުން މައްސަލައެއް ނޫން

މައްޔިތަކު ކަނޑުމަތީގައި އުފުލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު އެ ވާހަކަތައް ދޮގުކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މަރުވާ މީހުން ކަނޑުމަތީގައި ގެންދިއުމަކީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށެވެ.

"[ރާއްޖެއިން ބޭރުގައި މަރުވާ ބައެއް މީހުން] އެއާޕޯޓުން މާލެ މި ގެންނަނީ ކަނޑު ހުރަސްކޮށްފައި. މަރުވާތާ ދެތިން ދުވަސް ފަހުން މާލެ އެބަ ގެނޭ،" ޓީވީއެމުން މިދިޔަ ހޯމަ ދުވަހު ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދާއިމީ ގޮތެއްގައި ކުރަން ހަމަޖެއްސި ކަމެއް ނޫނެވެ. އެ ގޮތުން މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ނިމުމުން މައްޔިތުން ހުޅުމާލެ އަށް ގެންދާނީ ބްރިޖުގެ މަތިން ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި ހުޅުމާލޭގައި ހުންނަ ގަބުރުސްތާނުގައި 20،000 މީހުން ވަޅުލެވޭނެ އެވެ. ބޮޑު ސުވާލަކީ އެއެއް ނޫނެވެ. ބޮޑު ސުވާލަކީ އަދިވެސް އާންމުންގެ ކަންބޮޑުވުން ހުރުމެވެ. ބްރިޖް ހުޅުވެން، ސަރުކާރުން ބުނާ ތާރީޚަށް ބަލާއިރު، ދެން އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. އެހާ ދުވަސް ވަންދެން މިކަން ނުކޮށް މަޑުކޮށްލުން ރަނގަޅު ކަމަށް އެތައް ބަޔަކު ބުނެ އެވެ.

އާއިލާގެ މީހަކު މަރުވުމަކީ ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އެއް ހިތާމަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ހިތާމާގައި ތިބޭ ބަޔަކަށް، ބޭނުން ނެތް އުނދަގޫތަކެއް ޖެއްސުމުގެ އެއްވެސް މާނައެއް ނެތެވެ. އާ ސަހަރާގައި މީހުން ވަޅުލާނެ އެއް ބްލޮކް އަދި އެބަ އޮތެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވެސް އެ ތަން ބޭނުންކުރެވޭނެ ކަމަށް، ޖަނާޒާތަކުގައި ބައިވެރިވާ ބައެއް މީހުން ބުނެ އެވެ.

އެ ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ އެ ބިމާ މެދު ނިންމާ ގޮތެއް ފަހުން އަންގާނެ ކަމަށެވެ. އެކަމަކު މިފަދަ ކަންކަމުގައި "ފަސްކުރުން" މިއީ ރަނގަޅު ބަހެއް ނޫނެވެ. މި ދައްކަނީ ދުވަސްކޮޅަކު ބޭނުންކުރެވިދާނެ ބިމެއްގެ ވާހަކަ އެވެ. މިނިސްޓްރީ އަށް އެކަމާ މެދު ގޮތެއް ނުނިންމި، ކަނޑު މަތީގައި މައްޔިތާ އުފުލުމުގެ އުނދަގޫތައް، ހިތާމާގައި ތިބޭ އާއިލާތަކަށް ޖެއްސުމަކީ، އިންސާފުގެ ނަޒަރަކުން ބަލާއިރު ދެރަކަމެކެވެ.